އެމެރިކާ ބޭނުންވަނީ ޣައްޒާ ގަނެ، ޣައްޒާގެ މިލްކުވެރިކަން ހޯދަން: ޓްރަމްޕް

ޓްރަމްޕް އެމެރިކާގެ ރިޔާސީ މަތިންދާ ބޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ވޮޝިންޓަން (10 ފެބްރުއަރީ 2025): އެމެރިކާ ބޭނުންވަނީ ޣައްޒާ ގަނެ, ޣައްޒާގެ މިލްކުވެރިކަން ހޯދަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ މަތިންދާބޯޓު އެއާފޯސް ވަންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވިގޮތުގައި ޣައްޒާ ގަންނަން އެމެރިކާ ބޭނުންވަނީ މެދުއިރުމަތީގައިވާ މުއްސަނދި ގައުމުތަކުގެ ފައިސާއިންނެވެ. އެގައުމުތަކުގެ އެހީގައެވެ.

ޣައްޒާ ގަތުމަށްފަހު ޣައްޒާގެ ބިންތައް ބައިބައިކޮށް މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އޭގެ ތެރެއިން ބައެއް ބިންތައް ދެވިދާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ޣައްޒާއިން ބޭރުކޮށްލާ އެތަނުގެ ރައްޔިތުން އަވަށްޓެރި ގައުމުތަކުން ގަބޫލުކުރާނެއެވެ. މިކަމުގައި ފުރަތަމަ ދަތިތަކެއް ދިމާވިނަމަވެސް މިކަން ހައްލުކޮށް ޣައްޒާގެ މިލްކުވެރިކަން އެމެރިކާއަށް ހޯދޭނެއެވެ.

އެމެރިކާގެ ބާރުގެ ދަށަށް ޣައްޒާ ގެނައުމާއި ޣައްޒާއިން ބޭރުކޮށްލާ ރައްޔިތުން މެދުއިރުމަތީގެ ގައުމުތަކުގައި ވަޒަންވެރި ކުރުވުމާބެހޭގޮތުންނާއި ޣައްޒާ ގަތުމަށް ބޭނުންވާ ފައިސާ ހޯދުން ފަދަ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާއަށް ވަޑައިގަތުމަށް މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ލީޑަރުންނަށް މިހާރު ދައުވަތު އަރުވާފައިވާނެ ކަމަށް ވެސް ރިޔާސީ މަތިންދާ ބޯޓު (އެއާފޯސް ވަން) ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދެއްކެވިއިރު އޭނާވަނީ އެމެރިކާއަށް ވަޑައިގަތުމަށް މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީއަށާއި އުރުދުންގެ ރަސްގެފާނު އަބްދުﷲ (ދެވަނަ)އަށް ދައުވަތު ދެއްވާފައެވެ. ރިޕޯޓްތައް ބުނާގޮތުން އަންނަ ހަފުތާގައި އެ ދެ ބޭފުޅުން ޓްރަމްޕާ ބައްދަލުކުރަން އެމެރިކާއަށް ވަޑައިގަންނަވާނެއެވެ.

"ޣައްޒާ އޮތީ އިމާރާތްކޮށް ގެދޮރުއަޅައި ތަރައްގީކޮށްލުމަށް ވަރަށް މުހިއްމު އަދި ހިތްގައިމު ލޮކޭޝަނެއްގައި ވީމާ، އަހަރެމެންނަށް ޣައްޒާ ދޫކޮށެއް ނުލެވޭނެ" ޓްރަމްޕް ވިދާޅުވިއެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ އެމެރިކާއިން ޣައްޒާ ހިފައި އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެކަމަށް ވިދާޅުވެ ވަހަކަ ދައްކަވާފައެވެ. އަދި ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށް އުރުދުން އާއި މިސްރުގައި ވަޒަންވެރި ކުރުވުމަށް ގޮވާލައްވައި އެކަން ކޮށްދިނުމަށް އެދެގައުމުގެ ކިބައިން އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް މިސްރާއި އުރުދުންވަނީ ކަނޑައެޅިގެން އެކަމާ ދެކޮޅު ހަދާފައެވެ.

މެޑިޓަރޭނިއަން ކަނޑުގެ އައްސޭރިގައިވާ މަޝްހޫރު ރެސޯޓް ސަރަހައްދެއްކަމަށްވާ "ފްރެންޗް ރިވެރާ" ފަދަ ރެސޯޓް ސަރަހައްދަކަށް ޣައްޒާ ހަދައިގެން އެތަނުން އެމެރިކާ ފައިދާ ނަގަން ބޭނުންވާކަމަށްވެސް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އިސްރާއީލުވަނީ މިކަމަށް ވަރަށްބޮޑަށް ތާއީދުކޮށްފައެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ބުނިގޮތުގައި ޣައްޒާ ހިފަން އެމެރިކާ ސިފައިން ފޮނުވާކަށް ނުޖެހޭނެއެވެ. އިސްރާއީލު ސިފައިން އެކަންކޮށް ޣައްޒާ، އެމެރިކާއާ ހަވާލު ކުރާނެ ކަމުގައެވެ.

ނަމަވެސް 15 މަސް ވަންދެން ހަނގުރާމަ ކޮށްގެންވެސް ޣައްޒާ އެެއްކޮށް ހިފުމުގައި އިސްރާއީލު ސިފައިން ވަނީ ނާކާމިޔާބު ވެފައެވެ. އަދި އަސީރުން މިނިވަންކުރުމަށާއި ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހަމާސް ހެދި އެއްބަސްވުމުގައިވާ ގޮތަށް އިސްރާއީލު ސިފައިން ގެންދަނީ ޣައްޒާގައި ފައިހަރުކޮށްލައިގެން ތިބި ސަރަހައްދުތަކުން ފައިބަމުންނެވެ. މި އެއްބަސްވުމުގައިވާ ގޮތުން އިސްރާއިލު ސިފައިން ޣައްޒާއިން އެއްކޮށް ފައިބަން ޖެހޭނެއެވެ.

ނަމަވެސް ނަތަންޔާހޫ ވަނީ ޣައްޒާގެ ރައްޔިތުން ޣައްޒާ ދޫކޮށް ދާން މަޖުބޫރުވާގޮތަށް އަމަލުތައް ބެހެއްޓުމަށް އިސްރާއީލު ސިފައިންގެ ކިބައިން އެދިފައެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސްގެ ސަރުކާރު ބުނާގޮތުން އިސްރާއީލު ގެންދަނީ ޣައްޒާއަށް ބޭހާއި ބައެއް ބާވަތްތަކުގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ތަކެތި އެތެރެ ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތި ކުރަމުންނެވެ.

ޚާއްސަކޮށް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ބޭހުގެ ކޮންޓެއިނަރުތައް ވެއްދުމަށް އިސްރާއީލު ގެންދަނީ ކަނޑައެޅިގެން ހުރަސްއަޅަމުންނެވެ. އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްކޮށްލާފައިވާ ޣައްޒާގެ ރައްޔިތުންގެ އަދަދު ލައްކައަކަށް ވުރެ ގިނައެވެ. ބޭހުގެ ކޮންޓެއިނަރުތައް ނުވެއްދޭނަމަ މީގެތެރެއިން ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށްވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޣައްޒާގެ ބިމާއި ޣައްޒާގެ ކަނޑުގެ އައްސޭރިފަށުގައި އެތައް ޓްރިލިޔަން ޑޮލަރެއްގެ ގުދުރަތީ ގޭސް އެބަހުއްޓެވެ. އެމެރިކާ ދަހިވެތި ވެގެން މިއުޅެނީ އެ މުއްސަނދި ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު