ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމަށް އަބްދުﷲ ނާޝިދު މިއަދު އައްޔަންކުރައްވައިފިއެވެ.
އޭސީސީގެ ނައިބަކަށް ނާޝިދު އައްޔަންކުރަން އޭނާގެ ނަން ރައީސް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ އަންގާރަ ދުވަހެވެ. އަދި މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި އޭނާއަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
އޭސީސީގެ ނައިބަކަށް އައްޔަންކުރައްވަން އެންމެ ފުރަތަމަ ރައީސް ފޮނުއްވީ މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދުގެ ނަމެވެ. ނަމަވެސް، އެ ނަން ހުށަހެޅުއްވުމަށް ފަހު، ޖެހިގެން އައި ދުވަހު އެ މަނިކުފާނު އަބްދުﷲ ނާޝިދުގެ ނަން ހުށަހެޅުއްވީއެވެ.
ނާޝިދު އޭސީސީގެ މެންބަރުކަމަށް އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ 26ގައެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އެ ކޮމިޝަނުގެ މުހިންމު މަގާމުތަކެއް އަދާކުރައްވާފައެވެ.
މިހާރު އޭސީސީގައި ތިއްބަވަނީ ރައީސް އާދަމް ޝާމިލާއި ޝިޔާމާ މުޙައްމަދާއި ޝަޒްނާ ހާޝިމާއި އަބްދުﷲ ނާޝިދުގެ އިތުރަށް އަޙުމަދު ނާޝިދެވެ.