ޒުވާން ދިވެހި ބޭސްވެރިޔާ ސެނީ، އުފާވެރިކަމުގެ ހަނދާންތަކާ ހަބަރަށް ވުރެ ހިތި ވާހަކައެއް

ޒުވާން ދިވެހި ބޭސްވެރިޔާ ސެނީ --

ބޮޑު އަންހެނަކު ރޮމުން ހޭރެމުން ގެއަށް ވަތްއިރު ތުއްތު ކުއްޖަކު ކިހިލީގައި އިނެވެ. އޭނާ ގޮވަމުން ދިޔައީ އައިމިނަތު އަބްދުލްކަރީމް ނުވަތަ ކުރަމަތި އައިމިނާ އަށެވެ. އައިމިނާ ފެނުމާއެކު، ދަރިފުޅު ގަހަކުން ވެއްޓުނު ވާހަކަ އާއި ދަރިފުޅުގެ އަތް ބިންދައިގެން ދިޔަ ވާހަކަ ކިޔައިދިނެވެ. އަތް މަށައިގެން ގޮސް، އެތެރެއިންނާއި ބޭރުން ޒަޚަމްތަކެއް ލިބިފައިވާއިރު، އެ ކުއްޖާގެ އަތުން ލޭތަށް ހޯސްލާފައި އޭރުވެސް ފައިބަނީއެވެ.

އުމުރުން ގާތްގަނޑަކަށް 10އަހަރުގެ އައިމިނަތު ޒޫނާ (ސެނީ) މި މަންޒަރު ބަލަން އިނީ މާމަގޭގެ ކާގެތެރޭގައެވެ. ރަށުގައި ދިވެހި ބޭސްވެރިކަމަށް މަޝްހޫރު ކުރަމަތި އައިމިނާއަކީ އޭނާގެ މާމައެވެ. އެންމެންގެ މޫނުމަތިން ހާސްކަން ފެނުން އިރު، މާމަގެ އަމަލުތައް މަޑުމައިތިރިއެވެ. އެތަނުގައި އެވަގުތު ތިބި މީހުން ކައިރީ އޮއްޓާއި ފޮތި ގެނެސްދިނުމަށް އެދި އޭނާގެ މަސައްކަތް ފަށައިފިއެވެ.

މާލޭގައި އުޅެބޮޑުވި ސެނީގެ އެންމެ ދުރު ހަނދާނަކީ މިއެވެ. މާމައަކީ މޮޅަށް ދިވެހި ބޭސްވެރިކަން ކުރި ހަކީމެކެވެ. މާމަގެ މަސައްކަތް ގާތުން ބެލުމުގެ ޝައުގުވެރިކަން ކުޑައިރުއްސުރެ ހިތާއި ސިކުނޑިއަށް ވެރިވެފައިވީ ނަމަވެސް މިއީ އޭނާ ކުރާނެކަމެކޭ ދުވަހަކު ވެސް ހިތަކަށް ނާރައެވެ.

ސެނީގެ މާމަ އައިމިނާ

ކިޔެވުމާ، މަސައްކަތާ މޮޑެލް ކުރުން، ހަގީގީ ހިތްހަމަޖެހުމެއް ނެތް

ސްކޫލު ނިމުމާއެކު އޭނާ މަތީ ތައުލީމަށް ކިޔަވަން ފަށައިފިއެވެ. ލޯޔަރަކަށް ވުމަށް ބައްޕަ ދެކޭ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ލޯ ކިޔަވަންފެށި ނަމަވެސް، އޭނާ ތިން އަހަރު ފަހުން ލޯ ކިޔެވުން ހުއްޓާލީ އެއީ އޭނާ ހަގީގަތުގައި އެންމެ ކުރަން ބޭނުންވި މަސައްކަތަށް ނުވުމުންނެވެ. ހިތާއި ނަފުސަށް ހަގީގީ ހިތްހަމަޖެހުން ނުލިބިދާނެކަމެއް ކުރަން ބޭނުން ނުވީއެވެ.

"އެންމެން ވެސް ވަރަށް ހިތްހަމަ ނުޖެހުން ކިޔެވުން ހުއްޓާލީމަ. އެކަމަކު ކުރަން ބޭނުން ނުވާ ކަމެއްވީމަ ކިޔެވުމުން ކުރިއަށް ނުދެވުނީ،"

ކިޔެވުން ހުއްޓާލުމަށް ފަހު ސެނީ އެކި ދާއިރާތައް ތަޖުރިބާކުރިއެވެ. ހަގީގަތުގައި އެންމެ ކުރާހިތްވަނީ ކޮންކަމެއްތޯ ހޯދުމުގެ ނިޔަތުގައެވެ.

