ކުރީގެ އެކްޓަރު ރަޖޭޝް ކަންނާގެ ކާފަ ދަރިފުޅު ބޮލީވުޑަށް ތައާރަފު ވަނީ

ކުރީގެ އައިކޮނިކް އެކްޓަރު ރާޖޭޝް ކަންނާ އަދި ކާފަ ދަރިފުޅު ނައޯމިކާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމީ ތަރިން ކަމަށްވާ ރާޖޭޝް ކަންނާ އާއި ޑިމްޕަލް ކަޕާޑިއާގެ ކާފަ ދަރިފުޅު ބޮލީވުޑް ތައާރަފުވުމުގެ ތައްޔާރީތައް ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޮލީވުޑަށް ތައާރަފުވާ މި ޒުވާނާ އަކީ ކުރީގެ ލެޖެންޑު އެކްޓަރު ރަޖޭޝް ކަންނާ އަދި ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ހަގު ދަރިފުޅު ރިންކީ ކަންނާގެ ދަރިފުޅު ނައޯމިކާ ސަރަންއެވެ. ރިންކީ ކަންނާ ވެސް ވަނީ ކުރީގެ ބައެއް ފިލްމުތަކުން ފެނިފައެވެ. އޭގެތެރޭގައި 1999ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ފިލްމު "ޕިޔާރު މޭ ކާބީ ކަބީ"، "މުޖެ ކުޗު ކެހެނާ ހޭ" އަދި "ޖަންކާރު ބީޓްސް" ހިމެނެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން އުމުރުން 20 އަހަރުގެ ނައޯމިކާ ސަރަން ބޮލީވުޑަށް ތައާރަފު ވަނީ ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ ފިލްމަކުންނެވެ. ނައޯމިކާއާ އެކު ފިލްމުގެ އެކްޓަރުގެ ރޯލުން ފެންނާނީ މިހާރު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެފައިވާ އަގަސްތިޔަ ނަންދާއެވެ.

ނައޯމިކާ މާމަ އަދި ބަތަލާ ޑިމްޕަލް ކަޕާޑިއާއާ އެކު--ފޮޓޯ/ޕިންކްވިލާ

އަގަސްތިޔަ ނަންދާ އަކީ އެކްޓަރު އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅެވެ. ނައޯމިކާ އާއި އަގަސްތިޔަ އެކީގައި ފިލްމަކުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މި ދެ ޒުވާނުންގެ ކާފައިންނަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތައް ކަމަށްވާ "އާނަންދު" އަދި "ނަމަކް ހަލާލް"ގެ ތަރިންނެވެ.

މެޑްޑޮކް ފިލްމްސްއިން ގެނެސްދޭ ރޮމޭންޓިކް ކޮމެޑީއެއް ކަމަށްވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޕަންޖާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޖަގްދީޕް ސިދޫއެވެ. މިއީ ޖަގްދީޕު ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފުވާނެ ފިލްމެވެ.

ނައޯމިކާ ފިލްމީ ދާއިރާއަށް ތައާރަފުވާނެ ކަމުގެ ވާހަކަ މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ދެކެވެން ފެށީ ދާދިފަހުން މާމަ ޑިމްޕަލްއާ އެކު ފިލްމީ އިވެންޓަކުން ފެނުމާ ގުޅިގެންނެވެ.

comment ކޮމެންޓް