ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، އެ މަގާމުން ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް މިއަދު ކުރައްވައިފިއެވެ.
ގާނޫނީ ދާއިރާއާ އަލަށް ގުޅުނު ވަކީލުން ހުވައިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއުތަސިމް ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ދެން އެ ފަދަ ޖަލްސާއަކުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. އަދި ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން ދެން މި ހައިސިއްޔަތުން ނުފެނުމަކީ ވެސް" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މުއުތަސިމްގެ ވާހަކަފުޅުގައި ވަނީ އަލަށް ގާނޫނީ ވަކީލުކަމާ ގުޅުނު ބޭފުޅުންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވައިފައެވެ. އެ ގޮތުން ގާނޫނީ ވަކީލު ކަމުގެ ހުވަޔާ ދޭތެރޭގައި ފުންކޮށް ވިސްނެވުމަށް އެދިވަޑައިގަތެވެ.
އަދި އެ މަނިކުފާނު ގާނޫނީ މަސައްކަތަށް ވަދެވަޑައިގެންނެވިއިރު، އޭރުގެ ވަކީލުން ދެއްވި ނަސޭހަތް ވެސް ވަނީ ހިއްސާ ކުރައްވައިފައެވެ. އަލަށް ހުވައިކުރެއްވި ވަކީލުންގެ ކިބައިން މުއުތަސިމް އެދިވަޑައިގަތީ ސިއްރު ހިފަހައްޓައިދެއްވުމަށެވެ.
"...އަޅުގަނޑުމެން މަސައްކަތް ފަށައިގަތްއިރު، މުހިންމު ކަމަކަށް އޭރު ތިއްބެވި ވަކީލުން ދެއްވާ ނަސޭހަތަކީ ސިއްރު ހިފަހައްޓައްޗޭ. ވަކީލުން ވަކީލުކަން ކުރާއިރު ސިއްރު ހިފަހައްޓައްޗޭ. ވަކީލުން ވަކީލުކަން ކުރާނީ ހަމަ އެކަނި ކޯޓަށް ގޮސް ކުރާ ވަކާލާތެއް ނޫން. އޭގެ އިތުރުން ލިޔުންތަކުގެ މަސައްކަތްތަކާއި އެކިއެކި އެ ނޫން ވެސް ސިއްރު ހިފައްޓަންޖެހޭ މުއައްސަސާތަކާ މީހުންގެ މަސައްކަތް ކުރާނެ. އެކަކުގެ ވާހަކަ އަނެކަކުގެ ގާތުގައި ނުދެއްކުމަކީ ވަރަށް ވަރަށް މުހިންމު ކަމެއް" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ވަކީލުންގެ މައްޗަށް އިތުބާރާއި ޔަގީންކަން އޮންނަންވާނޭކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010ވަނަ އަހަރު، ސުޕްރީމް ކޯޓުގެ ފުރަތަމަ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެއްގެ ގޮތުގައި މުއުތަސިމް އައްޔަނު ކުރެއްވިއެވެ. އެއާއެކު 2014ގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހު، އުއްތަމަ ފަނޑިޔާރުކަމުގެ ހުވައި އެ މަނިކުފާނު ކުރެއްވީ 2019ވަނަ އަހަރުގެ ޑިސެންބަރުމަހުގެ އަށްވަނަ ދުވަހުގައެވެ.
ގާނޫނީ ދާއިރާގައި އެ މަނިކުފާނު ޚިދުމަތް ކުރައްވަމުންގެންދަވާތާ 32 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.