ޗިޕް އިންޑަސްޓްރީ، އެއް ޤައުމަކުން ކޮންޓްރޯލް ކުރެވިގެން ނުވާނެ: ޓައިވާން

ޓައިވާނަކީ ދުނިޔޭގެ އެންމެ ފުންނާބު އުސް ސެމިކޮންޑަކްޓަރ ޗިޕް އުފައްދާ ޤައުމު -- ފޮޓޯ: ރޮއިޓާސް

ދުނިޔޭގެ ޗިޕް އިންޑަސްޓްރީގެ ކޮންޓްރޯލް ހަމައެކަނި އެންމެ ގައުމަކަށް އޮވެގެން ނުވާނެ ކަމަށް ޓައިވާނުގެ އިސްވެރިޔަކު ވިދާޅުވެއްޖެއެވެ.

ޓައިވާނުގެ ނެޝަނަލް ސައިންސް އެންޑް ޓެކްނޮލޮޖީ ކައުންސިލުގެ ވެރިޔާ ވޫ ޗެންގް-ވެން ވިދާޅުވެފައިވަނީ ސެމިކޮންޑަކްޓަ ޗިޕް އިންޑަސްޓްރީއަކީ ވަރަށް ޓެކްނިކަލް އަދި މަސައްކަތް ބެހިގެންވާ ދާއިރާއަކަށް ވާތީ، އެއް ޤައުމަކުން މި ސިނާއަތް ކޮންޓްރޯލް ކުރަން ނުޖެހޭނެ ކަމަށެވެ.

ޓައިވާނުން މިހެން ބުނެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓައިވާނުން ޗިޕް އިންޑަސްޓްރީ "އަތުލާފައިވާ" ކަމަށް ވިދާޅުވެ، އެމެރިކާގައި ޗިޕް އުފެއްދުން އަލުން ފެށުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެެއްގައެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވޫ ވިދާޅުވީ ޓައިވާނުގެ މިހާރުގެ ކާމިޔާބީ ހޯދާފައިވަނީ 1970ގެ އަހަރުތަކުން ފެށިގެން ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. މީގެ ތެރޭގައި 1987 ގައި ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓް ޗިޕް އުފައްދާ ކުންފުނި ކަމަށްވާ ޓީއެސްއެމްސީ އުފެއްދުން ހިމެނެއެވެ.

"މިއީ ޓައިވާނުން ނިސްބަތުން ދިގު މުއްދަތެއްގައި ކުރި މަސައްކަތުގެ ނަތީޖާއެއް. އެހެން ޤައުމުތަކުން އެހާ ފަސޭހައިން ބަދަލު ކުރެވޭނެ މަގާމެއް ނޫން،" ވޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ޤައުމަކަށްވެސް މި ސިނާއަތުގައި އަމިއްލަ ޚާއްސަކަމެއް ލިބިފައިވެއެވެ. ޖަޕާނުން ކެމިކަލްއާއި އިކުއިޕްމަންޓް އުފައްދާއިރު، އެމެރިކާއިން އައު ސިސްޓަމްތައް ޑިޒައިން ކުރުމާއި އުފެއްދުމުގައި އެއްވެސް ޤައުމަކާ އަޅައިނުކިޔޭ ފެންވަރެއްގައި ހުރި ކަމަށް ވޫ ފާހަގަކުރެއްވިއެވެ.

ޓައިވާނުން ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ "ރައްޓެހި ޤައުމުތަކަށް" ޗިޕް ސަޕްލައި ޗެއިންގައި އެ ޤައުމުތަކުގެ ދައުރު އަދާކުރުމަށް އެހީތެރިވާން ތައްޔާރަށް ހުރި ކަމަށް ވެސް ވޫ ވިދާޅުވިއެވެ.

ޓައިވާނަކީ ދުނިޔޭގެ އެންމެ ފުންނާބު އުސް ސެމިކޮންޑަކްޓަ ޗިޕް އުފައްދާ ޤައުމެވެ. ޓައިވާނުގެ ޓީއެސްއެމްސީން އެކަނި ދުނިޔޭގެ އެޑްވާންސްޑް ޗިޕްތަކުގެ 90 އިންސައްތަ އުފައްދައެވެ.

comment ކޮމެންޓް