ފެނަކައިން ހިންގަމުންދިޔަ 14 އައިސް ޕްލާންޓް އަލުން މިފްކޯއާ މިއަދު ހަވާލުކޮށްފިއެވެ.
އައިސްޕްލާންޓްތައް މިފްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ނަޖާހެވެ. އަދި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޑރ. ވިޓާލީ ލްޔުބިމޯވް އެވެ.
މިފްކޯއިން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެ ކުންފުނިން މިހާރު ވަނީ ރަސްމީކޮށް އެ 14 އައިސްޕްލާންޓާ ހަވާލުވެފައެވެ. އަދި މިހާރު މިފްކޯގެ ފަންނީ އަދި އިންޖިނިއަރިން ޓީމުތަކުން އަންނަނީ އެ އައިސްޕްލާންޓްތަކުގެ ޚިދުމަތްތައް އަލުން ފެށުމުގެ މަސައްކަތްތައް ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

14 އައިސް ޕްލާންޓެއް ހިންގުމުގެ މަސައްކަތް މިފްކޯއާ ހަވާލުކުރުން: މިފްކޯއިން ބުނީ އެއީ ކުންފުނީގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް -- ފޮޓޯ/މިފްކޯ
މިއަދު ހަވާލުކުރި އައިސްޕްލާންޓުތައް ހުންނަ ރަށްތަކާއި އެ ޕްލާންޓުތަކުގެ ކެޕޭސިޓީއަކީ:
- ހއ. އިހަވަންދޫ - 50 ޓަނު
- ނ. ޅޮހި - 25 ޓަނު
- ރ. އަލިފުށި - 25 ޓަނު
- ބ. ތުޅާދޫ - 25 ޓަނު
- ފ. ފީއަލި - 26 ޓަނު
- ފ. ނިލަންދޫ - 25 ޓަނު
- ތ. ހިރިލަންދޫ - 25 ޓަނު
- ގއ. ދާންދޫ - 25 ޓަނު
- ގއ. ދެއްވަދޫ - 25 ޓަނު
- ގއ. ގެމަނަފުށި - 25 ޓަނު
- ގއ. ކޮލަމާފުށި - 25 ޓަނު
- ގދ. ފަރެސްމާތޮޑާ - 25 ޓަނު
- ގދ. ފިޔޯރީ - 25 ޓަނު
- ސ. ހިތަދޫ - 50 ޓަނު
މިފްކޯއިން ވަނީ އެ ބަދަލަކީ އެ ކުންފުނީގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައެވެ.
މިފްކޯއިން ހިންގަމުންދިޔަ 14 އައިސްޕްލާންޓް ފެނަކައާ ހަވާލުކުރީ ކުރީ ސަރުކާރުގައި ސެޕްޓެމްބަރު 22، 2022ގައެވެ. އޭގެ ފަހުން އެ އައިސްޕްލާންޓުތަކުގެ މަސައްކަތްތައް މަޑުޖެހި، މިދިޔަ އަހަރުގެ އޮގަސްޓު މަހު ފެނަކައިން ވަނީ އައިސްޕްލާންޓުގެ ޚިދުމަތްތައް ހުއްޓާލަން ނިންމައިފައިވާކަން އިއުލާންކޮށްފައެވެ.
އެ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިިޔާމް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ ފެނަކައަކީ އައިސްޕްލާންޓު ހިންގުމަށް ގާއިމުކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށާއި އެ އައިސްޕްލާންޓްތައް ހިންގުމަށް ބޭނުންވާ ފައިސާއެއް ވެސް އެ ކުންފުނީގައި ނެތް ކަމަށެވެ.