ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް ޗުއްޓީއަށް ދާން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައި އޮތް ނަމަވެސް ޗުއްޓީއަށް ނުދާ ގޮތަށް މިހާރު ވިސްނަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިިދިޔަ ހަފުތާގައި ހުށަހެޅުއްވީ މި މަހު ހައެއްގައި ފެށި މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި، މި ދައުރު ކުރުކޮށްލުމަށެވެ.
މި އަހަރުގެ ފުރަތަމަ ދައުރު ފެށީ، މިދިޔަ ޑިސެމްބަރު މަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށް ފަހުގައެވެ. ނަމަވެސް، އަހަރުގެ ދެން ހުރި ދައުރުތައް ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ. އަދި އެ އުސޫލަށް އަމަލުކުރެވޭނީ ހަމައެކަނި މި އަހަރުގެ ފުރަތަމަ ދައުރުގައިކަމަށް ވަނީ ބުނެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް
މި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރުމާއެކު އާންމު ރައްޔިތުންގެ ފާޑުކިޔުން މަޖިލިސް މެންބަރުންނަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.
އެގޮތުން ބައެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކުރި ގޮތުގައި ރަމަޟާން މަސް ވާންވާނީ ބުރަކޮށް މަސައްކަތްކުރާ މަހަކަށެވެ. އަދި މަޖިލިސް މެންބަރުންނަށް ލިބޭ ބޮޑު މުސާރައާއެކު ރޯދަ މަހު މަސައްކަތުން ދުރުވުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
އެއާއެކު މިއަދު "ސަން"އާ ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރޯދަ މަހު ޗުއްޓީއަށް ދާން ވިސްނީ، ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށްވެފައި، އެ ދުވަސްތަކުގައި މަޖިލިސް ވެސް ބަންދުވާނެތީ ކަމަށެވެ. އަދި އޭގެ ކުރިން އެ މަހު މަސައްކަތްކުރަން ޖެހޭ ވަގުތު މަދުވެފައި، މަސައްކަތްކުރަން ލިބޭ ދުވަސްތައް ވެސް މަދުވުމުން ކަމަށެވެ.
ނަމަވެސް ޕީއެންސީގެ މެންބަރުން ބޭނުންވަނީ މަޖިލީހުގެ ތެރެއިން ވީހާ ވެސް ގިނައިން މަސައްކަތްކުރެވޭނެ ގޮތެއް ވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސައްކަތުގެ ރޭޓު ވީހާ ވެސް މަތިކުރެވޭނެ ފަދަ ގޮތަކަށް މަަސައްކަތްތައް ބައްޓަން ކުރުމަށް ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ދެ ހާހަށްވުރެ ގިނަ މީހުން އިންތިޚާބުކުރާ، ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައި ---- ފޮޓޯ/ ޕީއެންސީ
"އެހެންވެ އަޅުގަނޑުމެން ނިންމީ އޭގެ ބަދަލުގައި، އަޅުގަނޑުމެން މަސައްކަތްކުރަން، އަޅުގަނޑުމެން ޗުުއްޓީ ހަދައި އެެހެން މަހެއް، ފުލް މަސައްކަތް ކުރާ މަހަކަށް ހަދާނީއޭ،" އިތުރު ޗުއްޓީއެއް ނަގަނީ ނޫންކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވިއެވެ.
ނަމަަވެސް އެ ނިންމުމާއެކު ރައްޔިތުންގެ ނުރުހުން އަމާޒުވީ އިތުރު ޗުއްޓީއެއް މެންބަރުން ނަގަނީ ކަމަށް ދޭހަވުމުން ކަމަށް ފަލާހު ވިދާޅުވިއެވެ. އެހެންވުމާއެކު، މިހާރު އަލުން ވިސްނަވަމުން ގެންދަނީ ކުރިން ވެސް އަމަލުކުރާ ގޮތަށް އަމަލުކުރުމަށް ކަމަށް ފަލާހު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މާ ރަނގަޅު ރޯދަމަހު ނުވަ ދުވަހު ދުވާލަކު ދެގަޑިއިރު ކޮށްފައި، ފުލްކޮށް އަޅުގަނޑުމެން ޗުއްޓީ ނަގާ މަހެއްގައި ޗުއްޓީ ނެގުން،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރަމަޟާން މަހު ވެސް އަދި އެ ނޫން ދުވަސްތަކުގައި ވެސް މަޖިލިސް މެންބަރުންނަކީ އަބަދުވެސް ސައުވީސް ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބައެއް ކަމަށެވެ.
އަދި ރަމަޟާން މަސް ޗުއްޓީ މަހަކަށް ހަދަން ނިންމި ނިންމުމާ ރައީސް ޑރ. މުޙައްމަދު މުއިއްޒާ އެއްވެސް ގުޅުމެއް ނެތްކަމަށާއި، އެ މަނިކުފާނުގެ އެއްވެސް ބާރުއެޅުއްވުމެއް އެ ކަމުގައި ނެތް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.