22،000 އަށްވުރެ ގިނަ ކަދުރު ޕެކެޓު ބަހައިފި

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރުގެ ތެރެއިން 22،163 ކަދުރު ޕެކެޓު 102،712 ގޭބިސީއަކަށް ބަހައިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސައުދީން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރުން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް ކަދުރު ބަހާ ނިމިފައިވާ ކަމަށް އިއްޔެ އިސްލާމިކް މިނިސްޓްރީންވަނީ ބުނެފައެވެ. މިއަދު އެ މިނިސްޓްރީންވަނީ ކަދުރު ބެހި ގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

މިނިސްޓްރީން "ސަން"އަށް ބުނީ ކަދުރު ބެހީ މީޓަރަކަށް ޕެކެޓެއްގެ ރޭޓުން ކަމަށެވެ. ކަދުރު ޕެކެޓު ދެނީ ކަދުރާ ހަވާލުވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 46،251 ގޭބިސީއަކަށް 11،375 ޕެކެޓު ކަދުރުވަނީ ބަހައިފައިވާ ކަމަށެވެ. އަދި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 56،461 ގޭބިސީއަކަށް، 10،788 ޕެކެޓު ކަދުރު ކަމަށެވެ.

މި އަހަރު ކަދުރު ބެހުމަށް ހަމަޖެހިފައިވާ ޖަމިއްޔާތަކުގެ ތެރޭގައި ރޯދަވީއްލުންތައް އިންތިޒާމު ކުރާ ޖަމިއްޔާތައް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މީގެ ތެރެއިން 19 ޖަމިއްޔާއަކުން ކަދުރު ހޯދުމަށް އެދި ނަން ނޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން އެއްވެސް ޖަމިއްޔާއަކަށް މިހާތަނަށް ކަދުރު ދޫކޮށްފައި ނުވާ ކަމަށެވެ.

މި އަހަރު ސައުދީ ސަރުކާރުންވަނީ ދިވެހިރައްޔިތުންނަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އެ ކަދުރު ބަހަން ފެށީ މިދިޔަ މަހުގެ 20ގައެވެ.

comment ކޮމެންޓް