ވޮޝިންޓަން (11 ފެބްރުއަރީ 2025) : ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށް މިސްރާއި އުރުދުންގައި އެ މީހުން ވަޒަންވެރި ކުރުވުމުގެ ޕްލޭނަށް މިސްރާއި އުރުދުން އިން އެއްބާރުލުން ނުދޭތީ އެ ދެގައުމަށް އެމެރިކާގެ އެއްވެސް އެހީއެއް ނުލިބޭނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕާ ހަވާލާދީ އެކްސިއޮސް ނިއުސް ސައިޓް ބުނާގޮތުން ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމުގެ ޕްލޭނަށް މިސްރާއި އުރުދުންއިން އެއްބާރުލުން ނުދޭނެކަން އަންގާފައިވާތީ ޓްރަމްޕްވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ.
މިއާއެކު އެ ދެ ގައުމަށް އެމެރިކާ ދޭ ހުރިހާ އެހީތަކެއް ކަނޑާލާނެކަމުގެ އިންޒާރު ރަސްމީ ޗެނެލްތައް މެދުވެރިކޮށް ވައިޓް ހައުސްއިން މިހާރުވަނީ އެ ދެ ގައުމަށް ދީފައެވެ.
އެމެރިކާ މިސްރަށް މައިގަނޑު ގޮތެއްގައި ދެނީ އަސްކަރީ އެހީއެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 2.5 ބިލިޔަން ޑޮލަރުގެ އެހީއެވެ. މި އެހީތައް ދެނީ ފައިސާއަކުން ނޫނެވެ.
މި އަދަދާ އެއްވަރުގެ ހަތިޔާރާއި ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދީގެންނެވެ. މަދަނީ އެހީ ދެނީ ވަރަކަށް ކުޑަކޮށެވެ. އުރުދުންއަށް ދެނީ 500 ވަރަކަށް މިލިޔަން ޑޮލަރުގެ އަސްކަރީ އެހީއެވެ. އެއީ ވެސް ހަތިޔާރާއި ތަމްރީނާއި ވަސީލަތްތަށް ފޯރުކޮށްދީގެންނެވެ. މީގެއިތުން ޔޫއެސް އެއިޑްގެ ޕްރޮގްރާމްތަކުގެ ތެރެއިން މަދަނީ އެހީ ވެސް ދެއެވެ.
އުރުދުންއާއި މިސްރަށް ވެސް އެމެރިކާ އަސްކަރީ އެހީ ދެނީ އިސްރާއީލާއެކު މިސްރު ސޮއިކޮށްފައިވާ ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމުގެ ބޭނުމުގައެވެ. މީގެއިތުރުން މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް އެ ދެ ގައުމު ތާއީދުކޮށް އެ ދެ ގައުމުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމުގެ ބޭނުމުގައެވެ.
ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށް މިސްރާއި އުރުދުންގައި އެމީހުން ވަޒަންވެރި ކުރުވުމަށް ޓްރަމްޕް އިއުލާން ކުރައްވާފައިވާ ޕްލޭނަށް މިސްރާއި އުރުދުން އިންވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ. މިދެގައުމު ވަކިވަކިން އިއްޔެ ނެރުނު ބަޔާންތަކެއްގައި ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭންގައި އެ ދެ ގައުމު ބައިވެރިނުވާނެ ކަމުގައެވެ.
ރިޕޯޓްތަކާއި ބައިނަލްއަގްވާމީ ގޮތުން މަޝްހޫރު ނޫސްތަކާ އަދި މުހައްލިލުން ވެސް ބުނާގޮތުން ޣައްޒާގެ މައްސަލާގައާއި އެމެރިކާއަށް ތަކެތި އެކްސްޕޯޓްކުރާ ގައުމުތަކުގެ އުފެއްދުންތަކާ ދެކޮޅަށް ޓެރިފާއި ޓެކްސްގެ ފިޔަވަޅުތައް އެޅުމަށް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އެމެރިކާ ދަނީ ދުނިޔޭގެ ގައުމުތަކުގެ ތާއީދު ގެއްލި ދުނިޔޭގައި ވަރަށް ބޮޑަށް އެކަހެރިވެ ބާކީ ވަމުންނެވެ.
އެމެރިކާގެ ބައިވެރިން ކަމުގައިވާ ކެނެޑާއާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތައް ވެސް ދަނީ އެމެރިކާއާ ދެކޮޅަށް ވިޔަފާރީގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް ވެސް ޔޫރަޕްގެ ހުރިހާ ގައުމުތަކަކުން ވަނީ ދެކޮޅު ހަދާފައެވެ. ޔޫރަޕްގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގެ އިތުރުން ގަލްފުގެ ގައުމުތަކާއި މިސްރާއި އުރުދުން ފަދަ އެމެރިކާއަށް ސަޕޯޓްކުރާ އަރަބި ގައުތައް ވެސް މި މައްސަލާގައި އެމެރިކާ ދެކެވަނީ ވަރަށް ބޮޑަށް ފޫހިވެފައެވެ. އެމެރިކާގެ އިތުބާރު ވެސް އެ ގައުމުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
އަނެއްކޮޅުން ޗައިނާ ގެންދަނީ ވަރަށް ގާތުން މިކަންބަލައި އެމެރިކާ އެކަހެރިވަމުންދާ ދިޔުމުން ބޮޑު ފައިދާއެއް ނަގަން ވަރަށް ބޮޑަށް ރާވަމުންނެވެ. މި ހާލަތު ދިގުދެމިގެންދާނަމަ އެމެރިކާގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ޑޮލަރަށް ބަރޯސާވުމުގެ ނިޒާމު ވެސް ދުނިޔޭގެ ފެންވަރުގައި ވަރަށް ބޮޑަށް ބަލިކަށި ވެގެންދާނެކަމަށް މި މައްސަލާގައި ވާހަކަ ދައްކަވާ މުހައްލިލުން ވިދާޅުވެއެވެ.