ރަންވީރުގެ ދައުވަތު ލަވަކިޔުންތެރިޔާ ޕްރާކް ގަބޫލެއްނުކުރި

އިންޑިއާގެ ޔޫޓިއުބަ އަދި ލަވަކިޔުންތެރިޔާ ބީ ޕްރާކް--ފޮޓޯ/ބޮލީވުޑްހަންގާމާ

މަޝްހޫރު ޔޫޓިއުބަ ރަންވީރު އައްލާހްބާދިއާގެ ޕޮޑްކާސްޓު ޝޯގައި ބައިވެރިވުމަށް އެދި އިންޑިއާގެ ލަވަކިޔުންތެރިޔާ ޕްރަތިކް ބަޗަން (ބީ ޕްރާކް)އަށް ފޮނުވި ދައުވަތު ގަބޫލުނުކޮށް ޝޯގައި ބައިވެރިވުމަށް ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބިއަބައިސެޕްސްގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ރަންވީރުގެ ޕޮޑްކާސްޓުގައި ބައިވެރި ނުވާން ބީ ޕްރާކް ދެކޮޅުހަދާފައި ވަނީ ދާދިފަހުން ރަންވީރާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލާ ގާނޫނީ ފިޔަވަޅު އަޅަން ގޮވާލުމާ ގުޅިގެންނެވެ.

ރަންވީރާ ދެކޮޅަށް ގިނަބަޔަކު އަޑުއުފުލާ ފާޑުކިޔާފައި ވަނީ ދާދިފަހުން އޭނާ ބައިވެރިވި "އިންޑިއާސް ގޮޓް ލެޓެންޓް"ގެ ނަމުގައި ހިންގާ ޝޯގައި ބައިވެރިވި މެހެމާނާކާ ހަޑި ހުތުރު ބަހުން ބޭ އަދަބީ ސުވާލެއް ކުރުމާ ގުޅިގެންނެވެ.

ވަރަށް ގިނަ ބަޔަކު އިންޓަނެޓުގައި ގޮވާލާފައި ވަނީ ރަންވީރުގެ އިތުރުން މި ޝޯ އިންތިޒާމުކޮށްފައިވާ މީހުން ކަމުގައިވާ ކޮމީޑިއަން ސަމައި ރާނާއާ ދެކޮޅަށް ވެސް ގާނޫނީ ފިޔަވަޅު އެޅުމަށެވެ.

ރަންވީރު އަދި ކޮމީޑިއަން ސަމައި ރާނާ--ފޮޓޯ/އިންޑިއާޓީވީ

މިކަމާ ގުޅިގެން ބީ ޕްރާކް އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ، ރަންވީރު އެ ޝޯގައި ބައިވެރިއެއްގެ ގާތު ބޭއަދަބީ ސުވާލުތަކެއް ކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އެފަދަ ކަންކަމަކީ އިންޑިއާގެ އާދަކާދައިގައި އޮންނަ ކަންކަން ނޫން ކަމަށާއި ކޮމެޑީގެ ގޮތުގައި އެފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމަށެވެ.

އަމިއްލަ މައިންބަފައިނާ ގުޅުވައިގެން ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމަކީ މަޖާކަމެއް ނޫން ކަމަށާއި ބިއަބައިސެޕުން ލިބުނު ޕޮޑްކާސްޓް ދައުވަތު ކެންސަލްކޮށްފައިވާކަމަށް ބީ ޕްރާކްގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ރަންވީރަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ބަލައިގަންނަ ޝަހުސިއްޔަތުން އޭނާގެ ޕޮޑްކާސްޓު ޝޯއަށް މެހެމާނުންގެ ގޮތުގައި ގެނެސްދީފައިވާ މީހެއް ކަމަށާއި އެފަދަ މީހެއްގެ ވިސްނުން ހުންނަންވީ އެހާ ދަށު ދަރަޖައެއްގައިތޯ ބީ ޕްރާކް ވަނީ ސުވާލު ވެސް އުފައްދާފައެވެ.

އިންޓަނެޓުގައި މި މައުޟޫއު ހޫނުވުމާ ގުޅިގެން ރަންވީރު ވަނީ އޭނާގެ އެކްސް އެކައުންޓުގައި ޕޯސްޓުކުރި ވީޑިއޯގައި އާއްމުންގެ ފަރާތުން މައާފަށް އެދިފައެވެ.

comment ކޮމެންޓް