އިސްރާއީލާއި ހަމާސް ޖަމާއަތުން ހަވަނަ ބުރުގެ އަސީރުން މިނިވަން ކޮށްފި

އަސީރުން މިނިވަން ކުރުމަށް ހަމާސް އިން ޣައްޒާގައި ބޭއްވި ރަސްމިއްޔާތު

ޣައްޒާ (15 ފެބްރުއަރީ 2025) : ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދިޔަ ގަތުލުއާންމުތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އަސީރުން މިނިވަންކޮށްފިއެވެ.

މިއީ މި އެއްބަސްވުމުގެ ދަށުން ދެފަރާތުން އަސީރުން ބަދަލުކުރާ ހަވަނަ ބުރެވެ. މިބުރުގައި ހަމާސް އިން މިނިވަންކުރީ އިސްރާއީލުގެ ތިން އަސީރުންނެވެ. އެއީ އިސްރާއީލު މީހަކާއި އިސްރާއީލުގެ ޕާސްޕޯޓް އޮންނަ އެމެރިކާ މީހަކާ އަދި އިސްރާއީލުގެ ޕާސްޕޯޓް އޮންނަ ރަޝިއާ މީހެކެވެ.

އެއްބަސްވުމުގެ ދަށުން މި ތިން އަސީރުން ގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ 369 އަސީރުން މިނިވަން ކުރަންޖެހެއެވެ. މިގޮތުން އިސްރާއީލުވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލު ބިނާކޮށްފައިވާ އޫފަރު ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅޭ ފަލަސްތީނުގެ އެތަށް ހާސް އަސީރުންގެ ތެރެއިން 369 އަސީރުން މިނިވަންކޮށްފައެވެ.

ހަމާސް އިން މި ތިން އަސީރުން މިނިވަންކުރީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް އިސްރާއީލުން އަމަލުނުކުރާތީ މި ތިންއަސީރުން މިނިވަންކުރުން ފަސްކޮށްލާނެ ކަމަށް ކުރިން ބުނުމަށްފަހުގައެވެ. މިއާއެކު ޣައްޒާގައި ކުރިން ހިންގި ގަތުލުއާންމުތައް އަލުން ހިންގަން ފަށާނެ ކަމަށް އިސްރާއީލު ވެސް ބުންޏެވެ. ނަމަވެސް ގަތަރާއި މިސްރުވަނީ ދެފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުުރުމުގައި ކާމިޔާބު ހޯދާފައެވެ.

ހަމާސް ބުނާގޮތުން އިސްރާއީލުގެ ތިން އަސީރުން މިނިވަން ކުރުމަށް ނިންމީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ގެރެންޓީ މިސްރާއީ ގަތަރު މެދުވެރިކޮށް އިސްރާއީލުގެ ފަރާތުން ލިބުމުންނެވެ.

ހަމާސް ގެ ޝަކުވާއަކީ އެއްބަސްވުމާ އެއްގޮތަށް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީގެ ތަކެތި އެތެރެކުރުމުގެ ފުރުސަތު އިސްރާއީލުން ނުދޭ މައްސަލައެވެ. ޚާއްސަކޮށް ބޭހާއި ފޭލިގެތަކާއި ހޮސްޕިޓަލްތައް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ޣައްޒާއަށް ވެއްދުމުގެ ފުރުސަތު އިސްރާއީލުން ނުދޭ މައްސަލައިގެ ޝަކުވާ އެވެ.

އަސީރުން މިނިވަން ކުރުން މަޑުޖައްސާލާނެ ކަމުގެ އިންޒާރު ހަމާސް ދިނުމުން އިސްރާއީލު ވަނީ އިންސާނީ އެހީގެ އެތަށް ސަތޭކަ ޓްރެކް އެއް ޣައްޒާއަށް ވެއްދުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަލުން ދޭން ފަށާފައެވެ. ނަމަވެސް މި ތިން އަސީރުން މިނިވަން ވުމުން އިސްރާއީލުން އަނެއްކާވެސް ކުރީގެ ގޮތަށް އަމަލުކޮށްފާނެ ކަމުގެ ބިރަކީ ނެތްބިރެއް ނޫނެވެ.

އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއަދު ހަމާސް އިން އިސްރާއީލުގެ އަސީރުން މިނިވަން ކުރާއިރު ކުރަންޖެހޭނީ ތިން އަސީރުން ނޫންކަމާ އިސްރާއީލު ހުރިހާ އަސީރުން މިއަދު މިނިވަން ނުކޮށްފިނަމަ ނަރަކައިގެ ދޮރުތައް ހަމާސް އާ ދިމާއަށް ހުޅުވާލާނެ ކަމަށް ވިދާޅުވެ ހަރުކަށި އިންޒާރެއް ދެއްވާފައެވެ.

ޓްރަމްޕް ގެ އިންޒާރަށް ބެލުމެއްނެތި ހަމާސް އިން މިނިވަންކުރީ އެއްބަސްވުމުގައިވާ ގޮތަށް އިސްރާއީލުގެ ތިން އަސީރުންނެވެ. ޓްރަމްޕް އެދުނު ގޮތަށް ހުރިހާ އަސީރުން މިނިވަންކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ކުރާނީ ކޮންކަމެއްތޯ ނޫސްވެރިއަކު ޓްރަމްޕަށް ސުވާލު ދެންނެވުމުން ޓްރަމްޕް ވަނީ ކުރަންޖެހޭ ކަންކަން އެނގޭނީ އިސްރާއީލަށް ކަމަށް ވިދާޅުވެފައެވެ. ހަމާސް އާ ދިމާއަށް ނަރަކައިގެ ދޮރުތައް ހުޅުވާލާނެކަމަށް ވިދާޅުވެ ޓްރަމްޕް ކުރިން ދެއްކެވި ވާހަކަތަކަށް އެއްވެސް އިޝާރަތް ކުރައްވާފައެއް ނުވެއެވެ.

އިސްރާއީލުގެ ތިން އަސީރުން މިނިވަންކޮށް އެމީހުން އިންޓަނޭޝަނަލް ރެޑްކްރޮސް ޖަމާއަތާ ހަވާލުކުރުމަށް ޣައްޒާގެ ޚާން ޔޫނުސްގައި ހަމާސް އިން ބޭއްވި ރަސްމިއްޔާތުގައި ހަމާސްގެ މުޖާހިދުން ތިއްބެވީ އެމީހުން އިސްރާއީލު ސިފައިންނާ ދެކޮޅަށް ޖިހާދުކޮށްގެން ޣަނީމާގެ ގޮތުގައި ހޯދާފައިވާ އިސްރާއީލު ސިފައިންގެ ޔުނީފޯމް ލައިގެން އިސްރާއީލު ސިފައިންގެ އަތުން އަތުލައިގެންފައިވާ ހަތިޔާރު އަޅައިގެންނެވެ.

މިމައްސަލާގައި އިސްރާއީލުގެ ހަރުކަށި ވެރިން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު