ލަވަކިޔުންތެރިޔާ ޕްރިތަމްގެ އޮފީހުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

އިންޑިއާގެ މިއުޒިކް ޑައިރެކްޓަރު ޕްރިތަމް--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މިއުޒިކް ޑައިރެކްޓަރު, ލަވަކިޔުންތެރިޔާ ޕްރިތަމް ޗަކްރަބަތީ މުމްބާއީގައި ހިންގަމުން އަންނަ އޮފީހުން 40 ލައްކަ ރުޕީސް ގެއްލިގެން އެކަމުގެ ރިޕޯޓުކޮށްފިއެވެ.

މިކަމާ ގުޅިގެން މުމްބާއީގެ ފުލުހަށް މައްސަލަ ހުށަހަޅާފައިވާއިރު ޕްރިތަމްގެ އޮފީހުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ އޮފީހުގައި މަސައްކަތް ކުރާ 32 އަހަރުގެ ޒުވާނަކަށެވެ. އަޝިޝް ސާޔަލް ނަމަކަށް ކިޔާ މި މީހާ ވަނީ ވައްކަން ކުރުމަށްފަހު ފައިސާ ހިފައިގެން ފިލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މީހާ ވަގަށް ނެގި ފައިސާ އަކީ ޕްރީތަމްގެ މިއުޒިކް ސްޓޫޑިއޯ ހިންގާ އޮފީހަށް ކްލައިންޓަކު ފޮނުވި ފައިސާ ކަމަށާއި އެ ފައިސާއާ ހަވާލުވީ ޕްރިތަމްގެ ކުންފުނީގެ ރެޕްރެޒެންޓޭޓިވްއެކެވެ.

އިންޑިއާގެ މިއުޒިކް ޑައިރެކްޓަރު ޕްރިތަމް އެކްޓަރު ރަންބީރު ކަޕޫރާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އަޝިޝް ނަމަކަށް ކިޔާ މީހާ ފައިސާ ވަގަށް ނާގަފައި ވަނީ އެ ފައިސާއާ ހަވާލުވި މީހާ ލިޔެކިޔުންތަކަކަށް ޕްރިތަމްގެ ސޮއި ހޯދުމަށް ލަވަކިޔުންތެރިޔާ ދިރިއުޅޭ ފަންގިފިލާއަށް ދިޔަ ދަނޑިވަޅުގައެވެ.

ޕްރިތަމް ދިރިއުޅެމުން އަންނަނީ ލަވަކިޔުންތެރިޔާގެ އޮފީސް ހިންގާ އިމާރާތުގެ އެހެން ފަންގިފިލާއެއްގައެވެ. ވައްކަން ކުރި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު އޭނާގެ އާއިލާގެ މެމްބަރުންނާ ވެސް މިކަމާ ގުޅިގެން ސުވާލުކުރުމުގެ ސިލްސިލާތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށްދީފައިވާ ޕްރިތަމް އަކީ އިންޑިއާގެ އެންމެ މަގުބޫލު މިއުޒިކް ޑައިރެކްޓަރުންގެ ތެރޭ ހިމެނޭ ފަންނާނެކެވެ.

މިފަހުން ޕްރިތަމް މިއުޒިކް ތައްޔާރުކޮށްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގެ ތެރޭ ދަރުމާ ކުންފުނިން ގެނެސްދިން ލޯބީގެ ފިލްމު "އޭ ދިލް ހެ މުޝްކިލް"، ބަތަލާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު އެކީގައި ކުޅެފައިވާ ފިލްމު "ބްރައްމަސްތުރާ" އަދި ބަތަލާ ޕްރިޔަންކާ ލީޑް ރޯލް ކުޅެފައިވާ ފިލްމު "ބަރުފީ" ހިމެނެއެވެ.

comment ކޮމެންޓް