މާދަމާ ދޫކޮށްލަން ހަމަޖެހިފައިވާ ރަހީނުންގެ ނަންތައް އާންމުކޮށްފި

މާދަމާ ދޫކޮށްލަން ހަމަޖެހިފައިވާ ރަހީނުންގެ ތެރޭގައި ހިމެނޭ ރަޝިއާ-އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ އެލެގްޒެންޑާ ޓްރޫފަނޯވް. ފޮޓޯ/ބީބީސީ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަމަކަށް އަތުވެދާނެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، މާދަމާ ދޫކޮށްލަން ހަމަޖެހިފައިވާ އިސްރާއީލުގެ ރަހީނުންގެ ނަންތައް ހަމާސް އާންމުކޮށްފިއެވެ.

ސާޅީސް ދެ ދުވަހުގެ މުއްދަތަށް ހުށަހަޅާފައިވާ އެއްބަސްވުން ނިމުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވެފައި އޮތީ އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައިވާތީ، މާދަމާ ދޫކޮށްލަން ހަމަޖެހިފައިވާ ރަހީނުން ދޫކޮށްނުލާނެ ކަމަށް ހަމާސްއިން ބުނުމުންނެވެ.

ދޫކޮށްލަން ހަމަޖެހިފައިވަނީ ރަޝިޔާ-އިސްރާއީލްގެ ރައްޔިތެއް ކަމަށްވާ އެލެގްޒެންޑާ ޓްރޫފަނޯވް، އާޖެންޓީނާ-އިސްރާއީލްގެ ރައްޔިތެއް ކަމަށްވާ ޔައިރް ހޯން، އަދި އެމެރިކާ-އިސްރާއީލްގެ ރައްޔިތެއް ކަމަށްވާ ސަގީ ޑެކެލް-ޗެން އެވެ.

އިސްރާއީލުން ވަނީ އެ ތިން މީހުން ވަގުތުން ދޫކޮށްނުލައިފިނަމަ، އަލުން ޣައްޒާއަށް ހަމަލާތައް ފަށާނެ ކަމަށް ބުނެފައެވެ.

ހޮނިހިރު ދުވަހު މެންދުރުވުމުގެ ކުރިން ރަހީނުން ދޫކޮށްނުލައިފިނަމަ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލަންޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހު 19 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ފެށިފަހުން، ފަލަސްތީނުގެ 566 ގައިދީންގެ ބަދަލުގައި އިސްރާއީލުގެ 16 މީހުންނާއި ތައިލެންޑްގެ ފަސް ރަހީނަކު ވަނީ ދޫކޮށްލާފައެވެ.

ހަ ހަފްތާގެ މުއްދަތަކަށް ދެމިގެންވާ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގައި، އިސްރާއީލުގައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 ގައިދީންގެ ބަދަލުގައި ހަމާސްއިން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން 33 ރަހީނުން މިނިވަން ކުރަން ޖެހެއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދޭން ފެށީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 48.230 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް