ކިމްގެ ބައިވެރިޔާގެ ކިބައިން ފެންނަން ބޭނުންވަނީ އެންމެ ސިފައެއް

ދިރިއުޅުމުގެ ބައިވެރިޔަކު ހޯދާއިރު އެމީހެއްގެ ކިބައިން ފެންނަން ބޭނުންވާ ބައިވަރު ސިފަތަކެއް ހުރެއެވެ. އެކި މީހުން ބޭނުންވާނީ އެކި ކަންތައްތަކެވެ. ނަމަވެސް އެމެރިކާގެ އެންމެ ވަރުގަދަ ސޯޝަލައިޓް އަދި ރިއެލިޓީ ތަރި ކިމް ކާޑޭޝިއަން ބޭނުންވަނީ އެންމެ ކަމެކެވެ.

އެމެރިކާގެ ޕޮޑްކާސްޓެއް ކަމަށްވާ އެރިން އެންޑް ސެރާ ފޯސްޓާގައި ވާހަކަ ދައްކަމުން ކިމް ބުނެފައިވަނީ އޭނާ ބައިވެރިޔެއް ހޯދާއިރު ބަލަނީ އެންމެ ކަމަކަށް ކަމަށެވެ. އެއީ މީހުންނަށް އިޙުތިރާމް ކުރުން ކަމުގައި އޭނާ ބުނެއެވެ.

ބައިވެރިއެއްގެ ހައިސިއްޔަތުން ދޭން ޖެހޭ އިޙުތިރާމާއި ގަދަރަކީ ވަރަށް މުހިއްމު ސިފައެއް ކަމުގައި ކިމް ދެކެއެވެ. އެ ސިފަ ނުހުންނަ މީހެއް ނަމަ އެއީ ކިމްއާ އެކީގައި އުޅެން އުނދަގޫ ވާނެ މީހެއް ކަމުގައި ބުނެއެވެ.

މީހުންނަށް އިޙުތިރާމް ނުކުރާ މީހުންނަކީ ވަރަށް ބޮޑު "ރެޑް ފްލެގް"އެއް ކަމަށް ކިމް އިތުރަށް ބުންޏެވެ. ހަމައެކަނި ކަމުދާ މީހާއަށް އިޙުތިރާމްކޮށް އެހެން މީހުންނަށް އިޙުތިރާމް ނުކުރާނަމަ އެއިން ފެންނަނީ ހަގީގަތުގައި މީހުންނަށް އިޙުތިރާމް ނުކުރާ ކަން ކަމުގައި ކިމް ބުނެއެވެ.

މީހުންނަށް އިޙުތިރާމް ކުރުމުގެ އިތުރުން ހުންނަން ކަމުދާ ސިފަތަކެއް ލިސްޓެއް އޮތް ކަމަށް ކިމް ފާހަގަކުރިއެވެ. ނަމަވެސް އެ ހުރިހާ ސިފަތަކެއް ފުރިހަމަވިޔަސް، މީހުންނަށް އިޙުތިރާމް ނުކުރާ މީހަކަށް ވާނަމަ އެމީހަކަށް ފުރުސަތެއް ނުދެވޭނެ ކަމަށް ކިމް ބުނެއެވެ.

ކިމް ވަނީ މީގެ ކުރީން ތިން ކައިވެންޏެއް ކޮށްފައެވެ. އެންމެ ފަހުން ކައިވެންޏެއް ކޮށްފައިވަނީ ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓާ 2014 ވަނަ އަހަރެވެ. ނަމަވެސް ދެމީހުން ވަނީ 2022 ވަނަ އަހަރު ވަރިވެފައެވެ.

comment ކޮމެންޓް