އައްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

އައްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވުމުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އައްޑޫ ސިޓީ ހިތަދޫ ގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފުކޮށްފިއެވެ.

މި ޚިދުމަތް ތައާރަފުކޮށްފައި ވަނީ، މިރޭ އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެ ސިޓީގެ މޭޔަރު އިސްމާއިލް ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭ ހުޅުވި އާ އޭޓީއެމްއިން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަ ތަކެއް ލިބޭނެއެވެ. ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރުވެސް ހިތަދޫ ބްރާންޗުގައި ބީއެމްއެލްގެ ދެ އޭޓީއެމް ގާއިމްކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އޭޓީއެމް ޚާއްސަ ކުރެވިފައިވަނީ ސެލްފް ސާވިސް ބޭންކިން ޚިދުމަތަށެވެ. ދެވަނަ އޭޓީއެމްއަކީ ފައިސާ ނެގުމަށް ހާއްސަކުރެވިފައިވާ އޭޓީއެމްއެކެވެ.

އައްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވައިފި -- ފޮޓޯ/ ބީއެމްއެލް

އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވ،ީ ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.

"އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމާއެކު ބޭންކުން މި ދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން،" އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ޑޮލަރު ޚިދުމަތް ތައާރަފުކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަމަށް އެ ބޭންކުން ބުނެއެވެ.

comment ކޮމެންޓް