މިއީ މަޝްހޫރު ވިޔަފާރިވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އޭނާގެ ބަޔޮގްރަފީގައި ދަރީނަށް ކުރެއްވި ވަސިއްޔަތެވެ.
ގާސިމްގެ ދިގު އަދި ކާމިޔާބު ހަޔާތުގެ މައްޗަށް ލިޔުންތެރިޔާ މުހައްމަދު ޖަމީލު ލިޔުއްވައި، ރޭ ޝާއިއުކުރި ބަޔޮގްރަފީގައި ގާސިމް ވަނީ ދަރީންނަށް ޚާއްސަ ވަސިއްޔަތެއް ކޮށްފައެވެ.
ވަސިއްޔަތް:
"އޭ ލޯބިވާ ދަރިފުޅުމެންނޭވެ! އެކި ބަނޑަށް ނިސްބަތްވާ ކުދީންނަށް ތިޔަ ކުދީންވިޔަސ،ް ތިޔަ ހުރިހާ ކުދީންނަކީ ބައްޕަގެ ލެއެވެ. ތިޔަކުދީންގެ ކުރިމަގުގެ ކާމިޔާބީ އޮތީ ވަރަށް އިހުލާސްތެރިކަމާ އެކު އެކަކު އަނެކަކަށް އަޅައިލައިގެން އެކަތިގަނޑެއްގެ ގޮތުގައި ތިބެގެންނެވެ. ދަރިފުޅުމެންގެ އަތްމައްޗަށް ބައްޕަ މި ދޫކޮށްލަނީ ދަރިފުޅުމެންގެ މައިންނަށާއި އަދި ދަރިފުޅުމެންނަށް، ބައްޕަ ދޭންޖެހޭ ވަގުތު ނުދެވި، މަސައްކަތުގައި ވެފައިވާ ގުރުބާނީގެ ސަބަބުން ހޯދުނު އެއްޗެކެވެ. އެހެންވީމާ، މި އިންވެސްޓްމަންޓުތައް ތިޔަ ކުދިންގެ މެދުގައި ތެދުވެރިކަމާއި، އިންސާފުވެރި ގޮތުގައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ދަރިފުޅުމެންގެ އަމިއްލަ އިންވެސްޓްމަންޓުތަކަށް ވިޔަސް އެ ހޯދުމަށް ބައްޕަވީ ގުރުބާނީ ހިތުގައި ބަހައްޓައިގެން، ގައުމަށް ފައިދާކުރާނޭ ގޮތަށް ބިނާކުރަމުން ގެންދާށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173925445516lfUz.jpg)
ގާސިމް އާއިލާއާ އެކު -- ފޮޓޯ/ ބަޔޮގްރަފީ
ބައްޕަގެ ވަސިއްޔަތަކީ ތިޔަކުދިން ބައިބައިވެގެން ނުދިއުމެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް އަޅާލުމެވެ. އެކީގައި އުޅޭއިރ،ު ހިތްހަމަނުޖެހޭ ކަންތައްތަކާ ދިމާވިޔަސް ކެތްތެރިވާށެވެ. ވިސްނުންތެރިވާށެވެ. ހިތްހަމަ ނުޖެހޭ ކަންކަމާ ދިމާވުމުން ވަކިވެގެން ލިބޭ އެއްޗެއް ހިފައިގެން ގޮސް އުޅޭއިރު، ވަރަށް ގިނަ ފަހަރު ކާމިޔާބު މަސައްކަތަކާ ހަމައަށް ނުދެވިދާނެއެވެ.