"2006ވަނަ އަހަރު ހައިރަޒުން ބޭއްވީ ކޮލޮމްބޯ ރަންވޭއެއް. ރައްޓެއްސެއް ބުނީ އޭގަ ބައިވެރިވާންވީ ނުންހޭ. ދެން އެއީ ލާރި ލިބޭ ކަމަކަށްވެފަ ސްރީލަންކާއަށް ވެސް ހަމަ ހިލޭ ދެވޭތީ ހިތަށް އެރީ ކީއްވެހޭ ނުކުރާންވީ،"

އެއީ ރާއްޖެއަށް މޮޑެލްކުރުން ތައާރަފުވި ފުރަތަމަ ދުވަސްވަރެވެ. އެހެންކަމުން އެއީ ހަމައެކަނި އެކަމުން ދިރިއުޅުމެއް ބިނާކުރާ ވަރަށް ފައިސާ ލިބޭ ދާއިރާއެއް ނޫނެވެ. އޭރު މޮޑެލްކުރި އެންމެން ވެސް އެކަން ކުރީ އެހެން ވަޒީފާއެއްގައި އުޅެމުންނެވެ. ސެނީ ވެސް އެހެން ވަޒީފާތައް އަދާކުރަމުން ވެސް އުމުރުން 26 އަހަރުވަންދެން މޮޑެލް ކުރުމުގައި ދެމިހުއްޓެވެ.

ސެނީ މޮޑެލްކުރަނީ --

"އަސްލު އެއީ ހޮބީއެއްގޮތަށް ބޮޑަށް ކުރި ކަމެއް. އޭރު ވެސް އެހެން މަސައްކަތްތައް ކުރީ. މާކެޓިންގަ މަސައްކަތް ކުރިން، ނަލަހިޔާގަ މަސައްކަތް ކުރިން ދެން އެއް އިރެއްގަ ރިސޯޓެއްގައި ވެސް މަސައްކަތްކުރިން،" ނޫކަށިފުރާ ޒުވާން ދުވަސްވަރުގެ ހަނދާންތައް އާކުރަމުން އޭނާގެ ވާހަކަ ކުރިއަށްގެންދިޔައެވެ.

ރިސޯޓުގެ ތަޖުރިބާއިން ހަގީގީ ދިވެހި ބޭސްވެރިކަމަށް އުފެދުނު ޝައުގު

އެއީ 2015ވަނަ އަހަރުގެ ކުރީކޮޅެވެ. ދިރިއުޅުމުގެ ތަޖުރިބާތަކުގެ ތެރެއިން އުމުރުން 25 އަހަރުގައި ކުރެވުނު ތަޖުރިބާއެކެވެ. ނަމަވެސް މިފަހަރު މިއީ ސެނީގެ ދިރިއުޅުމަށް ބަދަލެއް ގެނައި ތަޖުރިބައެކެވެ.

"އެފަހަރު ވެސް ހަމަ ރައްޓެއްސެއް ދިނީ ދުވަސްކޮޅަކަށް ރިޒޯޓެއްގެ ސްޕާގަ މަސައްކަތް ކުރުމުގެ ފުރުސަތު. އެމީހުންގެ މެނޭޖަރު ދިޔައީމަ އޭނާ އެނބުރި އަންނަންދެން އެތަން ފިލްކޮށްލަދިނީ. އެއީ އަސްލު "ނެޗުރަލް ރެމެޑީސް"އަށް ޝައުގުވެރިކަން އުފެދުނު ހިސާބަކީ،"

ސެނީގެ ބްރޭންޑް "ސެނީ ބީ ލަވްޑް"ގެ އުފެއްދުންތައް

އޭނާއަށް އެ ރިޒޯޓުގެ ސްޕާއިން ލިބުނީ އެހެންނޫނީ ނުލިބޭ ހިތްހަމަ ޖެހުމަކާއި އުފަލެކެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި އުޅުމަށްފަހު ރިސޯޓެއްގެ ސްޕާގައި މަސައްކަތް ކުރުން ވީ ހަގީގަތުގައި ހިތައް ހަމަޖެހުމެއް ލިބި ހަޔާތުގައި މަގެއް ދައްކައިދިން ކަމަކަށެވެ.

