ޗައިނާގެ އޭއައި ކުންފުނި ޑީޕްސީކްގެ ސާވާތައް ފުރި، ޚިދުމަތަށް ބުރޫއަރައިފި

ޑީޕްސީކް: އޭއައި ދާއިރާގެ އިންގިލާބީ ބަދަލެއް --

ޗައިނާގެ އޭއައި ސްޓާޓްއަޕް ކުންފުނި، ޑީޕްސީކްގެ ސާވާ ފުރި އެ ކުންފުނީގެ އޭޕީއައި ޚިދުމަތަށް ވަގުތީ ހުއްޓުމެއް އަތުވެއްޖެއެވެ.

މިގޮތަށް ހުއްޓުމެއް އައިސްފައިވަނީ ކުންފުނީގެ ސާވަރުތަކުގެ ޖާގައަށް ނުކަތާވަރަށް ޔޫޒަރުން އިތުރުވަމުން ދާތީއެވެ.

ބްލޫމްބާގްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑީޕްސީކްއިން ވަނީ އެ ކުންފުނީގެ އޭޕީއައި އެކައުންޓްތަކަށް އިތުރު ކްރެޑިޓް އެޅުމުގެ ފުރުސަތު ވަގުތީގޮތުން ހުއްޓާލާފައެވެ.

މިކަމުގެ ސަބަބުން އައު ކަސްޓަމަރުންނަށް އޭޕީއައި ޚިދުމަތް ލިބުމަށް މަޑުކުރަން ޖެހޭނެއެވެ. އަދި މިހާރު ޚިދުމަތް ބޭނުންކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކުގެ ކްރެޑިޓް ބެލެންސްއާއެކު ޚިދުމަތް ބޭނުންކުރަން ޖެހޭނެއެވެ.

އޭޕީއައިއަކީ ޑެވެލޮޕަރުންނަށް ޑީޕްސީކްގެ އޭއައި މޮޑެލްތައް އެ ފަރާތްތަކުގެ އެޕްލިކޭޝަންތަކާއި ޚިދުމަތްތަކުގައި ބޭނުންކުރެވޭނެ ގޮތް ހަދައިދޭ ވަސީލަތެކެވެ. މިކަމުގެ ސަބަބުން އެހެން ފަރާތްތަކަށް ޑީޕްސީކްގެ ޓެކްނޮލޮޖީ ބޭނުންކުރެވެއެވެ.

"މިހާރު ރީޗާޖްކޮށްފައިވާ އަދަދު ބޭނުންކުރެވޭނެ. އެހެންކަމުން އަޅުގަނޑުމެންގެ ނިންމުމާމެދު ދެކޮޅުނުހައްދަވާ،" ކުންފުނިން ބުނެފައިވެއެވެ.

ޑީޕްސީކްގެ އޭޕީއައި ޚިދުމަތަށް ކުއްލިއަކަށް ޑިމާންޑް އިތުރުވެފައިވާކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ކުންފުނީގެ ސާވާތަކަށް ބުރަ ބޮޑުވެ، ޚިދުމަތް ދިނުމަށް ދަތިވެފައިވެއެވެ.

ޑީޕްސީކްގެ ޚިދުމަތްތަކަށް މިހާ ބޮޑު ޑިމާންޑެއް އައިސްފައިވަނީ އެ ކުންފުނިން އައު މޮޑެލްތަކެއް ތަޢާރަފުކޮށް، އަގުހެޔޮކޮށް ޚިދުމަތް ދޭން ފަށާފައިވާތީ ކަމަށް ބެލެވެއެވެ.

މި އަހަރުގެ ޖަނަވަރީ މަހު ޑީޕްސީކްއިން ވަނީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީއާ ވާދަކުރެވޭ ފެންވަރުގެ އޭއައި ޗެޓްބޮޓެއް ތަޢާރަފުކޮށްފައެވެ. އަދި މި ޗެޓްބޮޓް ތައްޔާރުކޮށްފައިވަނީ ވާދަވެރި އުފެއްދުންތަކާ އަޅާބަލާއިރު ވަރަށް ކުޑަ ޚަރަދެއްގައިކަމަށް ވެސް ކުންފުނިން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު