ފިލްމު "ރޮކްސްޓާ"އިން 2011 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާ ނަރުގިސް ފަޚްރީ، ލޯބިވެރިޔާ ޓޯނީ ބީޖްއާ ކައިވެނިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން ނަރުގިސް އާއި ޓޯނީ ކައިވެނިކުރީ މި ހަފުތާ ބަންދުގައެވެ. އަދި ދެ މީހުން މިހާރު ހަނީމޫންގެ ދުވަސްތައް ސުވިޒަލޭންޑްގައި ހޭދަކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ނަރުގިސް ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޓޯނީ ބީޖް އަކީ އެމެރިކާއަށް ނިސްބަތްވާ އެ ގައުމުގައި ފުޅާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރިތައް ހިންގަމުން އަންނަ ވިޔަފާރިވެރިއެކެވެ.

ނަރުގިސް ފިރިމީހާ ޓޯނީ ބީޖްއާ އެކު--ފޮޓޯ/ފިލްމުފެއަ
ނަރުގިސްގެ ފަރާތުން މިހާތަނަށް މި ޚަބަރު ކަށަވަރުވެފައި ނެތް ނަމަވެސް ބަތަލާގެ 'ވެޑިން ކޭކް'ގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ކޭކުގައި ޓޯނީ އާއި ނަރުގިސްގެ ނަންފެށޭ އަކުރުތައް ފެންނަން ހުރުމުން މިކައިވެނީގެ ޚަބަރުތައް ކަށަވަރުވެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ވަނީ ބުނެފައެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން އާއިލާގެ މެމްބަރުންގެ އިތުރުން ވަރަށް ގާތް ރަހްމަތްތެރިން ބައިވެރިވި ކައިވެނީގެ ހަފުލާއަކީ ވަރަށް ޕްރައިވެޓްކޮށް ގެންދިޔަ ހަފުލާއެކެވެ.
ފިލްމު "ހައުސްފުލް"، "މޭ ތެރަ ހީރޯ" އަދި "އަޒްހަރު" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާއާއި، "ރޮކްސްޓާ"ގެ ތަރި ރަންބީރު ކަޕުރާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ވާހަކަ މީޑިއާގައި ވަރަށް ބޮޑަށް ފެތުރުނެވެ.
ނަމަވެސް އެކަން ދެ ތަރިންގެ ފަރާތުން ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ފިލްމު އިންޑަސްޓްރީގައި މާބޮޑު މަޝްހޫރުކަމެއް ނުލިބުމާ ގުޅިގެން ފަހަކަށް އައިސް ނަރުގިސް ފެނިފައި ވަނީ ވަރަށް މަދު ފިލްމަކުންނެވެ.
ފިލްމު "ހައުސްފުލް 5"ގެ ކާސްޓުގައި ނަރުގިސް ހިމެނޭއިރު ދެން އެންމެ އަވަހަށް އޭނާ ފެންނާނީ މި މަހުގެ 28ގައި ރިލީޒްކުރާ ތެލުގޫ ފިލްމަކުންނެވެ.