ކުޑައިރު މަންމަ އެކްޓިން ދާއިރާގައި އުޅެން ޖެހުމުން ބޮޑުވަމުން އައިއިރު މަންމަގެ އަޅާލުމާއި ލޯބި ބޭނުންވި ވަރަށް ނުލިބޭ ކަމަށާއި އެހެންވެ މަންމައިން ކުދިން ގާތު ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ކާޖޮލްގެ ކޮއްކޮ ތަނީޝާ ބުނެފިއެވެ.
ފިލްމީ ދާއިރާއަށް ނުކުތުމަށްފަހު ނާކާމިޔާބީއާ ކުރިމަތިވި ތަނީޝާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ކުޑައިރު ގިނަ ވަގުތު ހޭދަކުރީ މަންމަ ނުފެނި ކަމަށާއި މަންމަ ވަޒީފާ އަދާކުރުމަށް އޭރު ބޭރަށް ނުދާނެނަމައޭ ހިތަށް އެރި ކަމަށެވެ.
ނަމަވެސް ތަނީޝާ އާއި ކާޖޮލް ވަރަށް ކުޑައިރު މައިންބަފައިންގެ ކައިވެނި ރޫޅި އާއިލީ މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެން މަންމައަށް މަޖުބޫރުވީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމަށް ކަމަށް ތަނީޝާ ވަނީ ބުނެފައެވެ.
ތަނީޝާ މީޑިއާއަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ މަންމަ ތަނޫޖާ ބައެއް ދުވަސް ދުވަހު ތިން ޝިފްޓަށް ޝޫޓިންގްތަކަށް ދާ ކަމަށާއި މަންމަ ގާތުގައި ނިދާލެވޭ ކަމުގެ އިހުސާސް ކުރުވަނީ މަންމަގެ ކޮޓަރީގައި ނިދާލެވުމުން ކަމަށެވެ.
ކުޑައިރު މަންމަ ނެތުމުގެ އިހުސާސް ކުރެވި އޭރުގެ ކުރެވުނު ތަޖުރިބާއަށް ބަލާފައި އޭނާ ބުނާނީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ ހަމައެކަނި މައިމީހާއަށް ކަމަށް ތަނީޝާ ވަނީ ބުނެފައެވެ.
ގޭގައި ކުދިން ބަލާ މީހެއް ގެންގުޅުނަސް އަދި ސްކޫލަކަށް ދަރިފުޅު ދިޔަޔަސް މައިމީހާގެ ފަރާތުން ދަސްކޮށްދެވޭ ފިލާވަޅުތައް ނުލިބޭނެ ކަމަށާއި އެހެންވެ އޭނާ ދެކޭ ގޮތުގައި މަދުވެގެން ދަރިފުޅުގެ އުމުރުން ފަސް އަހަރު ވަންދެން މައިން ދަރިން ތަރުބިއްޔަތު ކުރުމަށް ގޭގައި ތިބުން ވަރަށް މުހިއްމު ކަމަށް ތަނީޝާ ވަނީ ބުނެފައެވެ.
ކާޖޮލް އާއި ތަނީޝާ ބޮޑުވަމުން އައީ 'ޖޮއިންޓް ފެމިލީ' މާހައުލެއްގައި ކަމުން ދެ މީހުންގެ ކަންކަން ބަލަހައްޓަން ގޭގައި އާއިލާގެ އެހެން މެމްބަރުން ތިބި ނަމަވެސް މަންމަ ކައިރީގައި ނެތްކަމުގެ އިހުސާސް އަބަދުވެސް ކުރެވުނު ކަމަށް ތަނީޝާ ވަނީ ބުނެފައެވެ. ތަނީޝާ އާއި ކާޖޮލްގެ ބައްޕަ އަކީ ބަތަލާ ރާނީ މުކަރުޖީ އަދި ޒުވާން ޑައިރެކްޓަރު އަޔާން މުކަރުޖީގެ ބޮޑު ބޭބެއެވެ.
ތަނޫޖާ އާއި ކުރީގެ ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ޝޯމޫ މުކަރުޖީގެ ކައިވެނީގެ ގުޅުމުގައި މައްސަލަ ޖެހެން ފެށީ ތަނީޝާ އުފަންވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ކާޖޮލް އާއި ތަނީޝާގެ ބައްޕަ ޝޯމޫ މުކަރުޖީ މަރުވެފައި ވަނީ 2008ވަނަ އަހަރެވެ.