ކަންކަމާ ކަންބޮޑު ހާސްވާނަމަ ލަސްނުކޮށް އެ ވާހަކަތައް މައިންބަފައިން ގާތު ނުވަތަ އިތުބާރު ހިފޭ މީހަކާ ހިއްސާ ކުރުމަށް ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން އިރުޝާދު ދީފިއެވެ.
ނަފުސާނީ ދުޅަހެޔޮކަމުގެ މައުޟޫއަށް އަލިއަޅުވާލާ ދީޕިކާ ވަނީ މިދިޔަ ހަފުތާގެ ތެރޭ ބައިވެރިވި ޕަރިކްޝާ ޕޭ ޗާޗާގައި އެ ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނަށް މައުލޫމާތުދީ އަމިއްލަ ތަޖުރިބާ ހިއްސާކޮށްފައެވެ.
މި ޕްރޮގްރާމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބެއްލެވުމުގެ ދަށުން އިންޑިއާގެ ބޯޑު އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ޚާއްސަކޮށް ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.
ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ޕްރޮގްރާމްގައި ދީޕިކާ ބައިވެރިވި ސެޝަންގައި ވާހަކަ ދައްކާފައިވަނީ ނަފުސާނީ ދުޅަހެޔޮކަމާއި ސްޓްރެސް މެނޭޖްކުރުމާއި އިމްތިހާނުތަކުގައި ހިމޭނުން ތިބޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.

ދީޕިކާ ބައިވެރިވި ޕަރިކްޝާ ޕޭ ޗާޗާ ޕްރޮގްރާމްގައި ދަރިވަރުންނަށް މައުލޫމާތު ދެނީ--ފޮޓޯ/އިންޑިއާޓީވީ
މި ޕްރޮގްރާމްގައި ވާހަކަދައްކަމުން ކާމިޔާބު ބަތަލާ ބުނެފައިވަނީ، ވާދަވެރިކަމާއި ކުރެވޭ ކަންކަން އެއް ބަޔަކު އަނެއް ބަޔަކާ އަޅާކިޔުމަކީ ދިރިއުޅުމުގެ ބައެއް ކަމަށެވެ. ވާދަވެރިކަމަކީ ގޯސް ކަމެއް ނޫން ކަމަށާއި އެކަމަކު ތިމާއަށް ލިބިފައިވާ ހަރުދަނާކަމާ އެއް ވަރަށް ލިބިފައިވާ ބަލިކަށިކަން ދެނެގަނެ އެކަމަށް ބޮޑަށް ސަމާލުކަން ދިނުމަކީ ހޯދިދާނެ ހައްލެއްގެ ގޮތުގައި ދީޕިކާ ވަނީ ސިފަކޮށްފައެވެ.
ދީޕިކާއަކީ ވެސް ޑިޕްރެޝަންގެ ޝިކާރައަކަށްވި މީހެއް ކަމަށާއި ނަމަވެސް އެކަމުގައި ކުރި ހޯދުނީ އަމިއްލަ މީހާގެ ބާރުގެ ދަށުގައި ހުރި ކަންކަމަށް ބޮޑަށް ސަމާލުކަންދީ އެ ކަންކަން މެދުވެރިކޮށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ޑިޕްރެޝަންއަކީ ނުފެންނަ ބައްޔެއްގެ ގޮތުގައި ސިފަކުރަމުން ދީޕިކާ ބުނީ ނަފުސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އިންޑިއާގައި ވާހަކަ ދެއްކުމަށް ހިތްވަރު ނުލިބޭ ދުވަސްވަރެއް އޮތް ނަމަވެސް މިއަދު އެ މަންޒަރު މުޅިން ބަދަލުވެފައިވާތީ އެކަމާ އުފާކުރާ ކަމަށެވެ.
ނަފުސާނީ ދުޅަހެޔޮ ކަމަކީ ހުތުރު ކަމެއްގެ ގޮތުގައި ބަޔަކު ސިފަކުރި ނަމަވެސް އެއީ ވަރަށް ވޭންހުރި ބައްޔެއް ކަމަށާއި އެކަން ތަހައްމަލުކުރާ މީހަކު ތަޖުރިބާކުރާނެ ކަންކަން އިހުސާސް ވެސް ނުކުރެވޭނެ ކަމަށް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ.
އަމިއްލަ ނަފުސު ހާސްވެ ކަންބޮޑުވާކަމުގެ އިހުސާސް ކުރެވޭނަމަ ކުރެވިދާނެ ވަރަށް އާދައިގެން ތިންކަމެއްގެ ގޮތުގައި ދީޕިކާ ފާހަގަކޮށްފައިވަނީ، ގަވާއިދުން ނިދި ހަމަކޮށް، އިރުގެ އަލި ހަށިގަނޑަށް ފޯރުކޮށްދީ ސާފު ވައި ހަށިގަނޑަށް ފޯރުކޮށްދިނުމަށެވެ.
މިއީ ވަރަށް އާދައިގެ ކަންކަން ކަމަށާއި މި ކަމުގައި ކެތްތެރިކަން އިސްކުރުމަކީ ވެސް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ބަތަލާ ވަނީ ސިފަކޮށްފައެވެ.