އިންޑިއާގެ މަޝްހޫރު ޕޮޑްކާސްޓާ ރަންވީރު އައްލާހްބާދިއާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލައިފިއެވެ.
މަޝްހޫރު ޔޫޓިއުބާއާ ދެކޮޅަށް އިންޓަނެޓުގައި ވެސް ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަނީ ދާދިފަހުން ރަންވީރު ކުރިއަށްގެންދިޔަ އިންޓަވިއުގައި ބައިވެރިވި މެހެމާނުން ގާތުން ބޭއަދަބީ ސުވާލުތަކެއް ކުރުމުންނެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ ރަންވީރުގެ އިތުރުން ސޯޝަލް މީޑިއާ އިންފުލުއެންޒާ އަޕޫރުވާ މަޚީޖާ އާއި ކޮމީޑިއަން ސަމޭ ރައިނާ އަދި މި ޝޯ އިންތިޒާމުކޮށްގެން ގެނެސްދޭ ފަރާތްތަކާ ދެކޮޅަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_17392418256SYkv.jpg)
ޕޮޑްކާސްޓަ ރަންވީރު އައްލާހްބާދިއާ ބަތަލާ ކަރީނާ ގެނެސްދޭ ޓޯކް ޝޯއެއްގައި ބައިވެރި ވަނީ--ފޮޓޯ/ބޮލީވުޑްހަންގާމާ
މުމްބާއީ ކޮމިޝަނަރާއި މަހާރަޝްތުރާ ވިމެންސް ކޮމިޝަންގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ ހުތުރު ބަހުން ޝޯގެ މެހެމާނުންނާ ވާހަކަ ދައްކާ ބޭ އަދަބީ ސުވާލުތައް ކޮށްފައިވާތީ އެކަން ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށާއި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.
މި މައްސަލަ ބޮޑަށް ހޫނުވީ 10 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯކުރާ ޔޫޓިއުބާ، ޕޮޑްކާސްޓާ ނުރަނގަޅު އަދި ހަޑި ހުތުރު ސުވާލެއް ޝޯގެ ބައިވެރިއަކާ ކުރުމުންނެވެ.
މި މައްސަލައާ ގުޅިގެން މަހާރަޝްތުރާގެ ޗީފް މިނިސްޓަރު ދޭވެންދުރަ ބުނެފައި ވަނީ އެ ޝޯ އަދި ނުބަލާ ކަމަށާއި ނަމަވެސް ޝޯގެ ހޯސްޓު ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައި ހުރި މަންޒަރު ފެންނަ ވީޑިއޯތަކެއް ފެނިފައިވާ ކަމަށެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިންޑިއާގެ ކޮންމެ ރައްޔިތަކަށް އޮތް ނަމަވެސް ބޭއަދަބީ ބަހުން ހަޑިހުތުރު ގޮތްގޮތަށް ވާހަކަ ދައްކާ ސުވާލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ޗީފް މިނިސްޓަރު ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ޒިންމާދާރުކަމާ އެކު ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ހަރުކަށި ގަވައިދުތަކެއް ހަދަން ޖެހިފައިވާ ކަމުގެ ބަހުސްތައް ކުރިއަށްގެންދާނެ ކަމަށް ވެސް މަހާރަޝްތުރާގެ ޗީފް މިނިސްޓަރު ވަނީ ބުނެފައެވެ.
ރަންވީރު އައްލާހްބާދިއާ އަކީ އިންޑިއާގެ އެންމެ މަގުބޫލު އަދި ވަރަށް ގިނަ ފިލްމީ ތަރިންނާ ވެސް ގާތް ގުޅުމެއް އޮންނަ ޔޫޓިއުބާ އަދި ޕޮޑްކާސްޓް ހޯސްޓެކެވެ.