އަންނަ މަހުގެ ހަތް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "ދަ ޑިޕްލޮމެޓް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ބޮލީވުޑްގެ އެކްޝަން ތަރި ޖޯން އަބްރަހަމް ލީޑް ރޯލް ކުޅޭ މި ފިލްމަކީ، ރިތޭޝް ޝާހްގެ ސްކްރީންޕްލޭއަކަށް ޝިވަމް ނައިރު ޑައިރެކްޓް ކޮށްފައިވާ ޕޮލިޓިކަލް ތުރިލާއެކެވެ.
މި ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ޖޯން ވެސް ވަނީ މަސައްކަތްކޮށްފައެވެ. ފިލްމު "ދަ ޑިޕްލޮމެޓް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ޕާކިސްތާނަށް ގެންދާ އަންހެނަކު އޭނާގެ ނުރުހުމުގައި އެ ޤައުމުގެ މީހަކާ ކައިވެނި ކުރުވުމުން އެނބުރި އަމިއްލަ ޤައުމު އިންޑިއާއަށް ދިއުމުގައި ކުރިމަތިވާ ދަތިތަކުގެ މައްޗަށެވެ.

ޖޯން އަބްރަހަަމް އަދި ބަތަލާ ސާދިއާ ހަތީބު ފިލްމު "ދަ ޑިޕްލޮމެޓް"ގެ މަންޒަރެއްގައި---ފޮޓޯ/ޕިންކްވިލާ
މި އަންހެންމީހާ އެނބުރި އިންޑިއާއަށް ގެނައުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވާނީ ޑިޕްލޮމެޓެއްގެ ރޯލް ފިލްމުގައި ކުޅޭ ޖޯންއެވެ. ފިލްމުގައި ޖޯން ކުޅެފައި ވަނީ އިންޑިއާގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޖޭޕީ ސިންގްގެ ރޯލެވެ.
އޭނާ އަކީ 2017 ވަނަ އަހަރު ހިނގި މި ހާދިސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ޑިޕްލޮމެޓެވެ. މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހަފުލާގައި ވާހަކަ ދައްކަމުން ޖޯން ބުނީ ޑިޕްލޮމެސީއަކީ އެ މައިދާނުގައި ހަތިޔާރަށްވުރެ ބޮޑަށް، ދެކެވޭ ވާހަކައިން ކާމިޔާބީ ހޯދާ މައިދާނެއް ކަމަށެވެ.
ޖޭޕީ ސިންގްގެ ރޯލް ކުޅެން ލިބުނު ފުރުސަތާ އެކު މިހާތަނަށް ޖޯންއަށް ތަޖުރިބާ ކުރެވިފައި ނުވާ މުޅީން އާ ދުނިޔެއެއްގެ އެތައް މައުލޫމާތެއް އެކްޓަރަށް ލިބިއްޖެ ކަމަށް ވަނީ ބުނެފައެވެ.
ފިލްމު ގެނެސްދޭ ޓީ-ސީރީސްއިން ބުނެފައި ވަނީ އެ ކުންފުނިން ހަގީގީ ވާހަކަތައް ސިނަމާއަށް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި "ދަ ޑިޕްލޮމެޓް"އަކީ ވެސް އެފަދަ ވާހަކައެއް ކަމަށެވެ.