އިލޮން މަސްކް އޯޕަން އޭއައި ގަތުމަށް 97.4 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއް ހުށަހަޅައިފިކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.
ބިލިއަނަރު އިލޮން މަސްކް ބުނެފައިވަނީ އޭނާ ބޭނުންވަނީ އޯޕަން އޭއައި އަކީ "ރައްކާތެރިކަމަށް އިސްކަންދޭ، ހެޔޮކަމަށް މަސައްކަތްކުރާ ބާރަކަށް" ހެދުމަށް ކަމަށެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އިލޮން މަސްކާއި އޭނާގެ އިންވެސްޓަރުންގެ ގްރޫޕަކުން އޯޕަން އޭއައި ހިންގާ ނޮން-ޕްރޮފިޓް ކުންފުނީގެ ކޮންޓްރޯލިން ހިއްސާއެއް ގަތުމަށް ހުށަހަޅާފައިވެއެވެ.
މަސްކް އާއި އޭނާގެ ވަކީލު ވޯލް ސްޓްރީޓް ޖާނަލަށް ވިދާޅުވެފައިވަނީ "އޯޕަން އޭއައި އެނބުރި އޯޕަން-ސޯސް، ރައްކާތެރިކަމަށް އިސްކަންދޭ، ހެޔޮކަމަށް މަސައްކަތްކުރާ ބާރަކަށް ވުމުގެ ވަގުތު އައިސްފައިކަމަށް މިވަނީ. އަޅުގަނޑުމެން އެކަން ޔަގީންކުރާނަން،"
މި ހުށަހެޅުމަކީ އޯޕަން އޭއައިގެ ސީއީއޯ ސަމް އޯލްޓްމަން އެ ކުންފުނި ފައިދާ ލިބޭ ކުންފުންޏަކަށް ބަދަލުކުރުމުގެ ޕްލޭންތަކަށް ހުރަސްތަކެއް ކުރިމަތިކުރުވާފާނެ ކަމެކެވެ.
މަސްކާއި އޯލްޓްމަންއަކީ ކުރިން އެކީގައި މަސައްކަތްކުރި ދެ މީހުން ކަމުގައި ވިޔަސް މި ދެ މީހުން 2015 ގައި އޯޕަން އޭއައި އުފެއްދި ފަހުން، މަސްކް ވަނީ 2019 ގައި ކުންފުނީގެ ކޮންޓްރޯލް ހޯދަން މަސައްކަތްކުރުމަށްފަހު ކުންފުނިން ބޭރުކުރެވިފައެވެ.
ސަމް އޯލްޓްމަން މި ހުށަހެޅުމަށް އެކްސްގައި ވަނީ ނުސީދާ މަލާމާތުގެ ޖަވާބެއް ދީފައެވެ.
"ޝުކުރިއްޔާ، އެކަމަކު އަޅުގަނޑުމެން އެކްސް 9.74 ބިލިއަން ޑޮލަރަށް ގަނެފާނަން، އެގޮތަށް ބޭނުންނަމަ،" އޯލްޓްމަން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ މެދުތެރޭގައި އިލޮން މަސްކް ވަނީ އޭނާގެ އަމިއްލަ އޭއައި ކުންފުންޏެއް ކަމުގައިވާ xAI އުފައްދާފައެވެ.
އަދި އިލޮން މަސްކް ވަނީ 2025 ގެ ޖެނުއަރީގައި އޭނާގެ ވިޔަފާރިތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ލިބިގަނެ، އެމެރިކާގެ ވިޔަފާރި ދުނިޔޭގައި އެންމެ ނުފޫޒުގަދަ މީހުންގެ ތެރެއިން މީހަކަށް ވެފައެވެ. އެހެންކަމުން މިފަދަ ބޮޑު އަގެއްގައި އޯޕަން އޭއައި ގަތުމަށް ހުށަހެޅުމަކީ މަސްކްގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އަޅާ އިތުރު ފިޔަވަޅެއް ކަމުގައި ބެލެވިދާނެއެވެ.