ގަސްދުގައި މީހަކު މެރުމަށް ރޭވުމާއި މާރާމާރީ ހިންގާ ގްރޫޕަކަށް ނިސްބަތްވާކަމުގެ ތުހުމަތުގައި ޒުވާނަކު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވަނީ ގ. ރީތިމާގެއާގޭ އުމުރުން 21 އަހަރުގެ އަބްދުﷲ އުދައްޔުއެވެ.
މީނާގެ މައްޗަށް ތުހުމަތުވަނީ ޖަމާއަތް ހަދައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރީ ހިންގަން އުޅުނު ކަމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ސިލްސިލާކޮށް ހިނގަމުންދާ މާރާމާރީއެއްގެ މައްސަލައެވެ. ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ވަނީ މި ދެ ގްރޫޕުގެ ދެމެދުގައި ބަދަލުހިފުމުގެ ރޫހުގައި މާރާމާރީ ހިންގުމަށް ރާވަމުންދާ ކަމާއި، އުދައްޔުއަކީ މިއިން ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާވަނީ މާރާމާރީ ހިންގުމަށް ޓަކައި އަނެއް ގްރޫޕުގެ މީހުން ލޮކޭޓު ކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވެފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އުދައްޔު ބުނެފައިވަނީ އޭނާގެ ހަމައެކަނި ކުށަކީ 'އެ މީހުން' ދީފައިވާ ތަނެއްގައި ނިދަން އޮތުން ކަމަށެވެ. އެ މީހުންނަކީ ކޮންބައެއްތޯ ޝަރީއަތުން ސުވާލު ކުރުމުން އޭނާގެ ބޭބެއެއްގެ ނަން ފާހަގަކޮށްފައިވާ ކަމަށާއި، އެ ބުނާ ތަނަކީ މާރާމާރީ ހިންގާ ގްރޫޕަކުން އެކަންކަން ރޭވުމަށާއި އެ ކަމަށް ބޭނުންވާ ތަކެތި ފޮރުވުމަށް ޓަކައި ބޭނުންކުރާ ސޭފްހައުސްއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި އުދައްޔުއަކީ މީގެ ކުރިން ވެސް މި ގްރޫޕުގެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ތަނުން ފެނިފައިވާ ފަރާތެކެވެ. އެ ގޮތުން މިދިޔަ އަހަރުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 21 މީހެއްގެ ތެރޭގައި އޭނާ ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ކޯޓު އަމުރުގެ ދަށުން މީހުން ބަންދުކުރަނީ، ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއެވެ.
މި ދުވަސްވަރު މާލޭގައި ހިންގާ މާރާމާރީތައް ވަނީ ގިނަވެފައެވެ.
އެގޮތުން، މާލޭގެ މަގުމަތީގައި މާރާމާރީ ހިންގަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބުނެފައިވެއެވެ. މީގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ވެސް ހިމެނެއެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. މީގެ ތެރޭގައި ދެން ހިމެނެނީ 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.
މީގެ އިތުރުން ހުޅުމާލޭގައި ކޯރާޑިއަކުން ހަމާލާދީގެން މާރާމާރީއެއް ހިންގި މައްސަލައެއްގައި ވެސް އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކު ތިން ދުވަހަށް ބަންދު ކުރިއިރު އަނެކަކު ޝަރީއަތް ނިމެންދެން ކޯޓު އަމުރެއްގެ ދަށުން ވަނީ ބަންދުކޮށްފައެވެ. އެއީ 19 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ.
މާރާމާރީތައް އިތުރުވަމުން އަންނައިރު، އެ ކަމުގައި ޒުވާނުންނާއި ކުޑަކުދިން ވެސް ބައިވެރި ކުރާކަން ފާހަގަވެއެވެ.