އިބްރާހީމާއި ޚުޝީގެ ފިލްމު އަންނަ މަހު ނެޓްފްލިކްސްއަށް

ބޮލީވުޑްގެ އެކްޓަރު ސައިފް ޢަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމީ ދާއިރާއަށް ތައާރަފުވާ ފިލްމު "ނާދާނިޔާން" އަންނަ މަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެކަން އިއުލާނުކޮށްފިއެވެ.

މި ފިލްމުގެ ލަވައެއް ވެސް ވަރަސް ފަހުން ރިލީޒްކޮށްފައިވާއިރު އެންމެ ފަހުން ރިލީޒްކުރި ފިލްމުގެ ޕްރޮމޯގައި ބުނެފައިވާ ގޮތުން "ނާދާނިޔާން" ނެޓްފްލިކްސްގައި ޕްރީމިއާކުރާނީ ކުރިއަށް އޮތް މާޗު މަހުގެ ހަތްވަނަ ދުވަހެވެ. މި ފިލްމުގެ ޕްރޮމޯ ގެނެސްދީފައިވަނީ ކަރަން ޖޯހަރު ޑައިރެކްޓްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކުޗް ކުޗް ހޯތާ ހޭ"ގެ ޓެމްޕްލޭޓްއް ގޮތުގައެވެ.

އިބްރާހީމް (އިގީ)އާ އެކު ކުރީގެ ފިލްމީތަރި ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު ބަތަލާގެ ރޯލް ކުޅޭ "ނާދާނިޔާން"ގެ ޕްރޮމޯއިން ފެންނަނީ ފިލްމު "ކުޗް ކުޗް ހޯތާ ހޭ"ގެ އައިކޮނިކް މަންޒަރެއް ކަމަށްވާ މިސިޒް ބްރިގެންޒާގެ ކްލާސްރޫމްގެ މަންޒަރެވެ. ބްރިގެންޒާގެ ރޯލުން މި ޕްރޮމޯގައި ފެންނަނީ ބަތަލާ އަދި ކޮމީޑިއަން އަރުޗަނާ ޕުރަން ސިންގްއެވެ.

ޚުޝީ ކަޕޫރު އަދި އިބްރާހީމް ފިލްމު "ނާދާނިޔާން"ގެ ލަވައެއްގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގެނެސްދޭ ދަރުމެޓިކް އެންޓަޓެއިންމަންޓްގެ މި ފިލްމު ޑައިރެކްޓް ކުރާނީ އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ ޝައުނާ ގޯތަމްއެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ،ޖުގާލް ހާންސްރާޖް، މަހީމާ ޗައުދަރީ އަދި ދިއާ މިރުޒާ ވެސް ހިމެނެއެވެ. ފިލްމު "ނާދާނިޔާން"އިން ބޮލީވުޑަށް ތައާރަފުވާ އިބްރާހީމް ވަނީ ދަރުމާގެ އެހެން ފިލްމެއްގެ މަސައްކަތް ވެސް ނިންމާލާފައެވެ.

"ސަރުޒަމީން"ގެ ނަމުގައި އުފައްދާ މި ފިލްމަކީ އިބްރާހީމް އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފުވާނެ ކަމަށް ބެލެވުނު ފިލްމެވެ. ނަމަވެސް މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނުނުކުރެއެވެ.

comment ކޮމެންޓް