މާވްރާ ކައިވެނިކޮށްފި

ބޮލީވުޑްގެ ފިލްމު "ސަނަމް ތޭރީ ކަސަމް"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޕާކިސްތާނު ބަތަލާ މާވްރާ ހޮސޭން ކައިވެނިކޮށްފިއެވެ.

މާވްރާ ކައިވެނިކޮށްފައިވަނީ ޕާކިސްތާނުގެ ޑްރާމާ ސީރީޒް "ސާބްތާ"ގައި ބަތަލާއާ އެކު މަސައްކަތް ކުރި ކޯ-ސްޓާ އަމީރު ގިލާނީއާއެވެ. މާވްރާއާއި އަމީރުގެ ކައިވެނިކުރީ މިދިޔަ ބުދަ ދުވަހެވެ.

ކައިވެނީގައި ދެ މީހުން ނަގާފައިވާ ލޯބި ފޮޓޯތަކެއް އިއްޔެ މާވްރާ ވަނީ އަމިއްލަ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. މި ފޮޓޯތަކާ އެކު މާވްރާ ލިޔެފައިވަނީ، ހަލަބޮލި ކަމެއްގެ ތެރެއިން އަމީރު ފެނިއްޖެ ކަމަށާއި ބިސްމީގެ ބަރަކާތުން ކައިވެނީގެ ދުވަސް ފަށާ ކަމަށެވެ.

ބޮލީވުޑްގެ އެންމެ ފިލްމެއް ކުޅެ ބޮޑޫ މަޝްހޫރުކަމެއް ހޯދި ބަތަލާއާއި އަމީރުގެ ލޯބީގެ ގުޅުމުގެ ވާހަކަ ދެކެވެން ފެށީ ޕާކިސްތާނުގެ ދެ ޑްރާމާ ސީރީޒެއްގައި މަސައްކަތް ކުރަން ފެށިތަނާއެވެ.

ދެ މީހުންގެ އޮން ސްކްރީން ކެމިސްޓްރީ ވަރަށް ގިނަ ބަޔަކަށް ކަމުގޮސް އެކީގައި ކުޅުނު ދެވަނަ ޑްރާމާ "ނީމް"އަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ޕާކިސްތާނުގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ މާވްރާއަށް ބޮލީވުޑް ފިލްމުތަކުން ފުރުސަތުތަކެއް ލިބުނު ނަމަވެސް 2016 ވަނަ އަހަރުގެ އުރީ ހަމަލާއަށް ފަހު އިންޑިއާގައި ޕާކިސްތާނުގެ ފަންނާނުން ވަނީ ބޭންކޮށްފައެވެ.

އިންޑިއާގެ ހައިކޯޓުން މި މައްސަލަ އުވާލުމާ ގުޅިގެން ޕާކިސްތާނުގެ ބައެއް ފަންނާނުން އަންނަނީ މިހާރު ބޮލީވުޑްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ ފަވާދު ޚާން އަދި މާހިރާ ޚާން ހިމެނެއެވެ.

ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައެއް އުފައްދާނެކަން މިދިޔަ އަހަރު އިއުލާނުކޮށްފައިވާއިރު ފިލްމުގެ ކާސްޓުންނާ ބެހޭ މައުލޫމާތު އަދި ހާމައެއް ނުކުރެއެވެ. ބަތަލާ މާވްރާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ޕާކިސްތާނުގެ ހަމް ޓީވީން ގެނެސްދިން ޓެލެޑްރާމާ "ޖަފާ"އިންނެވެ.

comment ކޮމެންޓް