ޑޮލަރު މާރުކުރަން ޖެހޭ އަދަދު ކުޑަކުރެވޭނެ ކަމުގެ އުއްމީދެއް؛ ދިރާސާތައް ހަދަނީ

ގަވަރުނަރު އަހުމަދު މުނައްވަރު: ޑޮލަރު މާރުކުރަން ޖެހޭ އަދަދު ކުރިއަށް އޮތް ތަނުގައި ބަދަލުކުރެވިދާނެކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިހާރު މާރުކުރަން މަޖުބޫރު 20 އިންސައްތައަށް މުސްތަގުބަލުގައި ބަދަލުގެނެވިދާނެކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ހިމެނިވަޑައިގަންނަވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ޖަލްސާގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންއެއްގައި މުނައްވަރު ބައިވެރިވެވަޑައިގެންވަނީ، ފަތުރުވެރިކަމާއި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.

އޭގެ ތެރޭގައި، ރިސޯޓުތަކަށް ލިބޭ އާމްދަނީން މާރުކުރަން ޖެހޭ 20 ޕަސެންޓަކީ މާ ބޮޑު އަދަދެއް ކަމަށް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފާހަގަކުރާތީ، ކުރިއަށް އޮތް ދެ ކުއާޓަރުގެ ތެރޭގައި އެ އަދަދު ދަށް ކުރުމުގެ ފުރުސަތު އޮތްތޯ ސުވާލުކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ، މާރުކުރަން ޖެހޭ އަދަދު ކަނޑައަޅައިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑް ބަލިމަޑުކަން އައުމުގެ ކުރިން އޮތް ހާލަތަށް ރުޖޫއަވަމުންދާ ކަމަށް ބަލައިފައި ކަމަށެވެ. ނަމަވެސް 2019އާ އަޅައިބަލާއިރު ޚަރަދުތައް ބޮޑުވެފައިވާކަން ގަބޫލުކުރެވޭ ކަމަށާއި އެހެންވެ، މާރުކުރަން ޖެހޭ އަދަދު މުރާޖާ ކުރަން ޖެހޭތޯ މިހާރު ވެސް ބަލަމުން އަންނަ ކަމަށެވެ.

މަޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އެ ޖަލްސާހެ ޕެނަލް ޑިސްކަޝަންއެއްގައި ގަވަރުނަރު މުނައްވަރު ބައިވެރިވެވަޑައިގެން، ފަތުރުވެރިކަމާ ގުޅުންހުރި ސުވާލުތަކަށް ޖަވާބު ދެއްވި -- ސަން ފޮޓޯ/ މޫސާ ނަދީމް

އޭނާ ވަނީ، ޑޮލަރު މާރުކުރަން އަންގައި ފުރަތަމަ ތަންފީޒު ކުރި ގަވައިދުގައި ހުރި ކަންތައްތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދައި، އެކަމާ ބެހޭ ބިލް ހުށަހެޅިއިރު ބަދަލުތައް ގެނައިކަން ފާހަގަކުރައްވައިފައެވެ.

މުނައްވަރު ވިދާޅުވީ މާރުކުރަން ޖެހޭ އަަދަދު މުރާޖާ ކުރުމުގެ މަސައްކަތަކީ ދެތިން ކުއާޓަރުގެ ތެރޭގައި ނިންމޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް އެއަށްވުރެ ދިގު މުއްދަތެއް ބޭނުންވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ބަދަލެއް ގެނައުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މާރުކުރަން ޖެހޭ އަދަދު މިގޮތަށް އޮތް އޮތުން، ދުރަށް ވިސްނާކަމުގައިވާނަމަ އަޅުގަނޑު ދެކޭ ގޮތުގައި އެއީ އެހާ ރަނގަޅު ގޮތެއް ނޫން. [ފަތުރުވެރިކަމުގެ] މާކެޓުން ނިންމަންޖެހޭ ގޮތަށް އޮތުން މާ ރަނގަޅުވާނެ،" މުނައްވަރު ވިދާޅުވިއެވެ.

ފަތުރުވެރިންތަކެއް އައްޑޫގައި: ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުން ލާޒިމުކޮށްފައިވާއިރު އެއީ މާ ބޮޑު އަދަދެއް ކަމަށް މަޓީން ބުނެފައިވޭ -- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިކަމާގުޅޭ އިތުރު މައުލޫމާތު އެއްކުރާނޭ ކަމާށާއި، މިކަމުގެ މައްޗަށް ކުދި ދިރާސަތައް ހަދާނެ ކަމަށެވެ.

އެމްއެމްއޭއީން ބޭރު ފައިސާއާ ބެހޭ ގަވައިދު މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައި ތަންފީޒު ކުރުމަށްފަހު، އެކަމާ ބެހޭ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވައެއްގައެވެ. ގަވައިދުގައި އޮތީ ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ބިލުގައި ވަނީ ބޮލަކަށް 500 މާރުކުރަން ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ދީފައެވެ.

https://www.sun.mv/200149

އެ ގާނޫނު ފާސްކުރީ އިތުރު ލުއިތަކެއް ދިނުމަށްފަހު ކަމަށްވާއިރު އޭގެ ތެރޭގައި، ރިސޯޓަކަށް މާލީ ދަތިކަމެއް ވާނަމަ، އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދީފައިވެއެވެ.

އެ ގާނޫނުގެ ދަށުން ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.

ބޭރު ފައިސާއާ ބެހޭ ގަވައިދާއި ބިލު އެކުލަވައިލައިފައިވާ ގުޅޭ ގޮތުން ވެސް މީގެ ކުރިން މަޓީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ގަވައިދު އެކުލަވައިލީ މަޓީގެ ހުށަހެޅުންތަކަށް އިޖާބަނުދީ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ބޭރު ފައިސާއާ ބެހޭ ބިލަށް ބަދަލު ގެނައުމަށް އެދި މަޓީން ފުރަތަމަ ހުށަހެޅީ ރިސޯޓުތަކުގެ އާމްދަނީގެ 10 ޕަސަންޓު މާރުކުރަންޖެހޭ ގޮތަށް އެ އަދަދު ކުޑަކޮށްދިނުމަށެވެ. އަދި ފަހުން 15 ޕަސަންޓަށް ކުޑަކޮށްދޭން އެދުމުން ވެސް އެ ކަމަށް ސަރުކާރުން އިޖާބަދީފައިނުވެއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހުގެ 12ގައި އެ ބިލް ފާސްކުރުމުން، އޭގެ ދެ ދުވަސް ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވިއެވެ.

https://sun.mv/201987

އެ ގާނޫނަށް މި އަހަރުގެ ފުރަތަމަ ދުވަހު އަމަލުކުރަން ފަށައިފައިވާއިރު، މިދިޔަ މަހުގެ 29ގައި ރައީސްވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ރިސޯޓުތަކުން ތަބާވާ ކަމަށާއި، އެހާތަނަށް 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށްފައި ވާކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް

comment މުހައްދަމު

2 month 1 week ago

ބޭންކަށް ޑޮލަރު މާރުކުރަންޖެހުމަކީ އުނދަގުލެއް ނޫން. އެކަމަކު އެއީ ބްލެކް މާކެޓުގައި ޑޮލަރު ވިއްކައިގެން މަހުޖަނުންގެ ބަޔަކު ނަގަމުން އައި ފައިދާ ހުއްޓުނު ކަމެއް. އަދިވެސް އެކަން ނުވެގެން މަހުޖަނުން ތެޅިފޮޅެނީ. މަހުޖަނުންގެ ދުއްޕާނުން ގައުމު ސަލާމަތްކުރަންޖެހޭ.

reply ކަޅުބާޒާރުސޭޓުން

2 month 1 week ago

އެމީހުންގެ އަތްދަށުނުވާ ސަރުކާރެއް މިފަހުން ނާދެއެއްނު

comment ވޯލް

2 month 1 week ago

ތި ނުވާނެ ބަދަލެއް. ސަރުކާރުގެ ޚަރަދު ކުޑަކުރަން ކުރި ހަމަ އެންމެ ކަމެއް ނެތް. އަދި ތިޔަ ޑޮލަރުތައް ލިބެންފެށިމަ ދެން ކުރާ ޚަރަދު ވާނީ ބޮޑު.

comment މަރީ

2 month 1 week ago

ޑޮލަރު ބޭންކަށް މާރުކުރަންޖެހޭގޮތް ހެދުމަކީ މިސަރުކާރުން ކުރެއްވި ވަރަށް ބޮޑު މުހިއްމު އިގްތިސާދީ މަސައްކަތެއް. އެތައް ޒަމާނެއްވަންދެން ބަޔަކު ޑޮލަރު ހިސޯރުކޮށްގެން އުފައްދާފައިވާ ކަޅުބާޒާރު ނިމުމަކަށް ގެނެވިދާނެކަމުގެ އުންމީދެއް. ކިތަންމެ ވަރަކަށް އަމިއްލަ ތަރިކައޭ ހީވިޔަސް ހުރިހާ މުދަލަކީ ރައްޔިތުންގެ މުދާ. އަމިއްލަ ވިޔަފާރީ ކުރިއެރުވޭނީ ފުރަތަމަ ގައުމު އޮވެގެން. ބޭރުފައިސާ ކޮންޓްރޯލްކުރަން ލާޒިމު. މިކަމަށް ލުއިދޭނެކަމެއްނެތް. ޑޮލަރުގެ ކަޅުބާޒާރު ނައްތާލަންޖެހޭ.

comment ސީއެފްސީ ގޭސް

2 month 1 week ago

ނިމިދިޔަ ވެރިކަމުން ރާއްޖެ ވައްޓާލާފައިވާ އަނދަވަޅުން އަރައިގަތުމަށް ރެސޯޓުތަކުގެ ވެރިންނާ ރެސޯޓްތަކުގަ މަސައްކަތްކުރާ އެންމެހާ ދިވެހިން ބައިވެރިވެގެން ލިބޭ ޑޮލަރު ސަރުކާރުން ހަމަޖެއްސެވި ގޮތަށް މާރުކުރަމުން ގެންދިޔަ ކަމީ ގައުމުގެ އިގްތިޞާދު ރަނގަޅުކުރުމުގެ ޢަމަލީ މަސައްކަތުގައި އެފަރާތްތައް ބައިވެރިވުމެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ތެރެއިން ފުރާމީހުންނާ ފިޔަފާރިތަކަށް ޑޮލަރުގަތުމަށް ފަހިވެ ކިޔަވާކުދިންނަށް ލިބޭ ޑޮލަރު ޢަދަދު މަތިކުރެވިގެން ދަނީއެވެ. ވިޔަފާރިވެރިންނާ ފަތުރުވެރިކަމުގެ މަސައްކަތްތެރިންނަށް ފަށްފަށުން ޝުކުރިއްޔާއެެވެ.

comment ނޫންބާ

2 month 1 week ago

މާރުކުރަންޖެހޭ އަދަދު މަދެއްނޫންކުރަންވީކީއެއް. އަދިވެސް ގިނަކުރަންވީ. ބްލެކްމާކެޓު ހިންގަން ފުރުސަތުދޭކަށްނުޖެހޭނެ. ލިބޭ ހުރިހާ ބޭރުފައިސާއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަންޏާ ބޭރުފަރާތްތަކުން ނަގާލޯނުތައް އަދާކުރަން ބޭނުންވާ ބޭރުފައިސާވެސް ރާއްޖޭގައި ހިންގާ ބޭންކުތަކުން ލިބޭނެ. ރާއްޖޭގައި ހިންގާ ބޭންކްތަކަށް ދައްކަންވާ ކޮމިޝަނާ އެއްޗެހިނުދައްކާވާނެ ގޮތް ހަދަން ސީދާ ބޭރުގެ ބޭންކްތަކަށް ފައިސާޖަމާކުރަނީކީ ނޫންބާ؟

comment ކައްޒާބު

2 month 1 week ago

މަހަކު 30މިލިޔަން ބޭންކްތަކުން ވިޔާފާރިއަށް ދޫކުރޭ. 25މ އަދި މަދު!

comment ށަސް

2 month 1 week ago

އިގުތިސޯދު ދަނީ ކުޑަވަމުން ކޮންޓުރެކްޓު ވަމުން.

comment ޏަސާ

2 month 1 week ago

ޑޮލަރު މާރުކުރާނެ ދިވެހި ރުފިޔާއެއް ނެތީމަ ވާނީ އެހެންނޫންތޯ.