އޭ ލޯބިވާ ދަރިފުޅުމެންނޭވެ. ބައްޕަ ދެކެން ބޭނުންވަނީ ތިޔަ ކުދިންނަށްޓަކައި ބައްޕަ ބިންގާއަޅައ،ި ފަށައިފައިވާ ކަންކަން، ތިޔަކުދިން އިހުލާސްތެރިކަމާ އެކު މަސައްކަތްކޮށް، މިއަށްވުރެ ވެސް ފުޅާކުރެވިގެންދާނެ ދުވަހެކެވެ. އެއްވެސް އިންސާނަކަށް އޭނާ އެދޭ ހުރިހާ ކަމެއް މި ދުނިޔޭގައި ފުރިހަމައެއް ނުވެއެވެ. ހަމަ އެހެންމެ ތަނަވަސްކަމަކީ، އެއީ ދުނިޔެގައި ނިމުމެއް އޮތް ކަމެއް ވެސް ނޫނެވެ. އެކަމަކު ހަނދާނުން ކައްސާލިޔަ ނުދެއްޗެވެ. ތެދުވެރިކަމާ އެކީގައި ތިމާމެންގެ ދީނަށާއ،ި ތިމާމެންގެ މައިން ބަފައިންނަށާއ،ި އަހުންނާއި އުހްތުންނަށާއި ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށާއި، އެކިއެކި ހާޖަތުތައް ޖެހިފައިވާ ނިކަމެތިންނަށް ހެޔޮކޮށް ހިތައިގެން އުޅުމަކީ، އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވައިފައި އޮތް ގޮތެވެ. އެއީ ކާމިޔާބުގެ ތަޅުދަނޑިއެވެ. އެއީ އެންމެ ފުރިހަމަ އެންމެ ރަނގަޅު ގޮތެވެ. އެއީ ބައްޕަ އެ މަގަކުން ހިނގަމުންދިޔަ މަގެވެ.
ބައްޕަގެ ހަޔާތުގެ އެންމެ މުހިންމު އެއް ބަޔަކީ އިންސާނިއްޔަތަށް އެހީތެރި ވުމެވެ. ކުރިމަތިލާންޖެހުނު އަނިޔާތަކާއި ހުރަސްތަކާ އެކު ވެސް، ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. އެކަން އެންމެ ފަހުނޭވާއާ ހަމައަށް ވެސް ދެމިއޮންނާނެއެވެ. އެއީ ބައްޕަގެ ދަރިންނަށާއި ކާފަދަރިންނަށާއި އަދި ފަހަށް ދެމިގެންދާ ދަރިކޮޅަށް ދޫކޮށްދާ ހަނދާން ތަކެކެވެ. ދަރިފުޅުމެންގެ ކާފަ ބުރުމާ އިބްރާހީމްގެ ފަރާތުން ބައްޕައަށް ލިބުނު އެންމެ މުހިންމު ފިލާވަޅަކީ ދަތިހާލުގައި ޖެހިފައިވާ މީހުންނަށް ވެވުނު ވަރަކުން އެހީވުމެވެ. ތިޔަ ކުދިން ވެސް، ބައްޕަގެ ވަސިއްޔަތެއްގެ ގޮތުގައި ދެކެންވީ، އަބަދު ވެސް ދަތިހާލުގައި ޖެހިފައި ތިބޭ މީހުންނާ މެދު ރަހުމުކޮށް އެހީތެރިވުމުގެ އަތްތިލަ ހުޅުވާލައިގެން ތިބުމަށެވެ. އިސްރާފު ނުކުރުމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1739254511148SgW.jpg)
ގާސިމް އާއިލާއާ އެކު -- ފޮޓޯ/ ބަޔޮގްރަފީ
ތިޔަ ހުރިހާ ކުދިންގެ ތެރެއިން އެންމެ އިސްކޮށް ބައްޕަ މަސްއޫލިއްޔަތު މި ހަވާލު ކުރަނީ އިބްރާހީމާއެވެ. ހުރިހައި ކުދިން އޭނާއަށް އެހީތެރިވެދީ، އެކަތިގަނޑެއްގެގޮތުގައި ކުރިއަށް ދާށެވެ. އޭނާ ނެތް ދުނިޔޭގައި ދެން އެންމެ ރަނގަޅަށް ހަރުދަނާކޮށް ކަންތައްކުރާ ކުއްޖަކު އިސްކޮށްގެން އޭނާގެ ފަހަތުން ހުރިހައި ކުދިން ވެސް އެކީގައި އުޅޭށެވެ. ތިޔަކުދިންގެ ތެރެއިން ވެރިއަކަށް ހުންނަ ކުއްޖަކާއި އެއާ ޖެހިގެން ދެން ހުންނަ ކުއްޖަކާ އަދި ހުރިހާ ކުދިން ވެސް ވަކިވަކި ކުދިންގެ ހައްގުތަކަށް ރައްކާތެރިވާށެވެ. ގާތް މީހަކު ކަމެއް ގޯސްކުރަން ނަސޭހަތްދިނަސް އެކަހަލަ ކަންތައްތަކުގައި ބައިވެރިނުވާށެވެ. އަދި، ބަޔަކު ނުބައި ރޭވުމެއް ރާވައިގެން ދެރައެއް ދޭން އުޅުނަސް، އެ ބަޔަކަށް ބަދަލުގައި ދެރައެއް ދޭން ނުވިސްނާށެވެ. ވިސްނަންވީ ހަމައެކަނި އެކަމަކުން ސަލާމަތްވެވޭނެ ގޮތެއް ހޯދައިގެން ސަލާމަތްވުމަށެވެ. ތިމާދެކެ މީހަކު ރުޅިއައިސްގެން އުޅުނަސް އެ މީހާއަށް ދެރައެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭށެވެ.
