އުމްރާވެރިން މެނިންޖައިޓިސް ވެކްސިން ޖަހަން ނުޖެހޭގޮތަށް އުސޫލަށް ބަދަލު ގެންނަން ސައުދީ އަރަބިއާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިދިޔަ ޖަނަވަރީމަހު އެ އޮތޯރިޓީން ނެރެފައިވާ 12/15597 ނަންބަރު ސާކިއުލާގައި ބުނާ މެނިންޖައިޓިސް ވެކްސިން ޖެހުން މިހާރަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮންމެ ވިސާއެއްގައި ސައުދީއަށް އެތެރެވިނަމަވެސް އުމްރާކުރުމަށް ގަސްތުކުރާނަމަ މެނިންޖައިޓިސް ވެކްސިނާއި ޕޯލިއޯ ވެކްސިން ޖެހުމަށް އެ އޮތޯރިޓީން ވަނީ މީގެ ކުރިން އަންގާފައެވެ.
މެނިންޖައިޓިސް ވެކްސިން ޖެހުން ސަސްޕެންޑްކުރިނަމަވެސް، ޕޯލިއޯ ވެކްސިން އަދިވެސް ޖަހަންޖެހޭނެއެވެ.
މިދިޔަ މަހު ސައުދީގެ މަދަނީ އުދުހުންތަކާ ބެހޭ އިދާރާއިން ވަނީ ސައުދީއަށް ދަތުރުކުރުމުގެ 10 ދުވަސްކުރިން މެނިންޖައިޓިސް ވެކްސިން ޖެހުން މަޖުބޫރުކޮށްފައެވެ.
މެނިންގޮކޯކޮލް އަކީ ނައިސެރިއާ މެނިންޖައިޓިޑިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން މަދު ގަޑިއިރެއްގެ ތެރޭގައި މަރުގެ ތުންފަތް މައްޗަށް މީހާ ގޮސް ހާލު ސީރިއަސް ވެއެވެ.