ދުނިޔޭގެ އެންމެ ބޮޑު މޯބައިލް ލެޑް ސްކްރީން ތަޢާރަފުކޮށްފި

ބޮޑެތި އެލްއީޑީ ސްކްރީންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ ބޮޑެތި މުނާސަބަތުތަކުގައި ބޭނުންކުރޭ -- ފޮޓޯ: ފޮޓޮނިކްސް

ދުނިޔޭގެ އެންމެ ބޮޑު މޯބައިލް އެލްއީޑީ (ލެޑް) ސްކްރީން ތަޢާރަފުކޮށްފިއެވެ.

ފޮޓޮނިކްސް ކުންފުނިން ދުނިޔޭގެ އެންމެ ބޮޑު މޯބައިލް ލެޑް ސްކްރީން ތަޢާރަފުކޮށްފައިވާއިރު، މި ސްކްރީނަކީ 767 އިންޗީގެ ބޮޑު ސްކްރީނެކެވެ.

ފޮޓޮނިކްސް ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ސްކްރީނަކީ ޖަމްބޯ162 ގެ ނަމުގައި ތައްޔާރުކޮށްފައިވާ 4ކޭ ރެޒޮލިއުޝަންގެ ސްކްރީނެކެވެ.

މި ސްކްރީނުގެ ސައިޒަކީ 17 މީޓަރު ފުޅާމިނާއި 9.5 މީޓަރު އުސްމިނެވެ. އަދި މިއީ 162 އަކަމީޓަރުގެ ސްކްރީނެއްކަމަށް ވެސް ކުންފުނިން ބުނެފައިވެއެވެ.

ފޮޓޮނިކްސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ސްކްރީނަކީ ބޮޑެތި މުނާސަބަތުތަކާއި، ކުޅިވަރު މުބާރާތްތަކާއި، މިއުޒިކް ޝޯތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ސްކްރީނެކެވެ. އަދި މިއީ ޚާއްޞަ ޓްރަކެއްގައި އުފުލޭގޮތަށް ފަރުމާކޮށްފައިވާ ސްކްރީނެއްކަމަށް ވެސް ބުނެފައިވެއެވެ.

ފޮޓޮނިކްސްއިން މީގެ ކުރިން އެންމެ ބޮޑު މޯބައިލް އެލްއީޑީ ސްކްރީނެއްގެ ގޮތުގައި ތަޢާރަފުކޮށްފައިވަނީ 2014 ވަނަ އަހަރު ނެރުނު ޖަމްބޯ100 އެވެ. އެ ސްކްރީނަކީ 100 އަކަމީޓަރުގެ ސްކްރީނެކެވެ. އެހެންކަމުން މި ފަހަރު ނެރުނު ސްކްރީނަކީ އޭގެ 62 އަކަމީޓަރު ބޮޑު ސްކްރީނެކެވެ.

ފޮޓޮނިކްސްއިން ބުނެފައިވާ ގޮތުގައި މި ސްކްރީނަކީ ވައިގަދަ ދުވަސްވަރު ވެސް ބޭނުންކުރެވޭނެ ސްކްރީނެކެވެ. ގަޑިއަކު 61 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނު ނަމަވެސް މި ސްކްރީން ވެއްޓުމަކާ ނުލައި ހުންނާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.

ބޮޑެތި އެލްއީޑީ ސްކްރީންތަކަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ ބޮޑެތި މުނާސަބަތުތަކުގައި އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ.

މިފަދަ ސްކްރީންތައް ބޭނުންކުރަން ފެށީ 1980 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. ނަމަވެސް އޭރު މި ސްކްރީންތަކުގެ ރެޒޮލިއުޝަން ދަށްވުމާއި، އަގުބޮޑުވުމުގެ ސަބަބުން މާ ބޮޑަށް މަޤުބޫލެއް ނުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު