މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް މާލެ ފައިބައިވަޑައިގެންއިރު ދެ ފުލުސް އޮފިސަރުން ތިއްބެވިއެވެ. ބަނޑޭރިގެއަށް އަރާވަޑައިގެންއިރު ދެ ފަޅީގައި އޮފިސަރުން ތިއްބެވިއެވެ. އެ ތަނުގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި ޑރ. މުހައްމަދު މުނައްވަރާއި އިބްރާހިމް ހުސައިން ޒަކީ ވެސް ތިއްބެވިއެވެ. އެކަކަށް އަނެކަކު ނުފެންނަހެން ފާރަށް އަނބުރާފައެވެ.
ފިނި ކޮޓަރިއެއްގެ ސޯފާއެއްގައި ބައިންދާފައި އިންނަތާ ފުދޭވަރަކަށް އިރުވީމާ ގާސިމް އިސްވެ ބަހެއް ވިދާޅުވީއެވެ. އެދިވަޑައިގަތީ މުހައްމަދު ޒާހިރު (ޓޫޓޫ)އާ ބައްދަލުކުރައްވާށެވެ.
ގާސިމް އެއްވުމަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެންނެވެ. ޗީފް އޮފް ސްޓާފްގެ އިރުޝާދަށެވެ. ބަންޑޭރިގެއަށް ވަޑައިގަތީ ވެސް އެ ގޮތުންނެވެ. ދެތިން ފަހަރަކު ދެންނެވީމާ ޒާހިރު ވަޑައިގެންފިއެވެ. އަޅުގަނޑު ކުރި މަސައްކަތް މަނިކުފާނަށް އެނގިވަޑައިގަންނަވާނުންތޯއޭ، އެހެންވީމާ މި ކަމުގައި އަޅުގަނޑުގެ އަތެއްނުވާކަން ރައީސަށް ދަންނަވައިދެއްވާށޭ އެތައް ގޮތަކަށް ގާސިމް ވިދާޅުވިއެވެ.
ޒާހިރު އެއްޗެއް ވިދާޅެއްނުވެއެވެ. އަޑުއިވިއްޖޭ ވިދާޅުވެފައި ދެން ވަޑައިގަތީއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_17392533358yJ4s.jpg)
ގާސިމްގެ ކުރީގެ ފޮޓޯއެއް -- އޭނާގެ ބަޔޮގްރަފީއެއް ރޭ ވަނީ ނެރެފައި -- ފޮޓޯ/ ބަޔޮގްރަފީ
އޭރު އެ ތަނުގައި ގާސިމް އިންނަވާތާ އިރުކޮޅެއް ވެއްޖެއެވެ. ސިނގިރެޓެއް ނުހިއްޕަވާ މާ ގިނައިރަކު ދެން ނުއިންނެވޭނެއެވެ. ޑިއުޓީގައި ތިއްބެވި ސިފައިންގެ ދެ ބޭކަލުން ގާތުގައި ތިރިއަށް ގެންގޮސްދޭން އެދުނީ އެހެންވެއެވެ.
އެ ބޭކަލުން ގާސިމް ގެންދިޔައީ ބަނޑޭރިގޭ އަނެއް ފަރާތަށެވެ. ބިމުގައި ބަނޑު ޖެހޭ ގޮތަށް، ވެލާ ކަހަބުހެން އެ ތަނުގައި ބައިވަރު މީހުން ތިއްބެވެ. އަންހެނުން ވެސްއެވެ. ސިނގިރެޓު ހިއްޕަވަން ކުރީގެ ޚާރިޖީ ވަޒީރު ފަތުހުﷲ ޖަމީލްގެ ކާރުކޮޅު ކައިރީގައި ހުންނެވީއިރު ބައެއް ބޭފުޅުންގެ ރުއިމުގެ އަޑު ވެސް އިވިވަޑައިގަތެވެ.
މާ އިރުތަކެއްނުވެ، ކާރުކޮޅުތަކުގައި ބަނޑޭރިގެއަށް ވަޑައިގެން ތިއްބެވި ވަޒީރުންތައް އެނބުރި އެ ވަޑައިގެން ތަނަކަށް ދުރުވެއްޖެއެވެ. ދުރުނުވެވުނީ ގާސިމަށެވެ.
ރޭގަނޑު 11:00 އެއްހާއިރު ކާން ދެއްވިއެވެ. އެކަމަކު، ދެން ވިދާޅުވީ، ދޫނިދުއަށްދާން ތައްޔާރުވެލައްވާށެވެ.
އިބްރާހިމް އިސްމާއިލުމެންނާ އެކު ފަހަރަކު ބޭފުޅަކު ގޮޅިއަށް ވައްދަމުން ދިޔައެވެ. ގާސިމް ލެއްވީއަކީ ދެން ގޮޅިއަކަށް ނޫނެވެ. ގޮޅިއެއް ނަމަ ދޫނިދޫ ގަނޑުވަރޭ އެ ތަނަށް ނުކިޔާނެއެވެ. އެއީ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ވެސް ބަންދުކުރައްވާފައި ހުންނެވި ތަނެވެ. ބޮޑުވަޒީރު އަހުމަދު ޒަކީ ވެސް ބަންދުކުރެއްވި ތަނެވެ. ރީތިކޮށް ފެންވަރައިލެވޭ ފާހަނާއެއް ހުރެއެވެ. އެއާކޯން ވެސް ކޮށްފައެވެ. ގޯތިތެރެއެއް ވެސް އޮވެއެވެ. އުނދޯލިގެއެއް ވެސް އިނދެއެވެ. ފުރަތަމަކޮޅު ބައެއް ކަންކަން މަނާކުރިޔަސް މެެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173925340255kvRx.jpg)
ގާސިމް އިބްރާހިމްގެ ކުރީގެ ފޮޓޯއެއް: އޭނާގެ ބަޔޮގްރަފީ ރޭ ވަނީ ނެރެފައި -- ފޮޓޯ/ ބަޔޮގްރަފީ
ޖަލުތަކުގައި މީހުން މަރުވުމާއި ވިހަލުމާއި ދެން ވެސް އިވިވަޑައިގެންފައި ހުންނެވި ބިރުވެރި އަޑެއްވިއްޔާ ގާސިމް ޖަލުގައި އޮތްއިރު ސިކުނޑީގައި ހަރުލާފައި ހުންނެވިއެވެ.
ހިތްޕުޅުގައި ބިރުވެރިކަން އޮތް މިންވަރުން ފަރިއްކުޅުވަން ގެންނަ ރިހަކޮޅު ވެސް އުކާލަނީއެވެ. ފަރިއްކުޅުވީ ސާފު ފެންފޮދަކުން މަސްކޮޅު ދޮވެލައްވައިގެން، ބަތާ ޖައްސައިގެންނެވެ. ހަވީރު ސައިގެ ވެސް ބޮޑުބައި އެ ގޮތަށެވެ. ވިހަލާފާނެކަމުގެ ބިރުފުޅު އޮތީމައެވެ.
އެ ވާހަކައެއް ނޫނެވެ. ތަހުގީގުގައި ގާސިމާ ސުވާލުކުރެވުނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުން ހޮވާން ޚަރަދުކުރެއްވިތޯއެވެ. ކުރެއްވީ ކިހާ ވަރެއްތޯއެވެ.
ތަހުގީގަށް ވައްދަނީ ފޭލިގެއަކަށެވެ. ވަށައިގެން ބައްދާފައެވެ. އެތެރޭގައި އެނބުރޭ ފައްކާއެކެވެ. ފޭލިގެ ހުންނަނީ އަވިގަނޑުގެ މެދުގައެވެ. އެހެންވެ، ފަންކާ ޖައްސާލީމާ ހޫނު ވައި އަރައިގެން ބައެއް މީހުން ބުރާންތި ވެސް ވަނީއެވެ. އެ ތަނަށް ގެންދެވި ދުވަހު ގާސިމަށް ވެސް ވިދާޅުވެވުނީ 'މަރުވަނީ މަރުވަނީއޭ'އެވެ. އެއީ، އެއް ދުވަހަކު އޮންނަ ކަމެއް ނޫނެވެ.
އެ ދުވަސްވަރު ޤުރުއާނާ ގާތްވިއެވެ. ދީނާ މެދު ލޯބި އިތުރުވިއެވެ. އެ ހާލުގައި ވެސް އޮންނާން ޖެހިވަޑައިގަތުމުންނެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173925347259xqLW.jpg)
ގާސިމް އާއިލާއާ އެކު: އޭނާގެ ބަޔޮގްރަފީ ރޭ ވަނީ ނެރެފައި -- ފޮޓޯ/ ބަޔޮގްރަފީ
ޖަލުގެ ތަހުގީގުގައި ވަރަށް ވޭންތައް ކުރިމަތިވެވަޑައިގަތެވެ. ތުހުމަތުކޮށްފައި އޮތީ އިލްޔާސް އިބްރާހިމަށް ވެރިކަން ހޯދައިދެއްވަން ގާސިމް އުޅުއްވަނީ ކަމަށެވެ. އެކަމަކު، ނޫނޭ ނޫނޭ މި މަސައްކަތްކުރަނީ ޑިމޮކްރަސީ ގެނެވޭތޯއޭ އޭނާ ވިދާޅުވެއެއެވެ. ރޭގަނޑު ލޮލުފިއެއް ނުޖެހެއެވެ. ތަހުގީގުގައި ގެންގުޅޭތީއެވެ. ބިރުދައްކާތީއެވެ.
އެއް ރޭގެ ތަހުގީގު ގެންދިޔައީ ފަތިސްވުމާ ހަމައަށެވެ. މޭޒުގެ ތަޅަތަޅާފައި ބިރުދައްކަދައްކާފައި ސުވާލުކުރަނީއެވެ. އިލްޔާސަށް ވެރިކަން ހޯދައިދެއްވަން އުޅުއްވާތޯއެވެ. ވަރުބަލިވެވަޑައިގެން، އިތުރު އެއްވެސް ގޮތެއް ނެތި ގޮތް ހުސްވެއްޖެހެން ހީވުމުން ގާސިމް ބޮލުގެ އެއްޗެއް ހެއްދެވީއެވެ.