ތިޔަ ކުދިންގެ މައިންނަށް އަދާކުރަންޖެހޭ ޝުކުރަކަށް ނިމުމެއް ނެތެވެ. ބައްޕަ މަސައްކަތުގައި އަވަދިނެތި އުޅުނުއިރު، ދަރިން ތަރުބިއްޔަތު ކުރުމާއި، ތިޔަ ކުދިންގެ ކަންކަމުގައި އެންމެ ބޮޑު ގުރުބާނީއެއްވީ ތިޔަ ކުދިންގެ މައިންނެވެ. މުޖުތަމައުގެ ނުބައި އޮއިވަރުތަކުގެ ތެރޭގައި ތިޔަ ކުދިން ޖެހުނަނުދީ، ދިވެހި ގައުމަށް ހިދުމަތްކުރެވޭފަދަ އިލްމީ، ގާބިލު އަދި ހިތް ހެޔޮ ދަރިންތަކަކަށް ހަދައިދިނީ ތިޔަ ކުދިންގެ މަންމައިންނެވެ. ބައްޕައަށް ކޮށްދެވުނު ކަމަކީ ތިޔަ ކުދިންގެ ކަންކަމަށް ކުރަންޖެހުނު ޚަރަދުތަކުގައި ދަތިވިޔަ ނުދިނުމެވެ. ލިބިފައިވާ ތަނަވަސްކަމާ އެކު ވެސް، މަޖާކުރުމާއި، ވަގުތު ބޭކާރު ކުރުމުގައި، ހައްދު ފަހަނައަޅައި ދިޔަ ނުދީ، ދެއްކުންތެރިކަން އިސް ކުރިޔަނުދީ، ލިބޭއެއްޗަކުން ދެކޮޅު ޖައްސައި، ސާދާ ދިރިއުޅުމަކަށް ތިޔަ ކުދިން މިސްރާބު ކުރެވޭތޯ ބައްޕަ ބެލީމެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173925456211sLHK.jpg)
ގާސިމް އާއިލާއާ އެކު -- ފޮޓޯ/ބަޔޮގްރަފީ
ބައްޕަގެ ދަރިންގެ މަންމައިންގެ ކިބައިން އެދެނީ، އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހަސަދަވެރިކަން އުފެދިދާނެފަދަ ކަމަކަށް މަގު ތަނަވަސްވިޔަ ނުދީ، އުފާވެރި ސުލްހަވެރި ހަޔާތެއްގައި އެ ކުދިން އުޅުމަށް ނަސޭހަތްތެރިވުން މަތީގައި ދެމިތިބުމަށެވެ. ތިޔަ މައިން ތަރުބިއްޔަތު ކުރި ދަރިންނާމެދު އަހަރެން ފަހުރުވެރި ވަމެވެ. ތިޔަ މައިންވި ގުރުބާނީގެ އަގު އަހަރެން ވަޒަންކުރަމެވެ."
މިއީ ގާސިމްގެ ދިގު، ކާމިޔާބު ހަޔާތްޕުޅުގެ މައްޗަށް ރޭ ޝާއިއުކުރި ހަޔާތުނާމާ (ގާސިމް އިބްރާހިމް: ލާމަސީލު ދިވެހި ދަރިއެއް)ގައި އޮތް ވަސިއްޔަތެވެ. މުޅި ހަޔާތުނާމާ އޮންލައިންކޮށް ވެސް ވިދާޅުވެވޭނެއެވެ.