މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެނައި ފިލްމު "ބޭބީ ޖޯން" އެމޭޒަން ޕްރައިމްއަށް ދޫކޮށްލައިފިއެވެ.
ވަރުން ދަވަން ވަރަށް ވަރުގަދަ އެކްޝަން ރޯލެއް ކުޅެފައިވާ މި ފިލްމަކީ، ތަމަޅަ ޑައިރެކްޓަރު އެޓްލީ ޕްރޮޑިއުސްކޮށް ސައުތު ސިނަމާގެ ޑައިރެކްޓަރު ކަލީސްވަރަން އުފައްދާ ފިލްމެކެވެ. ޑައިރެކްޓަރު އެޓްލީގެ އަމިއްލަ ވާހަކައަކަށް ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ "ބޭބީ ޖޯން" އަކީ 2016ވަނަ އަހަރު އޭނާ ޑައިރެކްޓްކުރި ތަމަޅަ ފިލްމު "ތެރީ"ގެ ރިމޭކެކެވެ.
މި ފިލްމަކީ ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ބެލުންތެރިންނަށް ވަރުން އެކްޝަން ރޯލަކުން ފެނުނު ފިލްމެކެވެ. ވަރުންގެ އިތުރުން ފިލްމުގެ މުހިއްމު ރޯލް ކުޅެފައިވާ ތަރިންގެ ތެރޭ ބަތަލާ ކީރްތީ ސުރޭޝް، ވަމީގާ ގައްބީ އަދި ޖެކީ ޝްރޮފް ހިމެނެއެވެ. ކީރްތީ ވަނީ ފިލްމު "ބޭބީ ޖޯން"އިން ބޮލީވުޑަށް ތައާރަފުވެފައެވެ.

ވަރުން ދަވަން ފިލްމު 'ބޭބީ ޖޯން"ގެ ބަތަލާއިން ކަމަށްވާ ކީރްތީ އަދި ވަމީގާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މި ފިލްމަކީ ވަރަށް ބޮޑަށް ޕްރޮމޯޓްކޮށް ވަރުންގެ ކެރިއަރު ބަދަލުކޮށްލާނެ ކަމަށް އުންމީދުކުރި ފިލްމެއް ނަމަވެސް ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބުނީ ފިނި ތަރުހީބެކެވެ. ފިލްމަށް ފިލްމު ކްރިޓިކުންނާއި ބެލުންތެރިންގެ ފަރާތުން މަސްހުނި ރިވިއުތަކެއް ލިބިފައިވާއިރު ކްރިޓިކުން ފިލްމަށް ވަރަށް ޕޮޒިޓިވް ރިވިއުތަކެއް ވެސް ވަނީ ދީފައެވެ.
ޖުމްލަ 100 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި "ބޭބީ ޖޯން" ސިނަމާތަކުން ނެގިއިރު ބޮކްސް އޮފީހުގައި ފިލްމަށް ލިބުނީ އެންމެ 56 ކްރޯޑު ރުޕީސްއެވެ. ފިލްމު "ބަވާލް"އިން 2023 ވަނަ އަހަރު ލީޑް ރޯލުން ފެނުނު އެކްޓަރު ވަރުން ދަވަން އަންނަނީ އިތުރު ތިން ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ބޮލީވުޑް އެކްޓަރު ސަނީ ޑިއޯލްއާ އެކު ވަރުން ފެންނާނެ ފިލްމު "ބޯޑާ 2" ހިމެނެއެވެ.