އެއީ ކުޑަ ދުވަސްކޮޅެއްގެ ތަޖުރިބާއެކެވެ. ހީވެސް ނުކުރާހާ އަވަހަށް ދުވަސްތައް ފާއިތުވެ މާލެ ދާން ޖެހިއްޖެއެވެ. ނަމަވެސް މިފަހަރު ގުދުރަތީގޮތުން ކަންކަން ރަނގަޅު ކުރުން ނުވަތަ "ނެޗުރަލް ރެމެޑީސް"އަށް އޮތް ޝައުގު އޭނާގެ ހިތުގައި އޮތީ ބިންވަޅުނެގިފައެވެ.

މާލެ ގޮސް އެކި ގޮތްގޮތުން ކަންކަން ހޯދައި ގިނަ ދިރާސާތަކެއް ކުރުމަށްފަހު 2016ވަނަ އަހަރު "ސެނީ ބީ ލަވްޑް"ގެ ނަމުގައި ފުރަތަމަ އުފަންކުރުވީ އޭނާގެ އަމިއްލަ ބްރޭންޑެވެ. އެއީ ގުދުރަތީ ސާމާނު ބޭނުންކޮށްގެން، ރީތިވާ ތަކެތި އުފެއްދުމަށް ޚާއްސަ ބްރޭންޑެކެވެ. މި ބްރޭންޑު އުފަންކުރުވުމަށްފަހު އޭނާ ދިޔައީ، ބޮޑީ ސްކްރަބް، ފޭސް މާސްކް، ކާށި ތެޔޮ، ސައިބޯނި ފަދަ ރީތިވުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު އުފައްދަމުންނެވެ.

ސެނީގެ ބްރޭންޑް "ސެނީ ބީ ލަވްޑް"ގެ އުފެއްދުންތައް--

"2017ވަނަ އަހަރު ދަރިފުޅު ލިބިފައި ކުޑަކޮށް މަޑުޖެހުނީ. އަސްލު އަހަރެން ކިޔެވީ ސައިންސް. ބިޒްނަސް ހިންގަން ވަރަށް ނޭންގޭ. އެއީ އަސްލު އެފަހަރު މަޑުވި ކަމަކީ،"

އެއީ ހަޔާތުގައި ބޮޑެތި ގިނަ ކަންތައްތަކަކާ ވެސް ކުރިމަތިލާން ޖެހުނު ދުވަސްވަރެކެވެ. އެހެންކަމުން ބަދަލަކަށް އެދި އޭނާ ދިޔައީ އުފަންރަށް އުކުޅަހަށެވެ.

އަނެއްކާވެސް މާމަގެ ހިޔާވަހިކަމަށް، ދިވެހި ބޭހުގެ މަދަރުސާއަށް

ބަދަލަކަށް އެދި ރަށަށް ދިޔަ ސެނީއަށް ފެނުނީ މާމަގެ ބަދަލު ނުވާ ދިރިއުޅުމުގެވެ. މި މަންޒަރު ފެނި ހިތުގައި ދިވެހި ބޭސްވެރިކަމަށް އޮތް ޝައުގުވެރިކަން ވީ އިތުރެވެ.

"މާމަ ކައިރީ އަހަރެން ބުނީ އަހަންނަށް ދިވެހި ބޭސްވެރިކަން ދަސްކޮށްދޭށޭ. ބުނީމަ މާމަ ބުނީ ނުކޮށްދޭނަމޭ. މިއީ ތިމީހުންނަށް ކުރެވޭވަރު ކަމެއް ނޫނޭ. ބުނީމަ އަހަރެން ބޭނުންވީ ހަމަ ދަސްކުރަން،"

މާމައާއެކު ގޭތެރޭ މަސައްކަތުގައި --

ހިތުގައި ކަނޑައެޅި އަޒުމާއެކު އޭނާ މާމަގެ ފަސްފަހަތް ބަލައި އަމިއްލައަށް ކަންކަން ދަސްކުރަންފެށިއެވެ. މިކަމަށް ޝައުގުހުރިކަން މާމައަށް ދައްކަން އުމުރުން ދުވަސްވީ މާމަފަހަތުން ވަލަށް ފަތް ބިންނަން ވެސް ދާންފެށިއެވެ. އެންމެ ފަހުން އޭނާއަށް މާމަ ކޮންމެވެސް ވަރެއް ދަސްކޮށްދީފިއެވެ.

ނަސީބު އެއް އަތުގައި ހިފިތަނާ އަނެއްކޮޅުން އަތުގައި ހިފީ ބަދުނަސީބެވެ. ފައިގައި ރެނދެއް އަޅައި އޭނާ މާލެ ދާންޖެހިއްޖެއެވެ.

