އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށް، މައްސަލައިގައި އަވަހަށް ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ ތިން މަހަށް ބަންދުން ދޫކޮށްލީ ޝަރުތުތަކަކާއެކު މިދިޔަ 2024ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 12ވަނަ ދުވަހެވެ. އެއީ 29 އޮކްޓޫބަރުގައި ބަންދުން ދޫކޮށްލުމަށް އެދި ލަމްހާގެ ފަރާތުން ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހެޅުމުންނެވެ.
އެ ސިޓީގައިވަނީ ދައުލަތުގެ ހެކިން ހާޒިރުނުކުރެވިގެން ޝަރީއަތް ހުއްޓިފައިވާ ކަމަށާއި، އެ ކަމުގެ ސަބަބުން އޭނާގެ ހައްގަށް އުނިކަން ލިބޭ ކަމަށެވެ. އެހެން ކަމުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ގޮތަކަށް ޝަރުތު ކުރުމަށްފަހު، ބަންދުން ދޫކޮށްލުމަށް އެދިފައިވެއެވެ.
ލަމްހާ ބަންދުން ދޫކޮށްލީ، މި ހުށަހެޅުމަށް ދައުލަތުން ރައްދުދީ، ލަމްހާ ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެފައިވަނިކޮށެވެ.
މިއީ މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލައެވެ.
މި މައްސަލައިގައި ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުގެ އަމުރަކީ އުސޫލާ ޚިލާފު އަމުރެއް ކަމަށް ކަނޑައަޅައި، ލަމްހާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި ޕްރޮސެކިއުޝަނުން ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމުން، އަލުން ގޮތެއް ކަނޑައެޅުމަށް އަމުރުކޮށް، ކްރިމިނަލް ކޯޓުން ބަންދާމެދު ގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.
މި މައްސަލައިގައި ލަމްހާގެ ފަރާތުން ހައިކޯޓުގައި އެދުނީ، އޭނާ ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުމާ ދުރަށް ދާންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެހެން ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ މި މައްސަލައިގައި ލަމްހާ ދޫކޮށްލުމާމެދު ކްރިމިނަލް ކޯޓުން ގޮތް ކަނޑައަޅާފައި އޮތީ، ސުޕްރީމް ކޯޓުގެ ވެސް ބައެއް ނިންމުންތަކާ ޚިލާފަށް ކަމަށެވެ.
އެހެން ކަމުން ހައިކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޕީޖީން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅައިފިނަމަ، އެކަށީގެންވާ އަވަސްމިނެއްގައި ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އެންގުމަށެވެ.
މި މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅުން ފުރަތަމަ ހައިކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެއާ އެކު އޭރު ދައުލަތުން ނިންމީ މި މައްސަލައިގައި ސުޕްރީމް ކޯޓަށް ދިއުމަށެވެ.
މޭރީގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިންއަށް ވަނީ މަރުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން ހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.