ގްރޭޓާ މާލެ ސަަރަހައްދުގައި ޓެކްސީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ޝަމީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަޙުމަދު ސައުދީއެވެ.
އެމްޓީސީސީއިން ބުނީ މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަކީ މާލޭގެ ރައްޔިތުންނާއި ފަތުރުވެރީންނަށް ޒަމާނީ ރައްކާތެރި އަދި އިތުބާރު ހިފޭ ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ފެށި ކަމެއް ކަމަށެވެ.
ސަރުކާރުން ތައާރަފްކުރި މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީ ލައިނެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެއާއެކު މި ޚިދުމަތުގެ މަގްސަދަކީ މާލެ ސަރަހައްދުގައި އިތުރުވަމުންދާ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ރައްޔިތުން އުންމީދުކުރާ ފެންވަރުގެ ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ސައުވީސްގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތާރަފްކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް ދިނުމަށް އެކަމަށް ހާއްސަ އެޕްލިކޭޝަނެއް އޮވެއެވެ. އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މާލެ ޓެކްސީގެ ޚިދުމަތް ގްރޭޓާ މާލެ ސަރަހައްދުގައި ފެށުމަށް އެމްއޯޔޫގައި ސޮއިކޮށްފި --- ފޮޓޯ/ އަމަން ލަތީފް
މި ޚިދުމަތަށް ނަގާނީ މިހާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީގައި ކަނޑައަޅާފައިވާ ގައިޑްލައިނުގައިވާ އަގުތައް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޓެކްސީގެ ޚިދުމަތް ހޯދުމަށް ހަތް ދުވަސް ކުރީން ބުކްކުރެވޭނެއެވެ. މީގެ އިތުރުން މި ޚިދުމަތަށް އިތުރު އަގެއް ވެސް ދައްކާކަށް ނުޖެހޭނެއެވެ.
ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށުމަށް ކުރަންޖެހޭ ކަންތައްތައް ފެށުމަށް މިއަދު އެއްބަސްވުމުގައި ސޮއި ކުރިއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށަން ނޫޅޭ ކަމަށް ބުނެފައެވެ.
މި ޚިދުމަތް ސަރުކާރުން ދޭން ފެށުމަކީ އަމިއްލަ ސެންތަރުތަކުގެ ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.