ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަން އުޅޭތީ ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލަނީ

ޓްރަމްޕް

ވޮޝިންޓަން (11 ފެބްރުއަރީ 2025) : ޣައްޒާއިން ޣައްޒާގެ ރައްޔިތުން ބޭރުކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭންއަކީ ނަސްލު ނައްތާލުމާއި ނަސްލު ސާފުކުރުމުގެ ޖަރީމާއެއް ކަމަށްވާތީ މިމައްސަލައިގައި ޓްރަމްޕްގެ މައްޗަށް ދައުވާ ކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމާމެދު ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނީ ވަކީލުން މަޝްވަރާ ކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ މައްޗަށް ދައުވާ ކުރެވޭވަރުގެ ހެކި އޭނާގެ ބަޔާންތަކާއި އޭނާ ޣައްޒާއާ މެދު ދައްކަވާ ވާހަކަ ތަކުން ލިބެއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ހިޔުމަން ރައިޓްސް ވޮޗް އާއި އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށް މިސްރާއި އުރުދުންގައި އެމީހުން ވަޒަންވެރި ކުރުވުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަކީ ނަސްލު ސާފުކުރުމުގެ ޖަރީމާ ތަންފީޒު ކުރުމުގެ ރޭވުމެއްކަމަށް ސިފަކޮށްފައެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މިފަދަ ޕްލޭނެއް ޕްރޮމޯޓް ކުރުމަކީ ވެސް ހަނގުރާމައިގެ ޖަރީމާ ހިންގުމަށް ހިއްވަރު ދިނުމުގެ އަމަލެކެވެ.

ޓްރަމްޕް ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން އިސްރާއީލުގެ އިސްވެރިން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާތީ އެކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ރިޔާސީ އަމުރެއް ނެރުއްވާފައެވެ. މިއީ އަދާލަތަށް ހުރަސްއެޅުމުގެ އަމަލެއްކަމަށް ވަނީ ބެލެވިފައެވެ.

ބްލޫމްބާގް ބުނާގޮތުން "އައިސީސީ"އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މި އަމުރު ނެރުމުގައި ޓްރަމްޕް ގެ އެންމެ ބޮޑު އެއް ބޭނުމަކީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް "އައިސީސީ"ން ނެރެފާނެ ކަމުގެ ބިރު ހީވާތީ އެކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމެވެ.

ޓްރަމްޕް ހައްޔަރު ކުރުމުގެ އަމުރެއް އެހާ އަވަހަށް ނެރުމަކީ އައިސީސީއަށް ފަސޭހަ ކަމަކަށް ނުވިނަމަވެސް އަދި މިއީ މިވަގުތު ކުރެވޭނެ ކަމެއްކަމަށް ނުވިޔަސް މުސްތަގްބަލްގައި ނުވަތަ ޓްރަމްޕްގެ ރިޔާސީ ދައުރު ނިމުމުން ޓްރަމްޕް ހައްޔަރު ކުރުމުގެ އަމުރެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފާނެ ކަމުގެ ބިރު ޓްރަމްޕްގެ ހަރުކަށި ޓީމުން އިހުސާސްކުރާކަމަށް ވެއެވެ. މިފަދަ އަމުރެއް ތަންފީޒު ނުކުރެވުނަސް މިފަދަ އަމުރެއް ނެރުމަކީ ޓްރަމްޕްގެ އިތުރުން އެމެރިކާ ވެސް ވަރަށް ލަދުގަންނާނެކަމެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާ ދެކޮޅަށް ވެސް އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާތީ މުސްތަގްބަލްގައި ޓްރަމްޕް އާ ދެކޮޅަށް ވެސް މިފަދަ އަމުރެއް ނާންނާނެ ކަމުގެ ގެރެންޓީ ނެތްކަމަށް ޓްރަމްޕްގެ ޓީމުން ބުނާކަމަށް ސްޕޮޓްނިކް ނިއުސް ބުނެއެވެ.

އެމެރިކާގައި ގަވައިދާ ޚިލާފަށް އުޅޭ ހިޖުރަވެރިން އެމެރިކާއިން ބޭރުކުރުމަށް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން ހިންގާ ލާއިންސާނީ އަމަލުތަކަކީ ވެސް އިންސާނީ ހައްގުތަކާ ޚިލާފު ވަރަށް އަނިޔާވެރި އަމަލުތަކެކެވެ. މިއީ އެމެރިކާގެ ގާނޫނުތަކާ ވެސް ޚިލާފަށް ޓްރަމްޕް ހިންގަވާ އަމަލުތަކަކަށްވާތީ ހަތަރު އަހަރުގެ ވެރިކަން ނިންމާލެއްވުމާއެކު މިމައްސަލަ އެމެރިކާގެ ކޯޓުތަކުން ވެސް ބަލައި ޓްރަމްޕްގެ މައްޗަށް ހުކުމްތަކެއް ކޮށްފާނެކަމަށް ގާނޫނީ ތަޖުރިބާކާރުންނާ ހަވާލާދީ ސްޕޮޓްނިކް ނިއުސް ބުނެއެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އޭނާގެ މައްޗަށް ސާބިތުވެފައިވާ 30އަށް ވުރެ ގިނަ ޖިނާއީ މައްސަލަތައް ހުއްޓެވެ. ވެރިކަމަށްފަހު މި ދައުވާތަކާ އޭނާ ކުރިމަތިލަން ޖެހޭނެ ކަމަށް ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު