ރޯދަމަހާ ދިމާކޮށް އަސާސީ ތަކެތި އަގުބޮޑުކޮށް ވިޔަފާރިތަކުން ވިއްކާނަމަ، ސަރުކާރުން އެކަން ހުއްޓުވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ މިރޭ ބޭއްވި "އަހާ ފޯރަމް"ގައި ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. އެ ސުވާލުގައި އަހަނީ ރޯދަމަހާ ދިމާކޮށް، ކާބޯތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލެމުންދާއިރު، އެ އަގުތައް ކޮންޓްރޯލް ކުރުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތާ ގުޅޭގޮތުންނެވެ.
ޖަވާބުގައި ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ތަކެތީގެ އަގުތަކާ ގުޅޭ ސިޔާސަތެއް މިހާރު އެކުލަވައިލެވިފައި ވާކަމަށެވެ. އެއީ އަސާސީ ހުރިހާ ބާވަތެއްގެ މުދަލެއްގެ އިތުރުން ގެއަށް ބޭނުންވާ ސާމާނު އަގުބޮޑުވެއްޖެ ނަމަ، ސަރުކާރުން އަމަލުކުރާނެ ގޮތުގެ ސިޔާސަތު ކަމަށް ސައީދު ވިދާޅުވިއެވެ.
"...މާކެޓުގެ އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު އުފުލިގެންދާނަމަ، އަޅުގަނޑުމެން އިންޓަވީން ކުރާނަން. އެއީ ޗޮއިސްއެއް ނޫން، ކުރާނެ އެކަން. ސަބަބަކީ އަސާސީ ބާވަތްތަކުގެ މުދާ، އާންމު ރައްޔިތުން ހޯދުމުގައި ދަތިހުރަސްވާނެ ހުރިހާ ކަމެއް އިރާދަ ކުރެއްވިއްޔާ އޮތް ގޮންޖެހުންތަކުގެ ތެރެއިން ވެސް ސަރުކާރުން މި ދަނީ ހައްލު ކުރަމުން" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ 183 ބާވަތެއްގެ ތަކެތި ކަމަށާއި، އޭގެ ތެރެއިން 54 ބާވަތަކީ ރޯދަމަހަށް ޚާއްސަކޮށްފައިވާ ބާވަތްތައް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ތަކެތި ކަނޑައަޅައިފައިވަނީ އެސްޓީއޯއާއި އިކޮނަމިކް މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާ އެކުގައެވެ.
ސައީދު ވިދާޅުވީ އެ ބާވަތްތަކުގެ މުދަލުގެ އަގު، ބޮޑުވެގެންދާން ރައީސް ބޭނުންފުޅުނުވާ ކަމަށެވެ.
މިދިޔަ ރޯދަމަހުގައި ވެސް އަގުތައް އުފުލުނު ބައެއް ތަކެތި އެސްޓީއޯއިން ރާއްޖެ ގެނެސް ހެޔޮ އަގުގައި ވިއްކިއެވެ. ސައީދު ވިދާޅުވީ އެއް ގައުމުން ނުލިބޭނަމަ، އަނެއް ގައުމުން ވެސް އެ ތަކެތި ރާއްޖެ ގެނެސްގެން ހެޔޮ އަގުގައި ފޯރުކޮށްދޭނެ ކަމަށެވެ.
"އެއް ތަނަކުން ނުލިބިއްޖިއްޔާ އެހެން ތަނަކުން ވެސް ގެންނާނަން... މާނައަކީ އެއް ގައުމުން ނުލިބިއްޖިއްޔާ އަނެއް ގައުމުން ވެސް ގެންނާނެ. ކަނޑުމަގުން ނުގެނެވޭ ކަމަށް ވަންޏާ، އެއާ ފްރައިޓްކޮށްގެން ވެސް އިރާދަ ކުރެއްވިއްޔާ ގެންނާނެ" ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވެގެންދާނަމަ، ވަގުތުން އެ ކަމެއް ހައްލު ކުރުމެވެ.
ރޯދަމަހާ ދިމާކޮށް އެއްވެސް ވިޔަފާރިއަކުން އަސާސީ ބާވަތުގެ މުދަލުގެ އަގު ބޮޑު ނުކުރުމަށް ސައީދު އެދިވަޑައިގެންނެވިއެވެ.
އަސާސީ ބައެއް ކާބޯތަކެތީގެ އަގު ބޮޑުވެގެން މިފަހުން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ކުރިމަތިކުރުވާފައެވެ.