އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރަށް ބަންދުކުރަން އުޅޭ ޓިކްޓޮކް ގަތުމަށް އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމަށް ޓެސްލާ އަދި އެކްސްގެ ވެރިޔާ އީލޮން މަސްކް، ވިދާޅުވެއްޖެއެވެ.
ޖަރުމަނުގެ މީޑިއާ ކުންފުނި އެކްސެލް ސްޕްރިންގަ އެސްއީއިން އިންތިޒާމްކުރި ސަމިޓެއްގައި ވާހަކަދައްކަވަމުން މަސްކް ވިދާޅުވީ އޭނާ ޓިކްޓޮކް ބޭނުން ނުކުރައްވާ ކަމަށާއި، އެ އެޕްލިކޭޝަންގެ ފޯމެޓު އެހާ އޮޅުންފިލާފައިނުވާ ކަމަށެވެ.
"އަހަރެން ޓިކްޓޮކަށް ބިޑެއް ހުށަހަޅާފައެއް ނެތް. އަދި ޓިކްޓޮކް ލިބިއްޖެނަމަ ކުރާނެ ކަމަކާމެދު ވެސް ވިސްނާފައެއް ނެތް،" މަސްކް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަސްކްއަށް ޓިކްޓޮކް ގަތުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާނަމަ، އެކަމަށް ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަސްކް ވިދާޅުވީ އާންމު ގޮތެއްގައި ކުންފުނިތައް ގަތުމުގެ ބަދަލުގައި އައު ކުންފުނިތައް އުފެއްދެވުމަށް އޭނާ ޝައުޤު ހުންނަ ކަމަށެވެ.
ބައިޓްޑާންސްގެ މިލްކިއްޔާތުގައިވާ ޓިކްޓޮކްގެ އެމެރިކާގެ އެސެޓްތައް ވިއްކާލުމަށް ނުވަތަ ބަންދުކުރުމަށް ޖެނުއަރީ 19 ގެ ސުންގަޑިއެއް ދެވިފައިވީ ނަމަވެސް، ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައި މި ބަންދުކުރުން ފަސްކުރައްވާފައެވެ. އެކަމަކު ޓިކްޓޮކްގެ މުސްތަޤުބަލާ މެދު ނިންމުމެއް ފެބުރުއަރީ މަހު އަންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޓިކްޓޮކްގައި 170 މިލިއަން އެމެރިކާ ޔޫޒަރުން ތިބިއިރު، ޗައިނާ ސަރުކާރަށް އެމެރިކާ ޔޫޒަރުންގެ ޑޭޓާ ހިއްސާކޮށްފާނެ ކަމުގެ ބިރު އޮތުމާއެކު، އެޕަލް އަދި ގޫގުލްގެ އެޕް ސްޓޯތަކުން އެޕްލިކޭޝަން ނުލިބޭ ހިނދު، އެންޑްރޮއިޑް ބޭނުންކުރާ ޔޫޒަރުންނަށް ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ޑައުންލޯޑްކުރެވޭނެ ގޮތް ޓިކްޓޮކްއިން ވަނީ މިހާރު ހަދައިދީފައެވެ.
ޓިކްޓޮކްއަކީ 2016 ވަނަ އަހަރު ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްއިން ތަޢާރަފުކުރި ކުރު ވީޑިއޯ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލުވެ، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ.
ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސަރުކާރުން ދަނީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރުން މި އެޕްލިކޭޝަން ބަންދުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މި އެޕްލިކޭޝަން ބަންދުކުރަން މަސައްކަތް ކުރެއްވި ނަމަވެސް، މިހާރު އޭނާގެ ދެވަނަ ދައުރުގައި ޓިކްޓޮކްއާ މެދު ގެންގުޅުއްވަނީ މަޑުމައިތިރި ސިޔާސަތެކެވެ.