މިއަދު އިރުއޮއްސި ހައެއް ޖަހާއިރު، މަސް ދަޅު ކޭސް ބަހަން ޚާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފިއެވެ.
ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވަނީ، 'ރޯދަ ހަދިޔާ'ގެ ނަމުގައި ހަދާފައިވާ ޕޯޓަލެއް ހިއްސާކުރައްވާފައެވެ. އެގޮތުން، އެ ޕޯޓަލްއިން އިރުއޮއްސި ހައެއް ޖެހުމުން، ޓޯކަން ނަމްބަރު ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ހޫނު ދުވަސްވަރަކަށް ވާތީ، މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ރޭގަނޑު ކަމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މިގޮތުން، ރޭގަނޑަށް 8:00 އިން މެންދަމު 12:00 ޖެހުމާ ހަމައަށް މަސްދަޅު ކޭސް ދޫކުރާނެއެވެ.

މަސްދަޅު ކޭސް ދޫކުރުމުގައި މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ އެސްޓީއޯ
މަސްދަޅު ކޭސް ދޫކުރަނީ އައިޑީކާޑާއި އެއް މަހުގެ ކަރަންޓު ބިލު ގެންދިޔުމުން ކަމަށްވާއިރު، އެންމެ މީހަކަށް ގިނަވެގެން ދޫކުރަނީ ތިން މީޓަރަށް ތިން މަސް ދަޅު ކޭހެވެ.
އޭގެއިތުރުން، ޖުމުލަ 13 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރާއިރު، އެކި ތަންތަނުން ޓޯކަން ނަންބަރު ދޫކުރަނީ އެކި ވަރަށެވެ.
މަސްދަޅު ކޭސް ބަހާ މަރުކަޒުތަކާއި ޓޯކަން ނަންބަރު ދޫކުރާ އަދަދުތައް:
- މ. މިފްކޯ ކޮމްޕްލެކްސް އިން ރެއަކަށް 200 ޓޯކަން ނަންބަރު ދޫކުރާނެ
- އެމްޓީސީސީ ސޯމިލް އިން 200 ޓޯކަން ނަންބަރު
- ހެންވޭރު ދަނޑު މަސް ދަޅު ކޭސް ނަގަން ދޫކުރާނީ 100 ޓޯކަން ނަންބަރު
- ގަލޮޅު ދަނޑު ސެޓަޕް ވަން އިން 50 ޓޯކަން
- ގަލޮޅު ދަނޑު ސެޓަޕް ޓޫއިން 50 ޓޯކަން
- ގަލޮޅު ދަނޑު ސެޓަޕް ތްރީއިން 50 ޓޯކަން ނަންބަރު
- ގަލޮޅު ދަނޑު ސެޓަޕް ހަތަރެއް 50 ޓޯކަން ނަންބަރު
- ސޯޝަލް ސެންޓަރު 100 ޓޯކަން
- ވިލިމާލެ ވެމްކޯ ސައިޓުން 100 ޓޯކަން
- ހުޅުމާލެ އުމަރު ޒާހިރު ބްލިންޑިން 100 ޓޯކަން
- ހުޅުމާލެ ޕޮލްކޯ ޓަވަރުން 100 ޓޯކަން
- ހުޅުމާލެ ހިޔާ ޓަވަރު 10 އިން 100 ޓޯކަން ނަންބަރު
- ހުޅުމާލެ ކާމިލްދީދީ ޕްރީސުކޫލުން ދޫކުރާނީ 100 ޓޯކަން ނަންބަރު
ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.