މަސްދަޅު ކޭސް ނަގަން ދޫކުރާ ޓޯކަން ނަންބަރު އިތުރުކުރަނީ

މާލެ ސަރަހައްދުގައި މަސް ދަޅު ބެހުން: މިހާރު އޮންލައިންކޮށް ޓޯކަން ނެގޭ-- ސަން ފޮޓޯ: މޫސާ ނަދީމް

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހަމުން އަންނަ މަސްދަޅު ކޭސްތައް ނަގަން ދޫކުރާ ޓޯކަން ނަންބަރު އިތުރުކުރަން ނިންމައިފިއެވެ.

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ރޭ ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން މަސްދަޅު ކޭސް ދޫކުރެވުނު ކަމަށެވެ.

އިތުރަށް ރައްޔިތުންނަށް ފަސޭހަކުރުމަށް މިރޭ ޓޯކަން ދޫކުރަން ފަށާއިރު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، ކޮންމެ މަރުކަޒަކުން ދޫކުރާ ޓޯކަން ނަންބަރު ރެއަށްވުރެ، އިތުރުކުރުމަށާއި މިހާރު ނަމްބަރު ނަގާފައިވާ މީހުންގެ ތެރެއިން ފަހުގެ ތާރީޚަކަށް ނަމްބަރު ލިބިފައިވާ މީހުން ރީޝެޑިއުލް ކުރަން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓޯކަން ނަންބަރު ދޫކުރަން ފަށާނީ އިރުއޮއްސި ހައެއް ޖަހާއިރު ކަމަށްވާއިރު، ޓޯކަން ނަމްބަރު ދޫކުރާނީ "ރޯދަ ހަދިޔާ" ޕޯޓަލް މެދުވެރިކޮށެވެ.

ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްދޭން ޖެހޭ ފަދަ ކަމެއް ކުރިމަތިވާ މީހުންނަށް އެއް ދިމާލަކުން އެކަމެއް ހައްލުކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާއިރު، މިހާރު ޓޯކަން ނަގާފައިވާ މީހުންނަށް ހަމަ އެ ނަންބަރަށް ކުރިއަށް ގެންދެވޭނެއެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ސަރުކާރުގެ އަމާޒަކީ ރޯދަ މަހުގެ ކުރިން ހުރިހާ މީހުންނަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށާއި ހުރިހާ ގޭބީސީއަކަށް މަސްދަޅު ކޭސް ލިބެންދެން އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މަސްދަޅު ކޭސް ދޫކުރަނީ އައިޑީކާޑާއި އެއް މަހުގެ ކަރަންޓު ބިލު ގެންދިޔުމުން ކަމަށްވާއިރު، އެންމެ މީހަކަށް ގިނަވެގެން ދޫކުރަނީ ތިން މީޓަރަށް ތިން މަސް ދަޅު ކޭހެވެ.

އޭގެއިތުރުން، ޖުމުލަ 13 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރާއިރު، އެކި ތަންތަނުން ޓޯކަން ނަންބަރު ދޫކުރަނީ އެކި ވަރަށެވެ.

މަސްކޭސް ދޫކުރާ މަރުކަޒުތައް:

  • މ. މިފްކޯ ކޮމްޕްލެކްސް
  • އެމްޓީސީސީ ސޯމިލް
  • ހެންވޭރު ދަނޑު
  • ގަލޮޅު ދަނޑުގެ ހަތަރު ސެޓަޕްއެއް
  • ސޯޝަލް ސެންޓަރު
  • ވިލިމާލެ ވެމްކޯ ސައިޓުން
  • ހުޅުމާލެ އުމަރު ޒާހިރު ބްލިންޑިން
  • ހުޅުމާލެ ޕޮލްކޯ ޓަވަރުން
  • ހުޅުމާލެ ހިޔާ ޓަވަރު 10
  • ހުޅުމާލެ ކާމިލްދީދީ ޕްރީސުކޫލު

މާލެ ސަރަހައްދުން ފުރަތަމަ މަސްދަޅު ކޭސް ދޫކުރަން ފެށީ ވަރަށް މަދު ތަންތަނަކުންނެވެ. އެއާއެކު ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި ޖެހި އެތައް ގަޑިއިރެއްވަންދެން ތިބެން ޖެހުނެވެ.

comment ކޮމެންޓް