ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ފޮޓޯ ޝެއަރިން އެޕް އިންސްޓަގްރާމުން ކޮމެންޓްތަކަށް "ޑިސްލައިކް" ބަޓަން ތަޢާރަފުރަން ނިންމާފައިވާކަން އެ ޕްލެޓްފޯމުން އިއުލާންކޮށްފިއެވެ.
އިންސްޓަގްރާމުން މިކަން ކަށަވަރު ކޮށްދެމުން ބުނީ އެ ޕްލެޓްފޯމްގެ ޔޫޒަރުންނަށް ނުރުހޭ ނުވަތަ ގުޅުމެއްނެތް ކޮމެންޓެއް ޑައުންވޯޓް ކުރެވޭނެ އައު 'ޑިސްލައިކް' ބަޓަނެއް ޓެސްޓް ކުރަމުންދާކަމަށެވެ.
މި ޑިސްލައިކް ބަޓަން ފެންނާނީ ފީޑް ޕޯސްޓްތަކާއި ރީލްސްގައެވެ.
ތްރެޑް ޕޯސްޓެއްގައި، އިންސްޓަގްރާމްގެ ވެރިޔާ އާދަމް މޮސެރީ ހާމަކުރެއްވީ، މިފީޗާ ޓެސްޓް ކުރަމުންދާކަމަށާއި، ކޮމެންޓްތަކަށް ޑިސްލައިކް ކުރިޔަސް ޑިސްލައިކްގެ އަދަދު ނުދައްކާނެކަމަށެވެ. ނަމަވެސް ކޮމެންޓްތައް ރޭންކްކުރުމުގައި އެކަން ރިޢާޔަތްކުރެވޭނެކަމަށް ބުނެފައިވެއެވެ.
އަދި ޑިސްލައިކް ބަޓަން ޓެސްޓިން މަރުޙަލާގައި ވުމާއެކު މިހާރު ފެންނަނީ ވަކި ޚާއްޞަ ޔޫޒަރުންތަކަކަށެވެ. މި ފީޗާ ނެރުމަށް ކަނޑައެޅިފައިވާ ތާރީޚެއް މިހާތަނަށް ކަށަވަރު ކުރެވިފައެއްނުވެއެވެ.
މޮސެރީ ވިދާޅުވާ ގޮތުގައި އިންސްޓަގްރާމުގައި ޑިސްލައިކް ބަޓަން ފެންނަނީ ރެޑިޓްގެ ޑައުންވޯޓް ބަޓަނާ އެއްގޮތަށެވެ.
ޔޫޓިއުބުން ވެސް ވީޑިއޯތަކަށް މިފަދަ ފީޗަރެއް ތަޢާރަފް ކޮށްފައިވާއިރު، ވީޑިއޯއެއްގައި ހުންނަ ޑިސްލައިކްގެ އަދަދު ދެއްކުން 2021ގައި ވަނީ ހުއްޓާލައިފައެވެ.
ޑިސްލައިކް ފީޗާގެ އިތުރުން، މެޓާގެ މިލްކުވެރިކަމުގެ ދަށުގައިވާ މި ސޯޝަލް މީޑިއާ ޕްލެޓްފޯމުން ކޮމިއުނިޓީ ނޯޓްސް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަދި މީގެއިތުރުން އެޑިޓްސް އެޕެއް ވެސް ވަނީ ތަޢާރަފުކުރަން ނިންމާފައެވެ. މިއީ މަތީ ފެންވަރުގެ ވީޑިއޯ ނެގުމަށާއި އެޑިޓްކުރުމުގެ ޕްރޮސެސް ފަސޭހަކުރުމަށް އެޕްލެޓްފޯމުން ތަޢާރަފުކުރާ ފީޗާއެކެވެ.