އަވަހަށް ސަލާމަތްވާން، ގާނޫނުއަސާސީ އިސްލާހުކުރާއިރު ރައީސަކާ އެކު ބޮޑުވަޒީރެއް ވެސް ހުންނަ ގޮތް ހަދާފައި ބޮޑުވަޒީރުކަން އިލްޔާސް އިބްރާހިމަށް ހޯދައިދެއްވަން މަސައްކަތްކުރައްވަން އުޅުއްވަނީއޭ ވިދާޅުވީއެވެ. އެ ހިސާބުން ހީފުޅުކުރެއްވި ގޮތަށް ތަހުގީގު ވެސް ނިމޫނީއެވެ. ގާސިމް ސަލާމަތް ވެސް ވީއެވެ.
އެކަމަކު، ފަތިސް ވަނިކޮށް އެ ކަމެއް ނިމުނުއިރު ގާސިމް ގޮނޑިން ވެއްޓިވަޑައިގަންނަވަނީއެވެ. އެ ވަރުވީމާ ދެން ބޭއްވީ ބޭރުގައި ފަތްޖެހި އެނދެއްގައެވެ. ދެ ގަޑިއިރެއްހާއިރު ބާއްވާފައި، އަތުލަފިކޮށްގެން ގެންގޮސް އަނެއްކާ ވެސް ގޮޅިއަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173925356365crBl.jpg)
ގާސިމްގެ ކުރީގެ ފޮޓޯއެއް: އޭނާގެ ބަޔޮގްރަފީ ރޭ ވަނީ ނެރެފައި -- ފޮޓޯ/ބަޔޮގްރަފީ
ހެނދުނު ސައިފޮދު ވެސް ނުހިއްޕެވުނެވެ. ކެތްނުކުރެވިގެން 'މަރުވަނީއޭ' ޑޮކްޓަރަށް ގެންގޮސްދޭށޭ އާދޭސްކުރެއްވީއެވެ.
ޑޮކްޓަރަކު ގެނައީއެވެ. އޭނާ އިރުޝާދު ދެއްވީ އައިޖީއެމްއެޗަށް ގެންދާށެވެ. ދޫނިދޫގައި އެކަން ނުކުރެވޭނޭ ވިދާޅުވެފައެވެ. ހޮސްޕިޓަލަށް ގާސިމް ގެންދިޔައީ ހުކުރު ދުވަހެއްގައެވެ. މީހުންނަށް އޭނާގެ ހާލު ބަލައިލަން ނުވަދެވެއެވެ. އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނަށް ވެސް ވަދެވަޑައިގެންނެވެނީ ފަހަރަކު ބޭފުޅަކަށެވެ.
އެ ދުވަހު ދޮށީ ދަރިފުޅު އިބްރާހިމް ސިއާދު ގާސިމް ހިތްވަރުދެއްވާފައި ބައްޕަ ދެރަނުވާށޭ، އެ ވަރުގެ ކުށެއް ބައްޕަ ނުކުރައްވައޭ ވިދާޅުވިއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173925362740642k.jpg)
ގާސިމް އާއިލާއާ އެކު: ގާސިމްގެ ބަޔޮގްރަފީ ރޭ ވަނީ ނެރެފައި -- ފޮޓޯ/ބަޔޮގްރަފީ
އާނއެކެވެ. ގާސިމަށް އެހެން ދިމާވީ ކުށެއް ކުރެވިގެންނެއް ނޫނެވެ.
"އެކަމަކު، ދަރިފުޅު ދުވަހަކު ވެސް ސިޔާސީ ކަމެއްގެ ތެރެއަށް ވަދެގެން ނުވާނޭ،" އެ ދުވަހު ދަރިކަލުންގެ ގާތުގައި ގާސިމް ވިދާޅުވިއެވެ.
މިއީ ގާސިމްގެ ދިގު، ކާމިޔާބު ހަޔާތްޕުޅުގެ މައްޗަށް ރޭ ޝާއިއުކުރި ހަޔާތުނާމާ (ގާސިމް އިބްރާހިމް: ލާމަސީލު ދިވެހި ދަރިއެއް)ގެ ކުޑަކުޑަ ތަންކޮޅެއްގައި އޮތް ވާހަކައެކެވެ. މިއީ ގާސިމްގެ ހަޔާތުގެ އެންމެ ކަޅު ސަފުހާގެ ނަމުން ނަން ދެއްވާފައި އޮތް ޗެޕްޓަރުގައި ހުރި ބައެއް ވާހަކަތަކެވެ. މުޅި ހަޔާތުނާމާ އޮންލައިންކޮށް ވެސް ވިދާޅުވެވޭނެއެވެ. މި ފޮތް ލިޔުއްވީ ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ.