ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި ރަމަޟާން މަހު އުމްރާއަށްދާ އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ޚާއްސަ އިންތިޒާމެއް ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ބުނީ ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް މަލިކް ސަލްމާންގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ހޯލުންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށް ބަންދު ނޫން ދުވަސްތަކުގައި ކަމަށެވެ.
މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް:
- މާދަމާއިން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ، ހެނދުނު 9:00އިން މެންދުރުފަހު 2:00އަށް
- އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން މާޗުމަހުގެ 13ވަނަ ދުވަހު، ހެނދުނު 9:30އިން 11:30އަށް
ކަސްޓަމަރުން ސަމާލުކަން ދެއްވުން އެދޭކަންކަމުގެ ތެރޭގައި:
- ކޮންމެ ޢުމްރާވެރިއަކަށް ވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރެވެ.
- އެއްފަހަރާ ފަސް ޢުމްރާވެރިންނަށް ވުރެ ގިނަނުވާ ގޮތަށް ޑޮލަރު ގަނެވޭނެއެވެ.
- ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން ނުވަތަ ނަގުދު ފައިސާއިންނެވެ.
- ޑޮލަރު ގަންނަން ހުށަހަޅާއިރު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަންވާނެއެވެ.
- ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑު ވެސް ހުށަހަޅަންވާނެއެވެ.
- ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ.
އެ ބޭންކުން ބުނީ އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެކަމަށެވެ.
ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ނުލިބޭނެކަމަށާއި ނަމަވެސް، މާލެ ސަރަޙައްދުން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެންމެ ކައިރީގައިވާ ބްރާންޗަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.