"މާލޭގައި ހުއްޓާ މާމައަށް ސްޓޮރޯކެއް ޖެހިގެން ގެނައީ މާލެ.މާލެ ގެނައިފަހުން މާމަ ނިޔާވީ،" އެއީ ސެނީގެ ހަޔާތުގައި ހިތާމަވެރި ސަފުހާތަކެކެވެ.

ކަމެއް ކާމިޔާބު ނުވެ އަތުން ބީވެގެން ދިއުމުގެ ހިތާމަވެރި އިހުސާސްތައް އޭނާ ވަށާލާފައި ވަނިކޮށް ފެނުނީ 2019ވަނަ އަހަރު މައި ކޮލެޖުން ދިވެހި ބޭސްވެރިކަމުގެ ކޯހެއް ފެށިތަނެވެ.

މެންދުރު ފަތް ހޯދަން މާމައާއެކު ވަލަށް ދިއުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް --

"ދުވަހަކު ވެސް ހިޔެއް ނުކުރަން މިއީ ކޮލެޖެެއްގަ ކިޔެވެނެ ކަމެކޭ. ދިވެހި ބޭސްވެރިކަން ދަސްވާނެ ހުރިހާ ގޮތެއް ބަންދުވީކަމަށް ހީވެފަ އޮތީ އޭރު،"

އޭނާ ސިފަކުރީ އެއީ މައުލޫމާތުން ފުރިގެންވީ ކޯހެއްގެ ގޮތުގައެވެ.

"ފަތްޕިލާވެލި ކިޔަވައިދީފަ، އެންމެ ކުރީގަ ހަދާއުޅުނު ބޭސްތައް ވެސް ކިޔަވައިދިން. ކްލިނަލް ޕްރެކްޓިކް ކޮށްފަ މަސާޖް ޓެކްނިކްތައް ވެސް ކިޔައިދިން. ކުޑަ ދުވަސްކޮޅެއް ތެރޭގަ ވަރަށް ގިނަ މައުލޫމާތު ދަސްކޮށްދިން،"

އެ ކޯސް 2020ވަނަ އަހަރުގެ ޖަނަވަރީގައި ނިންމާ އޭނާ ސެޓްފިކެޓު ހާސިލްކުރިއެވެ. އަދި އެއަހަރުގެ މާޗްމަހު ރަށަށް ދިރިއުޅުން ބަދަލުކުރިއެވެ.

ދިވެހި ބޭހުގެ މުސްތަގުބަލު ހަބަރަށްވުރެ ހިތި

އެއްވެސް ވަރަކަށް މީހުން އާދޭތަ ބޭސް ކުރަން؟ ދިވެހި ބޭސްވެރިކަން ކޮށްގެން އާމްދަނީއެއް ލިބޭތަ؟ މިކަމަށް ބޭނުންވާ ފަތްޕިލާވެލި އަދިވެސް ހުރޭތަ؟

ރާއްޖޭގެ އެންމެ ޒުވާން ދިވެހި ބޭސްވެރިޔާ ގާތު މި ސުވާލުތައް އެހުނީ އުފާވެރި ވާހަކަތަކެއް އަޑު އިވޭނެކަމަށް އުންމީދު ކޮށްގެންނެވެ. ނަމަވެސް ކަންތައްވީ މުޅިން ޚިލާފަށެވެ. ޑޮކްޓަރީ ބޭސް މުޅި ދުނިޔޭގައި ކުރިއަރާފައިވާ ދުވަސްވަރެއްގައި ދިވެހި ބޭސްވެރިކަމަށް ކުރިން އޮތް ތަރުހީބު މިހާރު ނެތްކަން ސެނީ ގަބޫލުކުރެއެވެ.

"ދިވެހި ބޭސްކޮށްގެން ކަންކަން ރަނގަޅުވާން ދުވަސް ނަގާނެ. ވަގުތުން ރަނގަޅެއް ނުވާނެ. އެކީ ރަނގަޅުވާއިރު ކުރިއެކޭ އެއްގޮތްވާނެ. އެކަމަކު ޑޮކްޓަރީ ބޭހުން މިވާގޮތަކީ ވަގުތުން އެބަ ފަރުވާ ލިބޭ. އެހެންވެގެން ގިނަ ވަގުތު ހޭދަކޮށްގެން ފަރުވާއެއް ހޯދަން ވެސް މިހާރު މީހުން ބޭނުމެއް ނުވޭ،"

އެޒަމާނުގައި މީހުން ދިވެހި ބޭސްވެރިކަން ކޮށްދީ އުޅުނީ ހިލެއެވެ. ނަމަވެސް، ފަތްޕިލާވެލި ތަދު މިޒަމާނުގައި އެއްވެސް ކަމަކީ ހިލޭ ކުރެވޭނެ ކަމެއް ވެސް ނޫނެވެ.

