އުޅަނދުތަކުގެ އަހަރީ ފީ ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާގެ ފައިސާއާއި އެ ނޫން ވެސް ޖޫރިމަނާގެ ފައިސާ، އިންސްޓޯލްމެންޓް އުސޫލުން ބަހައިލައިގެން ދެއްކުމުގެ ފުރުސަތު ހުޅުވާލުމުން މިހާތަނަށް 58 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އަހަރީ ފީއާއި ޖޫރިމަނާގެ ފައިސާ އިންސްޓޯލްމެންޓް އުސޫލުން ބަހާލައިގެން ދައްކަން ހުޅުވާލުމުން މިހާތަނަށް 58 ފަރާތަކުން އެޕްލިކޭޝަން ހުޅުވާލާފައި ވާކަމަށާއި އަދި 20 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދީފައި ވާކަމަށެވެ.
އަހަރީ ފީއާއި ޖޫރިމަނާ ފައިސާގެ ތެރެއުން ނުދައްކާ ހުރި ފައިސާ އެކީ އެއް ފަހަރާ ދައްކަން ދަތިވާ މީހުންނަށް ލުއިފަސޭހަ ގޮތެއްގައި އެ ފައިސާ ދައުލަތަށް ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ޓަކައި ގަވާއިދެއް އެކުލަވާލައި، ނިމިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުވަނީ ގެޒެޓުކޮށްފައެވެ.
އިންސްޓޯލްމެންޓް އުސޫލުން ބަހާލައިގެން އުޅަނދުގެ އަހަރީ ފީއާއި ޖޫރިމަނާތައް ދައްކަން ބޭނުނަވާ ފަރާތްތަކަށް މިނިސްޓްރީއިން ކަނޑައަޅާފައިވާ ޝަރުތުތަކަކީ:
- ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ އިތުރުވެފައިވުން
- ފައިސާ ދެއްކުމުގެ ސުންގަޑި ފާއިތުވެފައިވުން
- މި ގަވައިދުގެ ދަށުން ފައިސާ ބަހައިލައިގެން ދެއްކުމަށް ހުށަހެޅުން
- މީގެ ކުރިން ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުން
- އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައިވުން
އިންސްޓޯލްމެންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައި، މަގުބޫލު އުޒުރެއް ނެތި 30 ދުވަސް ވެއްޖެ ނަމަ އެ އެއްބަސްވުން ބާތިލުކުރުމުގެ އިޚުތިޔާރު ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ލިބިދީފައިވެއެވެ.
ޓްރެފިކް މައްސަލަތަކުގައި ކޮންމެ އަހަރަކު ވެސް ބޮޑު އަދަދުތަކުން މީހުން ޖޫރިމަނާކުރެވޭއިރު އެކި ފަހަރު މަތިން ސަރުކާރުން ޖޫރިމަނާތައް މާފުކޮށްފައިވެސް ވެއެވެ.