އޯޕަން އޭއައިއަށް މަސްކް ހުށަހެޅި 97.4 ބިލިއަން ޑޮލަރުގެ އޮފާއަށް ބޯޑުން ނޫނެކޭ ބުނެފި

ޗެޓްޖީޕީޓީ ހެދި ކުންފުނި، އޯޕަން އޭއައިއަށް އެކުންފުނީގެ ކުރީގެ ބާނީ އެލޮން މަސްކް ހުށަހެޅި 97.4 ބިލިއަން ޑޮލަރުގެ އޮފާއަށް އެކުންފުނީގެ ބޯޑުން ނޫނެކޭ ބުނެފިއެވެ.

އޯޕަން އޭއައިގެ ބޯޑުން ބުނީ އެކުންފުނި ވިއްކާލަން ބޭނުން ނުވާ ކަމަށާއި، އިތުރު އެއްވެސް އޮފާއެއް ބަލައިނުގަންނާނެ ކަމަށެވެ.

އޯޕަން އޭއައިގެ ޗެއާމަން ބްރެޓް ޓެއިލާ ވިދާޅުވީ ކުންފުނީގެ އެއްވެސް ބަދަލެއް ގެނެވޭނީ ނަފާ ނުނަގާ ގޮތަށް ހިންގާ ކުންފުނި ވަރުގަދަ ކުރުމަށާއި، ޓެކްނޮލޮޖީގެ ފައިދާ އިންސާނިއްޔަތަށް ކުރާނެ ގޮތަށް ކަމަށެވެ.

ކުންފުނީގެ ސީއީއޯ ސެމް އޯލްޓްމަން ވެސް ވަނީ ކުރިން އެކްސް މެދުވެރިކޮށް މި އޮފާ ރައްދުކުރައްވާފައެވެ. މަސްކްގެ މި ހުށަހެޅުމަކީ އޭނާ ކުރިން އުފައްދާފައިވާ ކުންފުނި، ފައިދާ ލިބޭ ވިޔަފާރިއަކަށް ބަދަލުވިޔަ ނުދިނުމަށް އަޅާ އެންމެ ފަހުގެ ފިޔަވަޅެވެ.

މިހުށަހެޅުމަކީ މަސްކްގެ އަމިއްލަ އޭއައި ސްޓާޓްއަޕް ކަމަށްވާ އެކްސްއޭއައި އިން އިސްނަގައިގެން އެހެން އިންވެސްޓަރުންނާއެކު ހުށަހެޅި ހުށަހެޅުމެކެވެ. މި ކޮންސޯޓިއަމްގައި ވެލޯ އިކުއިޓީ ޕާޓްނާސް، ބެރަން ކެޕިޓަލް އަދި ހޮލިވުޑްގެ ނުފޫޒުގަދަ ވިޔަފާރިވެރިއެއް ކަމަށްވާ އަރި އިމަނުއެލް ހިމެނެއެވެ.

މަސްކް އަދި އޯލްޓްމަންގެ ދެމެދުގައި ދެބަސްވުން އުފެދިފައިވަނީ 2019ވަނަ އަހަރު މަސްކް ކުންފުނިން ވަކިވި ފަހުންނެވެ. މަސްކް ކުންފުނިން ވަކިވުމަށް ފަހު، އޯޕަން އޭއައި ވަނީ ވިޔަފާރި ބަޔަކަށް ބަދަލުވެ، މައިކްރޯސޮފްޓް ފަދަ ބޮޑެތި އިންވެސްޓަރުން ގެނެސްފައެވެ.

މިކަމާ ގުޅިގެން މަސްކް ވަނީ އޯޕަން އޭއައި އާއި މައިކްރޯސޮފްޓް އަދި އޯލްޓްމަންގެ މައްޗަށް ދައުވާ އުފުލާފައެވެ.

އޯޕަން އޭއައިގެ ބޯޑުން ވިދާޅުވީ މަސްކްގެ ހުށަހެޅުން ރައްދުކުރަން ނިންމީ އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތި ބޯޑުގެ އިއްތިފާގުން ކަމަށެވެ. އަދި މިއީ އޭނާ އަމިއްލަ ވާދަވެރިންނާ ވާދަކުރުން ހުއްޓުވުމަށް ކުރާ އިތުރު މަސައްކަތެއް ކަމަށް ބޯޑުން ބުނެފައިވެއެވެ.

މަސްކްގެ ވަކީލު މާކް ޓޯބަރޮފް މިކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރައްވާފައެއް ނުވެއެވެ.

މީގެ އިތުރުން، މަސްކް ވަނީ ޔޫއެސް ޑިސްޓްރިކްޓް ކޯޓުގައި އޯޕަން އޭއައި ވިޔަފާރި ކުންފުންޏަކަށް ބަދަލުވުން ހުއްޓުވުމަށް އިންޖަންކްޝަނެއް ހޯދުމަށް އެދިފައެވެ. ނަމަވެސް އޯޕަން އޭއައިގެ ބޯޑުން ބުނެފައި ވަނީ އެފަދަ ބަދަލުތަކެއް ގެނެވޭނީ ހަމައެކަނި ކުންފުނީގެ ނަފާ ނުނަގާ ގޮތަށް ހިންގާ ބައި ވަރުގަދަކުރުމަށް ކަމަށެވެ.

comment ކޮމެންޓް