ހަށިވިއްކުމުގެ ވިޔަފާރިކުރި ބިދޭސީ އަންހެނަކު ޑީޕޯޓުކޮށްލައިފި

ހަށިވިއްކުމުގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އުމުރުން 39 އަހަރުގެ އިންޑިއާގެ އަންހެން މީހާ --- ފޮޓޯ/ އިމިގްރޭޝަން

ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީ އަންހެނަކު އިމިގްރޭޝަނުން ޑީޕޯޓުކޮށްލައިފިއެވެ.

އިމިގްރޭޝާނުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް ޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ބިދޭސީ އަންހެނަކާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްފަހު، މީގެ ތެރޭގައި ހިމެނޭ ބިދޭސީ އަންހެން މީހާ މިހާރު ޑިޕޯޓު ކުރެވިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ބިދޭސީ ފިރިހެން މީހާ ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި މައްލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 39 އަހަރުގެ އިންޑިއާ އަންހެނަކާއި އުމުރުން 52 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށައިފައެވެ.

އެ މަސައްކަތުގެ ތެރެއިން އިމިގްރޭޝަނުން އަންނަނީ، މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ.

comment ކޮމެންޓް