ކުރިއަށް އޮތް ރޯދަމަހު ވެސް، ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ލިބޭނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ.
ރައީސް އެ އިއުލާން ކުރެއްވީ، ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދާ ގުޅުވައި، ތަފާތު ތުހުމަތު ކުރާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ ވާހަކަތަކުގެ ހަގީގަތެއް ނެތްކަން ހާމަވަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި، މަސްދަޅު ކޭހުގެ ޚަރަދު ފޫބައްދަން ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލު ބޮޑުކުރާނެ ކަމަށް ތުހުމަތު ކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މި ވާހަކަ ކުރިން ވެސް ވާނީ ދަންނަވާފައި، މިދިޔަ އަހަރުގެ އަށެއް ޑިސެމްބަރު އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރަމުން އެ ޖަލްސާގައި އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާން މަހުގައި ދިން ގޮތަށް މި ފަހަރު ވެސް ރަމަޟާން މަހު ކަރަންޓު ބިލުންނާއި ފެން ބިލުން އަޅުގަނޑުމެން ޑިސްކައުންޓް ދޭނަމޭ. ހަމަ އެކަން އެގޮތަށް ކުރިއަށްގެންދާނަން،" ރައީސް ވިދާޅުވިއެވެ.
ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން މިދިޔަ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓް ދީފައިވެއެވެ.