ސިޔާސީ ފިކުރު ތަފާތުވުމުން އަޖޭއާއި އަނޫބަވް ވާހަކަނުދައްކާތާ 18 އަހަރު

ޑައިރެކްޓަރު އަނޫބަވް އަދި އެކްޓަރު އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮޑު މަގުބޫލުކަމެއް ހޯދި ބޮލީވުޑްގެ ލޯބީގެ ފިލްމު "ތުމް ބިން"ގެ ޑައިރެކްޓަރު އަނޫބަވް ސިންގްއާއި އަޖޭ ވާހަކަނުދައްކާތާ މިހާރު 18 އަހަރުވެފައިވާ ކަމަށް ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުނެފިއެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަނޫބާވް ބުނެފައިވަނީ މިހާތަނަށް އެއްވެސް ކަމަކާ ދެ މީހުން ދެބަސްވެފައި ނުވާނެ ކަމަށާއި އަޖޭ އަނޫބަވާ ވާހަކަދައްކަން އުޒުރުވެރިވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ.

އަޖޭއާ އެކު އަނޫބަވް އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ 2007 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކޭޝް"ގައެވެ. އެ ފިލްމުގެ މަސައްކަތް ނިމުމުން ވެސް އެކި ކަންކަމާ ގުޅިގެން އަޖޭއަށް މެސެޖުތަކެއް ވެސް ފޮނުވި ކަމަށާއި މިއަދާ ހަމައަށް ވެސް އެ މެސެޖުތަކަށް އަޖޭ ޖަވާބުދީފައިނުވާ ކަމަށް އަނޫބަވް ވަނީ ބުނެފައެވެ.

އަޖޭ ފިލްމު "ކޭޝް"ގެ މަންޒަރެއްގައި ބަތަލާ ޝަމީތާ ޝެޓީއާ އެކު--ފޮޓޯ/ފިލްމުފެއަ

އެންމެ ފުރަތަމަ އަނޫބަވަށް ހީކުރެވުނީ އަޖޭ ފިލްމީ މަސައްކަތުގައި އަވަދިނެތި އުޅޭތީ މެސެޖުތައް ނުފެންނަނީ ކަމަށާއި ނަމަވެސް 18 އަހަރުވީއިރު ފޯނަށް ގޮސްފައި ހުންނަ މެސެޖެއް ނުފެނުމަކީ ނާދިރުކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ އަނޫބަވް ބުނެފައިވެއެވެ.

ފިލްމު "ކޭޝް"ގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު އަޖޭއާއި އެ ފިލްމުގެ އިންވެސްޓަރާ ދެމެދު ކޮންމެ ވެސް ކަހަލަ ދެބަސްވުންތަކެއް ކުރިއަށްދިޔަ ކަމަށާއި ނަމަވެސް އެކަމުގައި އަނޫބަވާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް އޭނާ ވަނީ މީޑިއާގައި ބުނެފައެވެ.

އަނޫބަވް ބުނެފައިވާ ގޮތުގައި އޭނާގެ ސިޔާސީ ފިކުރާއި އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިންގެ ސިޔާސީ ފިކުރު އެއްގޮތްނުވާތީ ބައެއް ފިލްމީ ތަރިން އޭނާއާ ދުރުގައި އުޅޭކަން ފާހަގަކުރެވެއެވެ.

އެހެންވެ، ބެލެވޭ ގޮތުގައި އަޖޭ ވެސް އަނޫބަވްއާ ދުރުދުރުން އުޅެނީ އެފަދަ ސަބަބަކާ ހެދި ކަމަށް ގަބޫލުކުރެވޭ ކަމުގައި ވަނީ ބުނެފައެވެ. އަޖޭއަކީ އަނޫބަވަށް ވަރަށް ކަމުދާ ހުނަރުވެރި އެކްޓަރެއް ކަމުން ކުރިމަގުގައި އަޖޭ ހިމަނައިގެން ފިލްމު އުފައްދަން ބޭނުންވާ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މި ކަމާ ގުޅިގެން އަޖޭގެ ފަރާތުން ވެސް އަދި އެކްޓަރުގެ ޓީމުގެ ފަރާތުން ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް