އިމްތިޔާޒްގެ ނެޓްފްލިކްސް ސީރީސްއަށް އަވީނާޝް ތިވާރީ

ޑައިރެކްޓަރު އިމްތިޔާޒު އަލީ، އަދިތީ ރާއޯ،އަރުޖުން ރާމްޕާލް އަދި އަވީނާޝް ތިވާރީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ކާމިޔާބު ޑައިރެކްޓަރު އިމްތިޔާޒު އަލީ އުފައްދާ ނެޓްފްލިކްސް ސީރީސްއަށް ފިލްމު "ލައިލާ މަޖްނޫން"އިން ބޮލީވުޑަށް ތައާރަފްވި އެކްޓަރު އަވީނާޝް ތިވާރީ ސޮއިކޮށްފިއެވެ.

އަވީނާޝް ލީޑް އެކްޓަރުގެ ރޯލްއިން ފެނުނު ފިލްމު "ލައިލާ މަޖްނޫން" އަކީ އިމްތިޔާޒު އަލީގެ ސްކްރީންޕްލޭއަކަށް ބާލާޖީ މޯޝަން ޕިކްޗާސްއިން އުފެއްދި ފިލްމެކެވެ.

ބޮޑު ކާސްޓަކާއެކު އިމްތިޔާޒު ނެޓްފްލިކްސްއަށް އުފައްދާ ލޯބީގެ ޑްރާމާ ސީރީސްގެ ނަމަކީ "އޯ ސާތީ ރޭ"އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގްމޫންގައި ބުނެފައިވާ ގޮތުގައި އިމްތިޔާޒުގެ މި ސީރީސްގެ މުހިއްމު ރޯލްއިން އެކްޓަރު އަރުޖުން ރާމްޕާލް އަދި ބަތަލާ އަދިތީ ރައޯ ހައިދްރީ ފެންނާނެއެވެ.

ނެޓްފްލިކްސް ފިލްމު "ސިކަންދަރު ކާ މުގައްދަރު"ގެ ޕްރޮމޯޝަނަލް ހަފްލާގައި އެކްޓަރު އަވީނާޝް ތިވާރީ އަދި ފިލްމުގެ ބަތަލާ ތަމަންނާ ބާޓިއާ--ފޮޓޯ/ފޭސްބުކް

ވަރަށް އަވަހަށް މަސައްކަތްފަށަން ތައްޔާރުވަމުން އަންނަ މި ސީރީސްއަކީ ޑައިރެކްޓަރު އިމްތިޔާޒު އަމިއްލައަށް ލިޔާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީސްއެކެވެ. ނަމަވެސް މި ސީރީސްގެ ޑައިރެކްޓަރަކީ އިމްތިޔާޒުގެ ބޭބެ އާރިފް އަލީއެވެ.

ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ "އޯ ސާތީ ރޭ" ގެނެސްދޭނީ އިމްތިޔާޒުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ވިންޑޯ ސީޓް ފިލްމްސް ބެނާގެ ދަށުންނެވެ.

މި ސީރީސް އަކީ ފިލްމު "ލައިލާ މަޖްނޫން"އަށް ފަހު އަވީނާޝް ލޯބީގޭ ޖޯންރާ ފިލްމަކުން ފެނުމުގެ އިތުރުން ހަ އަހަރު ފަހުން އިމްތިޔާޒާއެކު މަސައްކަތް ކުރާނެ ސީރީސްއެކެވެ. އަވީނާޝް މިހާތަނަށް ބެލުންތެރިންނަށް ފެނިފައި ވަނީ މުޅިން ވެސް ތުރިލާ ފިލްމުތަކުންނާއި ސީރީސްތަކުންނެވެ.

އޭގެތެރޭގައި، "ބުލް ބުލް"، "ދަ ގާލް އޮން ދަ ޓްރެއިން"، "ކާކީ:ދަ ބިހާރު ޗެޕްޓަ" ހިމެނެއެވެ. އަވީނާޝް އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން "ސިކަންދަރު ކާ މުގައްދަރު"އިންނެވެ.

comment ކޮމެންޓް