ކުރިއަށް އޮތް 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް 1،000 ޑޮލަރު ދޫކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވިދާޅުވީ، ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒުވަމުން އަންނަވަރަކަށް ޑޮލަރު ރޭޓަށް ލުއިތައް ލިބެން ފަށާނެ ކަމަށެވެ.
އަދި އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށާއި، ވިޔަފާރިވެރިންނަށް ވެސް ޑޮލަރު ހޯދުމަށް ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު ރައީސް ވިދާޅުވީ, ކްރެޑިޓް ކާޑުގެ ލިމިޓްތައް 1400 ޑޮލަރަށް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބޮޑުކުރާނެ ކަމަށެވެ. އަދި، މި ކަމަކީ ގާނޫނު ތަންފީޒުވެގެންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންތައްތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ގާނޫނު ތަންފީޒު ކުރުމުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް އަދި މި ގާނޫނުން ޑޮލަރު މާރުކުރަންޖެހޭ އެންމެހާ ވިޔަފާރިތަކުން ފުރިހަމަ އެެއްބާރުލުން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
މި ގާނޫނުގެ ސަބަބުން ބޭރު ފައިސާގެ ގަވާއިދުތައް ތަންފީޒުކުރަން ފަސޭހަވެ، ޓޫރިޒަމް އިންޓަސްޓްރީން އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ އަދަދާއި ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިގުދިސާދީ މި އުފާވެރި ނަތީޖާއާ އެކު ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ބޭރުފައިސާގެ ބާޒާރަށް ދިމާވެފައިވާ މިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ވެސް ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމުގެ އިގުތިސާދީ ހާލަތަށް ބާލާއިރު 2024 ވަނަ އަހަރަށް ވުރެ މި އަހަރު އިގުތިސާދީ ކުރިއެރުން ހަލުވިވާނެ ކަމަށާއި އެގޮތުން މި އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސަތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް ވެސް ވަނީ އިތުރުވެފައި ކަމަށާއި، 2024ވަނަ އަހަރު ނިމުނުއިރު މި ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސަތައް އިތުރު އަދަދެއްކަން ވަނީ ފާހަގަކުރައްވައިފައެވެ.
"މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް ވެސް ވަނީ އިތުރުވެފައި. 2024ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި. މިއީ 2023 ވަނަ އަހަރު ނިމުންއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސަތައް އިތުރު އަދަދެއް،" ރައީސް ވިދާޅުވިއެވެ.
އުންމީދީ އަންދާޒާއަކީ މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެންދިޔުން ކަމަށް ވަނީ ވިދާޅުވެފައެވެ.
އިގުދިސާދީ މި އުފާވެރި ނަތީޖާއާއެކު ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ވެސް ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މި އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާރުކޭޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ގާއިމުކުރެވޭނެކަމަށެވެ.
އަދި، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިންމްޕޯޓުކުރުމުގެ ގޮތުން ބޭންކުތަކުން ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ބުނެފައިވާގޮތުން ޓޫރިސްޓުންނަށް ޚިދުމަތް ދޭ ތަންތަން ވަނީ ގިންތިތަކަށް ބަހާލާފައެވެ. އެއީ "ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އަދި "ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އެވެ.
ކެޓެގަރީ-އޭގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި އެނޫންވެސް ތަންތަނެވެ. މި ކެޓަގަރީން ޚިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު ބޭންކުތަކުގައި މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.
ކެޓެގަރީ-ބީގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކެވެ.
މި ކެޓަގަރީން ޚިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.