ސެނީ ދިވެހި ބޭސް ތައްޔާރުކުރަނީ --

"އާދޭ ކޮންމެވެސް ވަރަކަށް މީހުން އަދިވެސް. ބޭސްގަނޑެއް ހަދާލަން ނުނަގަށް ފައިސާއެއް. އެކަމަކު މީހެއްގެ ތަދު އެއްކޮށް ދަންދެން މަސާޖުކުރަން ބޭނުންވަންޏާ އަހަރެން ވެސް ޖެހޭނެ އެވަގުތަކަށް ހުސްވެ އެގެއަށް ގޮސް، އެކަމަށް ހުސްވާން. އެހެންވިއްޔާ ކޮންމެވެސް އެއްޗެއް ނަގަން،"

އަނެއްކަމަކީ ރާއްޖެއިން މިކަމަށް ބޭނުންވާ ފަތްޕިލާވެލި ހޯދުމެވެ. ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި ރާއްޖޭގައި ތަދުކަން އޭނާ ފާހަގަކުރިއެވެ.

"އަސްލު ތަންތަން ހަދަންވެގެން ގަސްތައް ކަނޑާލާއިރު، މި ހުންނަނީ މިކަހަލަ އެއްޗެހި ނެތި ގޮސްފަ. މިރަށުގައި އުޅޭ އެހެން ދައްތައެއް ދިވެހި ބޭސް ހަދާ. އޭނާ ބޭނުންވީ ފަތް މިރަށުން ނުލިބިގެން ކައިރި ދެ ރަށެއް ބެލިފަހުން އެފަތް ލިބުނީ. އެކަމަކު އެއީ ކުރިން ހަމަ މިރަށުން ވެސް ލިބޭ އެއްޗެހި،" ކަންބޮޑުވުން ފާޅުކޮށް އޭނާ ކިޔައިދިނެވެ.

ސެނީ ގަބޫލުކުރާ ގޮތުގައި މިހާރު ދިވެހި ބޭސްވެރިކަން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ގިނަ މީހުން މިއީ ބޭހެއްކަން ބަލައިނުގަންނަ އިރު، މިކަން ދިރުވާ އާލާކުރާނެ ބަޔަކު ނެތްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މައި ކޮލެޖުގައި ދިވެހި ބޭސް ކޯސް ހެދި އިރު ނަގާފައިވާ ފޮޓޯއެއް --

"އަސްލު ބޮޑު ފޮއްޓަށް ލައި ތަޅުލައިގެން މީތި މިހިސާބަށް އައީ. އެބަ ޖެހޭ އެކަން ނައްތާލާ ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރަން ދިވެހި ބޭސްވެރިކަން ކުރި އަރުވަން. އަހަރެމެންނަށް އެކަމަށް ރަށެއް ހާއްސަކޮށްފައި އެތާ ފަތްޕިލާވެލި ހައްދާ، ދެން ބޭނުންވާ ކަންކަން ވެސް ކުރެވިދާނެ. އެކަމަކު މިކަންކަން ކުރާނެ ބަޔަކު ނެތް،" އޭނާ ބުންޏެވެ.

އިންޑިއާއަށް ކުރި ދަތުރެއްގައި ކުރެވުނު ތަޖުރިބާއެއް ވެސް އޭނާ ހިއްސާކުރިއެވެ. އެ ގައުމުގައި ޑޮކްޓަރީ ބޭސްވެރިކަން ކިތަންމެ ކުރިއަރާފައި ވީ ނަމަވެސް، ފަތްޕިލާވެލީގެ ޚިދުމަތްދޭ ހޮސްޕިޓަލްތައް ހުންނަކަމާއި އެކަން އުވި ދިޔަ ނުދޭކަން އޭނާ ފާހަގަކުރިއެވެ.

މިހާރު ފިޔަވަޅެއް ނާޅައިފިނަމަ، ސެނީއަށް ފެންނަނީ ދިވެހި ބޭސްވެރިކަމުގެ މުސްތަގުބަލު ހަބަރަށްވުރެ ހިތިކޮށެވެ.

comment ކޮމެންޓް