ފިލްމެއް ކާމިޔާބުވުމަށް ބޮޑު ކާސްޓެއް ބޭނުން ނުވާކަމަށް ކަރަން ބުނެފި

އިންޑިއާގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި ކަމަށްވާ ދަރުމާގެ އިސްވެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު--ފޮޓޯ/ޖީކިއުއިންޑިއާ

ފިލްމެއްގެ ކާމިޔާބީ ބަރޯސާ ވަނީ އެ ފިލްމަށް ބޮޑު ކާސްޓެއް ގެނެސް އަގުބޮޑު ތަރިންތަކެއް ހިމެނުން ނޫންކަން މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އިސްތިރީ-2" ސާބިތުކޮށްދީފިކަމަށް ޕްރޮޑިއުސަރު,ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.

ފިލްމު ޓްރޭޑް އެނަލިސްޓް ކޯމަލް ނަހްތާއާ އެކު ކަރަން ބައިވެރިވި މީޑިއާ އިންޓަވިއުއެއްގައި ކާމިޔާބު ޑައިރެކްޓަރު ބުނީ، މެޑްޑޮކް ފިލްމްސްއިން ގެނެސްދިން "އިސްތިރީ 2"އިން ވަރަށް ގިނަ ފިލާވަޅުތައް އޭނާއަށް ހާސިލުކުރެވުނު ކަމަށެވެ.

އެ ފިލްމަށް ލިބުނު ކާމިޔާބީއާ އެކު ފިލްމީ ދާއިރާގައި ބުރަ މަސައްކަތަކާއެކު މަސައްކަތް ކުރުމުގެ ހިތްވަރު ކުރިއަށްވުރެ ބޮޑަށް އިތުރުވި ކަމަށް ކަރަން ވަނީ ބުނެފައެވެ.

ފިލްމު "އިސްތިރީ 2" އެއީ މާބޮޑު ކާސްޓަކާ ނުލާ ވަރަށް އާދައިގެ ކާސްޓަކާ އެކު އުފެއްދި ފިލްމެއް ނަމަވެސް ފިލްމު ހޯދި ކާމިޔާބީއާ މެދު ފަޚުރުވެރިވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ފިލްމު "އިސްތިރީ 2" ގެ މަންޒަރެއްގައި އެ ފިލްމުގައި ހިމެނުނު މުހިއްމު ކާސްޓުން--ފޮޓޯ/ޖީކިއުއިންޑިއާ

ބައެއްފަހަރު ޕްރޮޑިއުސަރުންނަށް ހީވެފައި އޮންނަނީ ފިލްމުގެ ކާސްޓުގައި ތިނެއް ނުވަތަ ހަތަރު މަޝްހޫރު ފިލްމީ ތަރިން ހިމެނުމަކީ އެ ފިލްމު ކާމިޔާބުވާނެ ކަމެއް ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ފިލްމީ ތަރިން ކަމަށްވާ ޝްރައްދާ އަދި ރާޖްކުމާރު ރާއޯގެ ފިލްމުން މާބޮޑަށް ވެސް އެނގިގެން ހިނގައްޖެ ކަމަށް ކަރަން ވަނީ ބުނެފައެވެ.

މިފަހުން ކަރަން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އެންމެފަހުން ރިލީޒްވެފައި ވަނީ 2023ވަނަ އަހަރު ސިނަމާތަކަށް އައި ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އެވެ.

ކަރަން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ގިނަ ފިލްމުތަކެއް ވޭތުވެދިޔަ ދެ އަހަރުތެރޭ ރިލީޒްވެފައިވާއިރު އޭގެ ތެރޭގައި "ބޭޑް ނިއުސް" އަދި "ޖިގްރާ" ހިމެނެއެވެ.

comment ކޮމެންޓް