މިފަހުން ހިންގި މާރާމާރީތަކުގައި ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި

މާރާމާރީތަކުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަރީޝް --

މާލޭގައި މިފަހުން ހިންގި ސިލްސިލާ މާރާމާރީތަކުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ މީހަކު މެލޭޝިއާއިން މާލެ އައުމުން ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ ޏ. ފުވައްމުލަކު ދިގުވާނޑު، ބަނަފްސާގޭ އުމުރުން 31 އަހަރުގެ ހުސައިން އަރީޝްއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މިހާރު މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީތަކުގައި ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނަގާފައި ވަނިކޮށް ފުރައިގެން މެލޭޝިޔާއަށް ދިއުމުން އެގައުމަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ ޑްރަގްގެ މައްސަލައިގައާއި ތޫނު ހަތިޔާރު ގެންގުޅުމުގެ އިތުރުން މި ނޫންވެސް މައްސަލަތަކުގައި މީނާ 26 ފަހަރެއްގެ މަތީން ހައްޔަރު ކުރެވިފައި ވާކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދާދި ފަހުން މާލޭގައި ވަނީ ގިނަ އަދަދެއްގެ ސިލްސިލާ މާރާމާރީތަކެއް ހިންގައިފައެވެ. މި މާރާމާރީތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް، އެމީހުންގެ ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ.

މާލޭގައި ހިންގާ މާރާމާރީތަކުގައި ޒުވާނުންނާއި ކުޑަކުދިން ބައިވެރިކުރާކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް